Roadha Mihaaru
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"

ގޭގައި ތިބި ދުވަސްވީ މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި: މަބްރޫކް

15 ޖޫން 2020

މާލެ އިން ކޮވިޑް-19 ފެނުމާއެކު އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭއިރު އަދިވެސް ބައްޔާ މެދު ސަމާލުވެގެން އުޅުމަށާއި ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންނާ ހަމަ އަށް ބަލި ގެންދާ ބަޔަކަށް ނުވުމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ އިން ކޮވިޑް-19 ފެނުމާއެކު އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭއިރު އަދިވެސް ބައްޔާ މެދު ސަމާލުވެގެން އުޅުމަށާއި ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންނާ ހަމަ އަށް ބަލި ގެންދާ ބަޔަކަށް ނުވުމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ދޭން ބާއްވާ ސިލްސިލާ މީޑިއާ ބްރީފިންގައި މަބްރޫކް ވަނީ މި ލޮކްޑައުން ތެރޭގައި ވެސް އުމުރުން ދުވަސްވީ ގިނަ ބަޔަކު ޕޮޒިޓިވް ވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.

"އިއްޔެ ޚަބަރު ލިބުނީ 92 އަހަރުގެ މީހަކު ޕޮޒިޓިވްވި ކަން، އަނެއްކާ މިއަދު އައިސް ވަން އިރަށް މި އެނގުނީ 83 އަހަރުގެ މީހަކު ޕޮޒިޓިވްވިކަން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ލޮކްޑައުން ލުއިކޮށް ހުޅުވާލަން ތައްޔާރުވެފައި ވަނިކޮށް މި ދެރޭ އެކަނި ވެސް ލިބިގެން މި ދިޔައީ ސިގްނަލެއް ކަމަށާއި އެކަމަށް ސަމާލުކަންދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް އަދި ތިބޭފުޅުންނަށް މި ވެދާނެ ރޯގާއަކަށް، އެކަމަކު ތިބޭފުޅުން ބަލި ގެންދަވަނީ ކާކަށްތޯ އެބަޖެހޭ ބަލަން، ފަހަރުގަ ބަލި އެ ގެންދެވެނީ ވަރަށް އުނދަގޫ ބިރުވެރި ހާލަތަކާ ކުރިމަތިވާ މީހަކަށް ވެސް ވެދާނެ" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި މި ބަލި ޖެހުނު ގިނަ މީހުންނަށް ބަލީގައި ބޮޑުވަރު ނުވެ ބަލިން ސަލާމަތްވެފައިވާކަން މަބްރޫކް ފާހަގަކުރެއްވި އެވެ. ނަމަވެސް ބަލީގައި ހައިރިސްކް މީހުން އެބަ ތިބި ކަމާއި، ބޭރަށް ނުކުތުމަށް ފަހު އެނބުރި ގޮސް ގެ އަށް ވަންނަ އިރު ގޭގައި ތިބި ހައިރިސްކް މީހުންނާ މެދު ވިސްނައި އެ މީހުންނަށް ބަލި ޖެހުމަށް ފުރުސަތު ކުޑަ ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

އަޅުގަނޑަށް އަދި ތިބޭފުޅުންނަށް މި ވެދާނެ ރޯގާއަކަށް، އެކަމަކު ތިބޭފުޅުން ބަލި ގެންދަވަނީ ކާކަށްތޯ އެބަޖެހޭ ބަލަން: މަބްރޫކް

ރާއްޖޭން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ 69 މީހަކު ހިމެނެ އެވެ. އެއީ 60 އަހަރާއި 70 އަހަރާ ދެމެދުގެ 43 މީހުންނާއި 70 އަހަރާއި 80 އަހަރާ ދެމެދުގެ 13 މީހުންނާއި 80 އަހަރާއި 90 އަހަރާ ދެމެދުގެ 11 މީހަކާއި 92 އަހަރުގެ ދެ މީހެކެވެ.

އުމުރުން 80 އަހަރުން މަތީގެ ދެ މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ލޮކްޑައުން އަށް އެންމެ ފުރަތަމަ ދިން ލުއީގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން 8:00 އަށް ބޭރަށް ނުކުމެ އުޅެން އޮތީ ހުއްދަ ދީފަ އެވެ. މާދަމާ އިން ފެށިގެން ފަތިހު 5:00 އާއި ރޭގަނޑު 10:00 އާ ދެމެދު އެންމެންނަށް ވެސް ބޭރަށް ދެވޭ ގޮތަށް ހަމަޖައްސާފައި ވިޔަސް ހެނދުނު 8:00 އަށް އަދިވެސް ހާއްސަކޮށްފައި އޮތީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންވެ އެ މީހުންނަށް ހާއްސަ ވަގުތުގައި އެހެން މީހުން ބަލައިގެން އުޅުމަށް މަބްރޫކް އިލްތިމާސްކުރެއްވި އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ ތިން މަސް ވެފައިވާއިރު މިހާތަނަށް 2،035 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 1،311 މީހުން ވަނީ ރަނގަޅުވެފަ އެވެ.