Roadha Mihaaru
"މުއިއްޒަކީ ރާއްޖެއަށް މިވަގުތަށް ލިބުނު ނިއުމަތެއް"

ޑރ. މުއިއްޒަކީ ރާއްޖެ އަށް މި ވަގުތަށް ލިބުނު ނިއުމަތެއް: ޝަހީމް

02 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖެ އަށް މިވަގުތަށް ލިބުނު ނިއުމަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖެ އަށް މިވަގުތަށް ލިބުނު ނިއުމަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށެވެ.

މިއީ ރާއްޖޭގެ ގައުމީ ބަހާތައް ވަރުގަދަކޮށް، ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައި އޮތް ވަގުތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ރާއްޖެ އަށް މިވަގުތަށް ވަރަށް މުހިންމު ނިއުމަތެއް މުއިއްޒު ރާއްޖޭގެ ޒައާމަތާ [ވެރިކަމާ] ހަވާލުވެ ހުރުމަކީ. މި ހާލަތަކީ މިއީ، ތާރީހީ ފަތްފުއްތަކަށް ނަޒަރު ހިންގާލާއިރު ކޮންމެ އުންމަތަކަށް ވެސް 100 ފަހަރުން އެއް ފަހަރު އަންނަ ފުރުސަތެއް،" ޝަހީމް ވިދާޅުވި އެވެ.

ޒަކާތު ހައުސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް މިއަދު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ހައުސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޝަހީމް މިއަދު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިފަދަ ވެރިކަމެއް ކޮންމެ އުންމަތަކަށް ވެސް އަންނަނީ 100 އަހަރުން އެއްފަހަރުގައި ކަން ތާރީހުން ހާމަވާ ކަމަށާއި މިއީ ގައުމީ ފޭރާމާއި ޝަހުސިއްޔަތު އަލުން އިޔަދަކުރުމަށް އޮތް ފުރުސަތެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފުރުސަތު އަޅުގަނޑުމެން ނަގައިލައިގެން ނުވާނެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު އެދެނީ، އިލްތިމާސް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ހިއްޕެވުމަށް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަހީމް ވަނީ ޒަކާތުގެ ނިޒާމު ފުރިހަމަ ކުރަން ވައުދުވެވަޑައިގަތުމަށް ފަހު، އެކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސަކީ ޑރ. މުއިއްޒު ކަމަށް ވެސް ވިދާޅުވެފަ އެވެ.

އޭނާ ވަނީ ރައީސްގެ މެނިފެސްޓޯގައި ޒަކާތަށް އިސްކަމެއް ދެއްވައި، ޒަކާތު ހައުސް އުފެއްދުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.