މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.
14 ޖޫން 2020
މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާއެއްގައި ބުނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ހުޅުވުން އެންމެ ރަނގަޅު ކަމަށެވެ. މި ނިންމުން އައީ އެޗުޕީއޭ އާއި ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ޓީމުގެ އިތުރުން ދީނީ އިލްމުވެރިންގެ ވެސް ލަފަޔާ އެކު ކަމަށް، އޭގައި ބުނެފައިވެ އެވެ.
އެ ސާކިއުލާގައި ބުނީ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅާ އެކު، ޖަމާއަތް ހެދުމަކާ ނުލައި މިސްކިތްތަކުގައި ނަމާދުކުރަން ހުޅުވައިލަން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭ އާއި ޓެގް ޓީމުގެ އިތުރުން ދީނީ އިލްމުވެރިން ވެސް ލަފާދީފައިވާ ކަމަށެވެ
މިސްކިތްތައް ހުޅުވުމުގެ ހުއްދަ މި ދިނީ، ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18ގެ އަސްރު ނަމާދުން ފެށިގެންނެވެ. އޭގެ ފަހުން، ކޮވިޑް-19 ގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް، އެ މުއްދަތު އައީ އިތުރު ކުރަމުންނެވެ. އެކަމަކު، މާލެ އިން ކޮވިޑް-19 ގެ މީހަކު އޭޕްރީލް 15 ގައި ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން މިސްކިތްތައް ވެސް ބަންދުކުރި އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް މި ހުޅުވައިލީ އެންމެ ފަހުން ދިން މުއްދަތު މިއަދުގެ އަސްރު ނަމާދަށް ހަމަވާތީ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކޮވިޑް-19 އެންމެ ފަސޭހައިން ފެތުރެނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުންނެވެ. އެހެންވެ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިސްކިތްތައް ބަންދުކުރަން ސަރުކާރުން ނިންމީ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވަން ނިންމިއިރު، ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލައި، މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދޭން ނިންމައިފަ އެވެ. އެގޮތުން، އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދީ، ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެ އެވެ.
- މިސްކިތުގައި ކާޕެޓު ނޭޅުން.
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން.
- ސައިބޯނިލައިގެން އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
- އެއާކޯން ބޭނުން ނުކުރުން.
- ވުލޫއު ކޮށްގެން މިސްކިތަށް ދިއުން.
- މުސައްލައެއް ގެންދިއުމާއި މާސްކް އެޅުން.
- ސޯޝަލް ޑިސްޓެންސިން ބެހެއްޓުން.
- މުސައްލަ އެޅުމުގައި ސޯޝަލް ޑިސްޓެންސި ބެހެއްޓުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނަމާދުކުރުން.
- ރޯގާ، ހުން އައިސް، ކެއްސާ ނަމަ މިސްކިތަށް ނުދިއުން.
- ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން.
- ފުއްޕާމޭގެ ބަލީގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން.
- މިސްކިތާއި މިސްކިތުން ބޭރުގައި ވެސް މީހުންނާ ސަލާމް ނުކުރުން.
- މިސްކިތުގައި ހުންނަ ހަތިމްތައް ބޭނުން ނުކުރުން.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މާލެ ސަރަހައްދުގެ ލޮކްޑައުން ލުއި ދިނުން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާތީ، ހާލަތަށް ރިއާޔަތް ކޮށް، އިތުރު ލުއިތައް ދިނުމަށް އެޗްޕީއޭ އިން ނިންމައިފި ނަމަ ޖަމާއަތުގައި ނަމާދުކުރުމަށް ވެސް އެ ލުއި ދޭނެ އެވެ.
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި
ލޮކްޑައުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި