Roadha Mihaaru
ލޮކްޑައުން އުވާލެވޭ ހާލަތަކަށް އަދި ނާދޭ: އަމީން

ލޮކްޑައުން، ހަތަރު ދުވަހުން އުވައިލެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: އަމީން

25 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފަައި އޮތް އޮތުން ހަތަރު ދުވަސް ތެރޭގައި އުވާލެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފަައި އޮތް އޮތުން ހަތަރު ދުވަސް ތެރޭގައި އުވާލެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަަރަށް މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފެނުމާ އެކު، އެ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ވަނީ މި މަހުގެ ނިޔަލަށް ލޮކްޑައުންކޮށްފަ އެވެ. އޭގެ ފަހުން، ކޮވިޑް-19 މާލޭގައި ޖެހިފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ލޮކްޑައުންއާ މެދު ކުރިއަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ގޮތެއް ނިންމަވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ލޮކްޑައުންގެ އަމުރަށް ގިނަ ބަޔަކު ތަބާވެފައިވާ ކަން ފާހަގަވަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާ އަކީ، މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓްތައް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަ ވުން ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އެކަމަކު، އަދިވެސް އެކި ތަންތަނުން އެކި ކްލަސްޓާތައް ފެންނަމުންދާތީ، އަމީން ވިދާޅުވި ގޮތުގައި މިވަގުތުގެ ހާލަތު އަދި އޮތީ ލޮކްޑައުން އުވާލައި އާންމު ހާލަތަށް ގެނެވޭ ގޮތަކަށް ނޫނެވެ. މި ހާލަތު ބަދަލުވާން ވަގުތު ނަގާނެ ކަމަށާއި މި ހާލަތުގައި ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭ ލޮކްޑައުން ވީއްލަންޖެހޭ ހާލަތަކަށް އައިސްދާނެ ކަމަށް،" އަމީން

ޑިރެކްޓަ ޖެނެރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަރުކުރު ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުން ދެނެގަނެ އެ މީހުންގެ ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އަދި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ލޮކްޑައުންއެއްގައި އޮވެގެން އެކަން ކުރުމަކީ ބަލި ފެތުރޭ މިންވަރު މަދު ކުރެވި ކޮންޓެކްޓުން ދެނެގަންނަން ވެސް ފަސޭހަ ގޮތެއް ކަމަށް ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އަދިވެސް ބާއްވާފައި އޮތީ މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ކޮންޓެކްޓްސް ނުހޯދޭތީ އެވެ.

"މިގޮތަށް ކަންތައް ކުރަމުންދާ ހާލަތެއްގައި [ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާއިރު] އިތުރު މޫވްމަންޓްސް ގެނައުމަކީ މީގެ ތެރެއަށް ވަރަށް ގިނަ ކޮމްޕްލިކޭޝަންތަކެއް ވަދެގެން ހިނގައިދާނެ ކަމެއް" މައިމޫނާ ވިދާޅުވި އެވެ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ، ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ، ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އޭނާ ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނީ މާލެތެރެއިން އެ ބަލި އެހެން ތަނަކަށް ފެތުރުނަ ނުދިނުމަށާއި އެހެން ރަށަކުން އަންނަ އިތުރު ބަޔަކަށް ބަލި ޖެހުނަ ނުދިނުމަށް ކަމަށެވެ.

މައިމޫނާ ވިދާޅުވީ މީގެ މައިގަނޑު ބޭނުމަކީ ބަލި ފެންނަ އިރު އެ ބަލި ޖެހިފައި ތިބި މީހުންގެ އިތުރަށް އެހެން ބަޔަކު މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. އަދި އެއްވެސް ރަށަކުން މި ބަލި ފެނިއްޖެ ނަމަ ވެސް އަމަލުކުރާނީ ހަމަ މާލެއާ މެދު މިހާރު އަމަލުކުރާ އުސޫލުން ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 129 އަށް އަރާފައިވާއިރު، މާލެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މަތީގަ އެވެ.