Roadha Mihaaru
ރާއްޖޭގައި ވެސް ގޭގައި ނަމާދުކުރަން އެދި ބަންގިގޮވައިފި

ގޭގައި ނަމާދުކުރަން އެދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަންގި ގޮވައިފި

18 މާޗް 2020

މިހާރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާ އެކު، ގޭގައި ނަމާދުކުރަން އެދި ފުރަތަމަ ފަހަރަށް، ރާއްޖޭގައި މިއަދު ބަންގި ގޮވަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާ އެކު، ގޭގައި ނަމާދުކުރަން އެދި ފުރަތަމަ ފަހަރަށް، ރާއްޖޭގައި މިއަދު ބަންގި ގޮވަން ފަށައިފި އެވެ.

މިއަދު މެންދުރު ނަމާދަށް ގޮވި ބަންގިއަށް ހަ ކަލިމައެއް ވަނީ އިތުރުކޮށްފަ އެވެ. އަދި އިތުރުކުރި ކަލިމަތަކުގެ މާނަ ދިވެހިން ވެސް ގޮވި އެވެ.

އިތުރު ކުރި ބައިގައި ގޮވަނީ "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވާ!" މިގޮތަށެވެ.

ރާއްޖޭގެ އިތުރުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާ ކުވެއިތު ފަދަ ގައުމުތަކުގައި ވެސް ބަންގި ގޮވަނީ ގޭގައި ނަމާދު ކުރުމަށް އެދެމުންނެވެ.

މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުނުކުރާށާއި ހުކުރު ނަމާދު ވެސް ނުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި ނަމަވެސް މިސްކިތްތައް ބަންދެއް ނުކުރެ އެވެ. އަދި ފަސް ވަގުތު ބަންގި ގޮވަން ވެސް ވަނީ ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެގޮތަށް ނިންމީ ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން އެއް ތަނަކަށް ޖަމާވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ނަމަވެސް ގޭގައި ނަމާދުކޮށް، މި ބަލިމަޑުކަމުން ސަލާމަތްވޭތޯ ދުއާކުރަން މިނިސްޓަރު އެދިވަޑައިގަތެވެ.

ރާއްޖޭގައި މި ގޮތަށް ނިންމި އިރު ސައޫދީ އަރަބިއްޔާ އިން ވަނީ ދެ ހަރަމްފުޅު ކަމަށްވާ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ހުއްޓާލައިފަ އެވެ. އިސްލާމީ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު މިހާރު ވަނީ ފެނިފަ އެވެ. އެކަމަކު އެއީ މުޅިން ވެސް ޓޫރިސްޓުންނާއި ރިސޯޓްގައި އުޅޭ ބިދޭސީ މުވައްޒަފުންނެވެ. މިހާތަނަށް ކޮރޯނާވައިރަސް ހުރި ނުވަތަ އެ ވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު ދިވެއްސެއް އަދި ނުފެނެ އެވެ.