Roadha Mihaaru
ޖަމާއަތުގައި ނަމާދުކުރުން އައްޑޫގައި މެދުކަނޑާލަނީ

އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަނީ

09 ފެބުރުއަރީ 2021

އައްޑޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރޭގެ ފަތިސް ނަމާދާ އެކު އައްޑޫގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމކިކް މިނިސްޓްރީން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރޭގެ ފަތިސް ނަމާދާ އެކު އައްޑޫގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމކިކް މިނިސްޓްރީން ނިންމައިފި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި މެދުކަނޑާލަނީ މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދާ ހަމައަށެވެ. މިނިސްޓްރީން ބުނީ މިގޮތަށް ނިންމި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ފެންނާތީ ކަމަށާއި އެހެންވެ އެންމެން ވެސް ގޭގައި ނަމާދުކުތަން އެދޭ ކަމަށެވެ.

މިދިޔަ އަހަރު ވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޕްރީލް މަހުގެ މެދުތެރޭގައި ގާތްގަނޑަކަށް މަހެއްހާ ދުވަހަށް އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މިހާރު މޮނިޓަރިން އަށް ލައި ކޮންޓްރެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު، އެކި ކަހަލަ ފިޔަވަޅުތައް އިއްޔެ އާއި މިއަދު ވެސް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުމާއި ސެލޫންތަކާއި ޖިމްތައް ބަންދުކުރުމާއި ކުޅިވަރު ކުޅޭ ތަންތަނާއި ކުޅިވަރު ހަރަކާތްތައް ހުއްޓާލުމާއި އެކިއެކި ހަފުލާތަކާއި ރަސްމިއްޔާތުތައް ވާޗުއަލްކޮށް ނޫނީ ނުބޭއްވުމާއި އޮފީސްތައް އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މެދުކަނޑާލުމާއި އެއް އަވަށުން އަނެއް އަވަށް ދިއުން މަނާކުރުމާއި ވަކިން އޮންނަ ހުޅުމީދޫގެ ފެރީގެ ހިދުމަތް މެދުކަނޑާލުމާއި ސްކޫލްތައް ބަންދުކުރުމާއި އާންމު މައިޒާންތަކަށް ދިއުން މަނާކުރުމާއި ގާޑިޔާ ވިޔަފާރި ހުއްޓާލުން ހިމެނެ އެވެ.

އައްޑޫގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު 50 އަށް އަރަ އެވެ. މީގައި ހިމެނެނީ މައިގަނޑު ދެ ކްލަސްޓާއެކެވެ. އެއީ ބިދޭސީންތަކެއް ޕޮޒިޓިވްވި ހުޅުމީދޫ ކްލަސްޓާ އާއި އޭވިއޭޝަން ކޮމާންޑާ ގުޅުން ހުރި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އެވެ.