Roadha Mihaaru
ހުރިހާ މިސްކިތެއްގައި ޖަމާއަތް ހެދުން މެދުކަނޑާލައިފި

ކޮވިޑް-19: ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

19 އެޕްރީލް 2020

މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެން ފަށާފައިވަނިކޮށް، މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި ތަރާވީހް ނަމާދު ކުރުން މި މަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހުރިހާ މިސްކިތެއްގައިވެސް ވަގުތަށް ބަންގި ގޮވާނެ އެވެ. އަދި ބަންގިއާ އެކު ގޭގައި ނަމާދު ކުރުމަށް ދިވެހިން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެގޮތަށް ނިންމީ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ. އަދި އަންނަ ހުކުރު ދުވަހު ރޯދަ މަސް ފެށޭއިރު ތަރާވީހް ނަމާދާއި ސުންނަތް ނަމާދުތައް ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔެވުމަށާއި މާޔޫސް ނުވެ ގިނަގިނައިން ﷲ އަށް ދުއާ ދެންނެވުމަށް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

މިދިޔަ މަހުގެ 18 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި އިއްޔެ އިން ފެށިގެން އައްޑު އާއި ފުވައްމުލަށް ގައި ވެސް ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ.

އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ގިނަބަޔަކު އެއްވެ އުޅުމަކީ ކޮވިޑް-19 ފެތުރެން އޮތް ބޮޑު ފުރުސަތަކަށް ވާތީ އެވެ.

ކޮރޯނާވައިރަސް ރާއްޖޭގައި އެންމެ ހަލުވިކަމާ އެކު، މިހާރު ފެތުރެނީ މާލޭގަ އެވެ. މިއަދާ ހަމައަށް އެ ވައިރަހަށް މާލެ އިން އެކަނި 31 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.