Roadha Mihaaru
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި

ކޮވިޑް-19: މާލެ ފިޔަވައި އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އުވާލައިފި

15 ޖޫން 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެގޮތަށް ނިންމެވިއިރު، ކޮވިޑް-19 ޖެހިފައިވާ މީހަކު އޭޕްރީލް 15 ގައި މާލެ އިން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް މިއަދުން ފެށިގެން ވަނީ ބޮޑު ލުއިތަކެއް ދީފަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެ އެެވެ.

މައިމޫނާ، ސޮއިކުރައްވައި ރޭ ނެރުނު އެންގުމެއްގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން މިއަދުން ފެށިގެން ބާތިލް ކަމަށެވެ.

ހާއްސަ ފިޔަވަޅުތައް އުވާލުން

އެހެން ކަމުން ޖަމާއަތުގައި ނަމާދު ކުރުމާއި ގިނަ ބަޔަކު އެއްވެ ކުރާ ކަންކަން ކުރުމަށް މިހާރު ރަށްތަކުގައި މަނަލެއް ނުވާނެ އެވެ. ހުއްދަ ނެގުމަކާ ނުލައި މާލެ ފިޔަވައި އެހެން ރަށްތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ އެވެ.

ކުރިން އޮތް ގޮތުން ވެސް މިއަދުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ އެވެ. މިސްކިތްތައް ހުޅުވައިލަން މިއަދާ ހަމައަށް ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ، އެޗްޕީއޭ އިން މޮނިޓަރިން އަށް ލާފައިވާ މާލެ އާއި ކުރިން އެ ހާލަތުގައި އޮތް ނ. މަނަދު އެވެ. އެކަމަކު، މޮނިޓަރިން އުވައިލިތާ މިއަދަށް 14 ދުވަސް ހަމަވުމުން، މަނަދޫގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި މިހާރު ނަމާދު ކުރެވޭނެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 2,035 އަށް އަރާފައިވާއިރު، މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އާއި އެއަތޮޅު ހިންމަފުށިންނެވެ. އައްޑޫގައި ކަރަންޓީން ކޮށްފައިވާ މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.