Roadha Mihaaru
ނަމާދު ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް

އައްޑޫގައި ނަމާދުގެ ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް

17 ފެބުރުއަރީ 2021

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިން އަށް ލުމާ ގުޅިގެން، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް މެދުކަނޑާލައި އެ މުއްދަތު މިއަދު ހަމަވެފައިވާތީ އެ މުއްދަތު އިތުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިން އަށް ލުމާ ގުޅިގެން، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް މެދުކަނޑާލައި އެ މުއްދަތު މިއަދު ހަމަވެފައިވާތީ އެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ އިޝާ ނަމާދާ ހަމައަށް ޖަމާއަތް ނުހަދަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް މިއަދު ނިންމި އިރު އައްޑޫގެ ހަތް ދުވަހުގެ މޮނިޓަރިންގެ މުއްދަތު ވެސް އިއްޔެ ހަމަވުމާ އެކު އިތުރު ހަފުތާއަކަށް މޮނިޓަރިންގެ ހާލަތު ވަނީ ދަންމާލައިފަ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މެދުކަނޑާލުމާއި އެއް އަވަށުން އަނެއް އަވަށަށް ނުދިއުމާއި މި މަހުގެ 23 އާ ހަމައަށް ރޭގަނޑު ކާފިއު ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.

އައްޑޫން މިހާތަނަށް ކޮވިޑްގެ 63 ކޭސް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެއްސަކާއި 26 ބިދޭސީންނެވެ. އަދި ތިން މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭ އިރު، ތިން މީހަކު ތިބީ އޮބްޒަވޭޝަންގަ އެވެ.

އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއެއް އޮތް ނަމަވެސް އެ ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާތީ މިހާތަނަށް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފައިވެ އެވެ.

ނަމަވެސް ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް އެއްކޮށް ނިންމާނީ މިހާރު ނަގަމުން އަންނަ ހުރިހާ ރޭންޑަމް ސާމްޕަލްތަކެއް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށް އީއޯއީސީން ބުންޏެވެ.