Roadha Mihaaru
އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު!

ކޮވިޑްގައި އައްޑޫގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެ ކަމުގެ ބިރު!

12 ޖެނުއަރީ 2022

މިދިޔަ އަހަރުގެ ފަހުކޮޅު އައްޑޫގެ ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވި ނަމަވެސް އާ އަހަރާއެކު، މިހާރު ދުވަހުން ދުވަހަށް ކޭސްތައް އިތުރުވަމުންދާތީ މީގެ ސަބަބުން ބަލިޖެހޭ މީހުން އިތުރުވެ، ފަރުދާ ދިނުމަށް ދަތިވެދާނެތީ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު އައްޑޫގެ ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވި ނަމަވެސް އާ އަހަރާއެކު، މިހާރު ދުވަހުން ދުވަހަށް ކޭސްތައް އިތުރުވަމުންދާތީ މީގެ ސަބަބުން ބަލިޖެހޭ މީހުން އިތުރުވެ، ފަރުދާ ދިނުމަށް ދަތިވެދާނެތީ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ތަނުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ކޭސްތައް މަދުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންވެ، އާންމު އެއްވުންތަކާއި ހަފުލާތަކާއި ކުޅިވަރު ހަރަކާތް ފަދަ ކަންކަން މި ދުވަސްކޮޅު ވީހާ ވެސް ބޮޑަށް މަދުކުރަން ނުވަތަ އެއްކޮށް ހުއްޓައިލުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، ހަތަރު މަހެއްހާ ދުވަސް ފަހުން އާ އަހަރާ ދިމާކޮށް، އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލި ފަހުން އާންމު އެކިއެކި ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެކަމަކު، މިހާރު ކޭސްތައް އިތުރުވަމުންދާ ނިސްވަތަށް ބަލާ އިރު، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފަރުވާދޭން ދަތިވެދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ މި ހާލަތު އެހާ ލުއިކޮށް ނުނެގުމަށް ނިޒާރު އެދިވަޑައިގަތެވެ.

"މާލޭގައި ހުރި ވަސީލަތްތަކެއް [ކޮވިޑަށް ފަރުވާ ދިނުމާ ގުޅޭ] އައްޑުއަކު ނެތް. އަދި ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ނެތް. މާލެ ފިޔަވައި މި ވަސީލަތްތައް އެންމެ ރަނގަޅަށް ގާއިމުވެފައި މި ވަގުތު ހުރީ ވެސް އައްޑޫގައި،" ނިޒާރު ވިދާޅުވި އެވެެ.

"އެހެން ނަމަވެސް މާބޮޑަށް ފެތުރިގެން ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފި ނަމަ ވަރަށް އުނދަގޫ ހާލަތަކަށް ދާނީ."

އައްޑޫގެ ކޮވިޑްގެ ކޭސްތައް މިދިޔަ އަހަރު 300 އަށް އަރައި އަހަރު ނިމުމާ ގާތްވަމުން އައި އިރު 50 އިން ދަށަށް ދިޔަ ނަމަވެސް ކޭސްތައް މިހާރު ވަނީ އަނެއްކާވެސް 200 އާ ގާތްކޮށްފަ އެވެ. އެގޮތުން އީއޯސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 159 އެވެ. ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު ހިތަދޫގައި 94، މީދޫގައި 23، ހުޅުދޫގައި 15، ފޭދޫގައި 12، މަރަދޫ އަދި މަރަދޫފޭދޫން ކޮންމެ އަވަށެއްގައި ހަ ކޭހުގެ އިތުރުން މީހުން ދިރިނޫޅޭ އަވަށްތަކުގެ ބޭރުން ތިން ކޭސް ހިމެނެ އެވެ.

ކޭސްތައް ދަށްވި ދުވަސްކޮޅު އައްޑޫގެ ބައެއް އަވަށްތަކުގައި ކޭސްތަކެއް ނެތިވެސް ދިޔަކަން ފާހަގަކުރެވުނެވެ.

އީއޯސީން ބުނި ގޮތުގައި އިއްޔެ އިރުއޮއްސުމާ ހަމައަށް އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ 29 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު މަރުވެފައިވާ އިރު، މިހާރު ވެސް ދަނީ އެޑްމިޓްކޮށް އެކަކަށް ފަރުވާދެމުންނެވެ.