Roadha Mihaaru
ކުޑަކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން

15-13 އަހަރުގެ ކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން: ޑރ. ޝަހީމް

28 ޖުލައި 2021

މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އެދުނަސް ނަމާދުގެ ހުކުމުތައް ދަންނަ، ޝަރުއީ ގޮތުން ބާލިޣު ވެފައިވާ އުމުރުން 13-15 އަހަރުގެ ކުދިން އެކަން ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓްރީގެ އެންގުމާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އެދުނަސް ނަމާދުގެ ހުކުމުތައް ދަންނަ، ޝަރުއީ ގޮތުން ބާލިޣު ވެފައިވާ އުމުރުން 13-15 އަހަރުގެ ކުދިން އެކަން ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓްރީގެ އެންގުމާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ ހުޅުމާލޭ ސަހަރާގެ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ޖަމާއަތުގައި ނަމާދުކުރި މައްސަލައެއް ވަރަށް ފަހުން ވެސް ފެންމަތިވި ކަމަށާއި އެ މައްސަލަ މިނިސްޓްރީން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އަންގައި އަންނަ ހަފުތާގައި ސާކިއުލާއެއް ނެރުމަށް ވެސް އޭނާ ވަނީ ނިންމަވައިފަ އެވެ.

މިކަމާ ހިތްހަމަޖެހިވަޑައިނުގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ގުރުއާން ކިޔަވައި، ގުރުއާން ހިތުދަސް ކުދިންނަށް އެ ފުރުސަތު ދިނުމަކީ އޭނާ އަށް ފެނިވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކަމެއް ކަމަށެވެ.

ކުޑަކުއްޖަކު ގޮސް [މިސްކިތުގެ ކުރީ ސަފުގައި] ކުރިން އިށީނދެއްޖެ ނަމަ އެ ކުއްޖާ ބޭރު ނުކުރެވޭނެ. ހާއްސަކޮށް ހަތް އަހަރުގެ ކުދިން،"---ޑރ. ޝަހީމް

"[އިމާމުންނަކީ] ރަސްމީ އިނާމުތަކާއި ވަކި ފާހެއް އޮންނަން ޖެހޭ ބައެއް ނަމަވެސް ރީތިކޮށް ކިޔަވައި، ގުރުއާން ހިތުދަސް ކުދިންނަށް ފުރުސަތު [އިމާމުވެ ޖަމާއަތުގައި ނަމާދުކުރުން] އެއްކޮށް ބަންދުވެގެން ނުވާނެ. އިސްލާމީ އުސޫލަކީ ވެސް އެއީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑައިރު މިސްކިތަށް ދިއުމުން ބައެއް ފަހަރު އިމާމުކަން ހަވާލުކުރޭ."

ޑރ. ޝަހީމް ވިދާޅުވީ، މިސްކިތުގައި ނަމާދަށް ކުރީ ސަފުގައި ކުޑަކުއްޖަކު ހުއްޓަސް އެ ކުއްޖާ ފަހަތަށް ޖައްސައި، ބޭރުކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތުގައި ކުރީ ސަފުގެ ޖާގައަކީ އެ ތަނުގައި ކުރިން ތިބި ބައެއްގެ ހައްގެކެވެ.

"ކުޑަކުއްޖަކު ގޮސް [މިސްކިތުގެ ކުރީ ސަފުގައި] ކުރިން އިށީނދެއްޖެ ނަމަ އެ ކުއްޖާ ބޭރު ނުކުރެވޭނެ. ހާއްސަކޮށް ހަތް އަހަރުގެ ކުދިން،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވިގޮތުގައި، ކުޑަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެ ކުދިން ބަލައިގަންނަކަން ކުދިންނަށް އިހުސާސް ވާން ޖެހޭނެ އެވެ.

"ސުންނަތަކީ ކުޑަކުދިންނަށް މިސްކިތުން ލޯތްބާއި އިހުތިރާމް ދިނުން، އެ ކުދިންނަކީ ޖަމާއަތުގެ ބައިވެރިން ކަމުގެ އިހުސާސް ވުން،" އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވިގޮތުގައި، އިމާމުންނާ މިސްކިތްތައް ހަވާލު ކުރަނީ ބަންގި ގޮވުމާއި ނަމާދު ކުރުމަކީ އެ އިމާމަކު ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ބަންގި ގޮވުން އަދި އިމާމުވެ މިސްކިތުގައި ނަމާދު ކުރުމަކީ އިމާމު މީހާ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.