30 ޖެނުއަރީ 2022
އައްޑޫން ކޮވިޑް-19 ކޮންޓްރޯލް ނުވެ، ފެތުރެމުންދާތީ އަނެއްކާވެސް އަޅާނެ ފިޔަވަޅުތައް ކަނޑައަޅަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އައްޑޫން ކޮވިޑް-19 ކޮންޓްރޯލް ނުވެ، ފެތުރެމުންދާތީ އަނެއްކާވެސް އަޅާނެ ފިޔަވަޅުތައް ކަނޑައަޅަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މި އަހަރު ފެށުނު ފަހުން އައްޑޫގެ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ އިރު، މިހާރު ވެސް އެ ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު 800 އާ ގާތްކުރެ އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނި ވެސް 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 798 އަށް އަށް އަރަ އެވެ.
މި ނަމްބަރުތަކަށް އިޝާރާތް ކުރައްވަމުން، އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "މިހާރު" އަށް ވިދާޅުވީ، އަދަދު އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވިޔަސް މި ދަނޑިވަޅުގައި އޮތް ހިތްހަމަޖެހުމަކީ ބަލީގައި ހާލަތު ގޯސްވެ، އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ ނިސްބަތް ކުރިއަށް ވުރެ މަދުވުން ކަމަށެވެ.
ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން އައްޑޫގައި މިހާރު ފަރުވާ ދެނީ ދެ މީހަކަށެވެ.
ޝުއާއު ވިދާޅުވި ގޮތުގައި އައްޑޫގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހުރިހާ އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
Addu City Covid-19 case status as of 29th January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/UwEgE4OkqY
— Addu Emergency Operations Center (@EOCaddu) January 30, 2022
"ބައެއް މީހުން ކޮވިޑް މިހާރު އެހާ ސީރިއަސްކޮށް ނުނަގާކަން ފާހަގަކުރެވޭ. އެ ވިސްނުމާ އެކު އަމަލުތައް ބެހެއްޓޭ ގޮތުން ކޭސްތައް އިތުރުވުމަށް މަގުފަހިވޭ. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މި ބަލި އެއްވެސް ބަޔަކު ލުއިކޮށް ނުނެގުމަށް. އަދި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ވެސް އަމަލުކުރަން،" އޭނާ ވިދާޅުވި އެވެ.
"އޭރުން ހަގީގަތުގައި އައްޑޫގެ ސިއްހީ ދާއިރާ އޮތް ބުރަ ވެސް ކުޑަވެގެން ދާނީ."
ޝުއާއު ވިދާޅުވީ، ކޮވިޑާ ގުޅިގެން މި ވަގުތު ހަރުކަށި އެއްވެސް ފިޔަވަޅެއް ނެތަސް، ކުރިން ވެސް އަމަލުކުރަމުން އައި ފިޔަވަޅުތަކަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.
"އަޅުގަނޑުމެން އަދިވެސް އެންމެ ބޮޑަށް އެދެނީ ގިނަ ބަޔަކު އެއްވެގެން ހިންގާ އެކި ހަރަކާތްތައް އެއްގޮތަކަށް ވެސް ނުބޭއްވުމަށް. ނުވަތަ އެފަދަ ކަންކަން ވީހާ ވެސް ބޮޑަށް މަދުކުރުން. މި ދަނޑިވަޅުގައި މިފަދަ ކަންކަމަކަށް ސަމާލުކަން ދޭން ޖެހެނީ އެންމެންގެ ރައްކަލަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
"އަދި ބައްޔަށް ޓެސްޓްކުރަން އިސްކަން ދިނުމަކީ ވެސް މުހިއްމު. މިހާރު އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ވަރަށް ފަސޭހަކޮށް ސާމްޕަލް ނެގޭގެ އިންތިޒާމުތައް ވެސް ހުންނާނީ ހަމަޖެހިފައި."
އައްޑޫގެ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. ކައުންސިލާއި އީއޯސީ އާއި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އަންނަނީ އެޗްޕީއޭގެ އިރުޝާދާ އެކު ހާލަތު ވަރަށް ގާތު ބަލަމުންނެވެ.
"މި ވަގުތު ވަކި ހާއްސަ ރެސްޓްރިކްޝަންތަކެއް ނެތަސް މި ހަފުތާގެ ހާލަތަށް ބެލުމަށް ފަހު، އެޅިދާނެ ފިޔަވަޅުތަކަކާ ދޭތެރޭ ވެސް ގޮތްތަކެއް ނިންމޭނެ. އެކަމުގެ މަޝްވަރާތައް އެބަ ހިނގާ،" ޝުއާއު ވިދާޅުވި އެވެ.
"މީގެ ތެރެއިން ވަރަށް މުހިއްމު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަނީ މާލެ އިން އައްޑު އަށް ދަތުރުކުރާ އިރު ނެގެޓިވިް ޕީސީއާރް ޓެސްޓެއް އޮތުން. މިހާރު ދަތުރުކުރުމުގައި އެއްވެސް ރެސްޓްރިކްޝަނެއް ނެތީމާ ހަގީގަތުގައި ކޮންޓެކްޓްވުން އިތުރުވެ، ބަލި އިތުރަށް ފެތުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން [މާލެއިން އައްޑު އަށް] ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް ކަނޑައެޅުމަށް."
އައްޑޫގެ ކޮވިޑްގެ ހާލަތު މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑުތަނުން ރަނގަޅުވި އެވެ. އެހެންވެ، ގިނަ ދުވަސްތަކެއް ވަންދެން އިއުލާންކުރި މޮނިޓަރިންގެ ހާލަތު މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި އުވައިލި އެވެ. އޭގެ ފަހުން ކޭސްތައް އިތުރުވާން ފަށައި މިހާރު ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު، އެކްޓިވް ކޭސްތައް އެންމެ ގިނައީ އާބާދީ ބޮޑު ހިތަދޫގަ އެވެ. އެ އަވަށުގައި 372، ފޭދޫގައި 138، މީދޫގައި 87، މަރަދޫގައި 71، ހުޅުދޫގައި 66 އަދި މަރަދޫފޭދޫގައި 46 ކޭސް އުޅެ އެވެ. އަދި މީހުން އުޅޭ އަވަށްތަކުގެ ބޭރުން 18 ކޭސް އުޅެ އެވެ.
ކޮވިޑްގައި އައްޑޫން މިހާތަނަށް 15 މީހަކު މަރުވެފައިވެ އެވެ.
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އާ އަހަރާއެކު އައްޑޫގައި ކޮވިޑް ކޭސްތައް މައްޗަށް
ކޮވިޑް-19: އައްޑޫގައި އެންމެ ހާލަތު ގޯހީ ހިތަދޫ
ކޮވިޑް: އައްޑޫން ބަލިން ރަނގަޅުވި އަދަދު 38 އަށް
ކޮވިޑް-19: އައްޑޫގެ ކޭސްތައް 14 އަށް ދަށްވެއްޖެ
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް