Roadha Mihaaru
ކޮވިޑް-19: އައްޑޫގެ ކޭސްތައް 14 އަށް ދަށްވެއްޖެ

ކޮވިޑް-19: އައްޑޫގެ ކޭސްތައް 14 އަށް ދަށްވެއްޖެ

10 މާޗް 2021

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 78 މީހަކު މިހާރު ބަލިން ރަނގަޅުވެފައި ވާތީ އެކްޓިވް ކޭސްތަކުގެ އަދަދު 14 އަށް ދަށްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 78 މީހަކު މިހާރު ބަލިން ރަނގަޅުވެފައި ވާތީ އެކްޓިވް ކޭސްތަކުގެ އަދަދު 14 އަށް ދަށްވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން (އީއޯސީ) އިން ބުނީ، އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 92 ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން ނަމަވެސް އެންމެން ވެސް ބަލިން ރަނގަޅުވެ، މިހާރު އެޑްމިޓްކޮށްގެން ފަރުވާދޭ މީހަކު ނެތެވެ.

މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑް ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް ދެ އަވަށެއް ފިޔަވައި ހުރިހާ އަވަށަކުން މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ ހިތަދޫން 22، ފޭދޫން 17، މީދޫން 14 އަދި މަރަދޫފޭދޫން ހަތަރު މީހެކެވެ. މިއީ ދިވެހިން ކަމަށް ވިޔަސް ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އިން ޕޮޒިޓިވްވި 35 މީހުންނަކީ ބިދޭސީންނެވެ.

ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު ވެސް ގިނަ އެވެ.

މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައި ނުވަނީ މަރަދު އާއި ހުޅުދޫންނެވެ.

މިދިޔަ މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ވެސް ދެމުން އަންނަ އިރު އިއްޔެގެ ނިޔަލަށް 10،900 މީހުން ވެކްސިން ޖަހާފައިވެ އެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 400 އެއްހާ މީހުން ވެކްސިން ޖަހަ އެވެ.

އީއޯސީން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ ދުވާލަކު ވެކްސިން ޖަހާ އަދަދު 1،000 އަށް އިތުރުކުރުމެވެ. ނަމަވެސް މިހާތަނަށް އަދި އެ އަމާޒަށް ވާސިލެއް ނުވެ އެވެ.