Roadha Mihaaru
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި

އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި

01 މެއި 2021

ކޮވިޑް-19 ގެ ކޭސްތައް އައްޑޫން ފެނުން އިތުރުވުމާ ގުޅިގެން މުޅި އައްޑޫ އަނެއްކާ ވެސް މިއަދު ބަންދުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ކޭސްތައް އައްޑޫން ފެނުން އިތުރުވުމާ ގުޅިގެން މުޅި އައްޑޫ އަނެއްކާ ވެސް މިއަދު ބަންދުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ފިޔަވަޅު އަޅާފައި މި ވަނީ އައްޑޫގެ މީހުން އުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ކޮވިޑްގެ ކޭސްތަކެއް ފެނި، އެ އަވަށަށް ވެސް އަރައި ފޭބުން މިދިޔަ ބުރާސްފަތި ދުވަހު މަނާކޮށްފައި ވަނިކޮށް، ފޭދޫން ވެސް ކޮވިޑްގެ ކޭހެއް މިއަދު ފެނުމާ ގުޅިގެންނެވެ.

އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ފޭދޫން ޕޮޒިޓިވް މީހާ އަކީ ހިތަދޫ ފްލޫ ކްލިނިކަށް މިއަދު ދެއްކުމުން މެންދުރު ފަހު ޕޮޒިޓިވް މީހެކެވެ. އެހެންވެ، މިހާރު މުޅި އައްޑޫގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން އައްޑޫ އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ނަމަވެސް މި ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ކުރިން އެޅި ކަހަލަ ގިނަ ފިޔަވަޅުތަކެއް އެޅިކަން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބަލިން ރައްކާތެރިކަން ހޯދުމަށް އާންމުކޮށް ކުރަން އިރުޝާދު ދީފައިވާ ކަންކަމަށް އިސްކަން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. އޭގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާކުރުން މެދުކަނޑާލުމާއި އެ އަވަށުން އަނެއް އަވަށަށް ދިއުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުމުގެ އިތުރުށް ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން ހިމެނެ އެވެ.

އޭރު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލީ މަސް ދުވަސް ފަހުންނެވެ.