Roadha Mihaaru

ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރާނެ

މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރާނެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ސެޕްޓެމްބަރ 2025

މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މާދަމާ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގަ އެވެ. އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގަ އެވެ. ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގަ އެވެ.

މިނިސްޓްރީން ރަށްތަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.

"ވީމާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ތިޔަ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދެއްވުން އެދެމެވެ." މިނިސްޓްރީން ފޮނުވި ސާކިއުލާގައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.

މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު ބްލަޑް މޫން މާދަމާ ރޭ ފެންނާނެ އެވެ.

އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު އާދީއްތަ ދުވަހުގެ ރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެ އެވެ. މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.

ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ވިލާ 81 ޕަސެންޓަށް ހުންނާނެ ކަމަށާއި ކުޑަކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގެ އުތުރު ސަރަހައްދުގައި 83 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ބެލެވޭއިރު ދެކުނުގައި 70 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.