Roadha Mihaaru
ހުރިހާ ރަށެއްގައި ވެސް ކޭތަނަމާދު ކުރުން މިރޭ އޮންނާނެ

ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރުން އޮންނާނެ

27 ޖުލައި 2018

މިރޭ ހިފާ ހަނދު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިރޭ ހިފާ ހަނދު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުން މިރޭ 10:14 ގައި ހިފާ ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ ފަތިހު 4:28 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް، އެ ރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި މިރޭ 11:30 ގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒުގަ އާއި މަސްޖިދުލް އިޚްލާސް (ވިލިނގިލި) އާއި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ސާނީ (ހުޅުމާލެ ބޮޑު މިސްކިތް) ގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ހަނދުކޭތަ އަށް ފަހު ހާއްސަ ޚުތުބާއެއް ކިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިރޭ ހިފަނީ ފުރިހަމަ ހަނދު ކޭތަ އެވެ. ފުރިހަމަ ކޭތައަކަށް ވުމުގެ އިތުރުން، މިއީ 21 ވަނަ ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ ވެސް މެ އެވެ. ހަމަ އެއާ އެކު، ފުރިހަމަ އަށް ކޭތަ ހިފާފައި ހުންނަ އިރު، ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގަ އެވެ. މަޝްހޫރު ނަމުން ނަމަ މިރޭ ކޭތަ ހިފާފައި ހުންނަ ވަގުތު ފެންނާނީ "ބްލަޑް މޫން" އެކެވެ.