Roadha Mihaaru
ކޮވިޑް-19: އައްޑޫގައި އެންމެ ހާލަތު ގޯހީ ހިތަދޫ

ކޮވިޑް-19: އައްޑޫގައި އެންމެ ހާލަތު ގޯހީ ހިތަދޫ، ބަލި ޖެހިފައިވާ 110 މީހަކު އެބައުޅޭ

20 ޖޫން 2021

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯހީ ހިތަދޫގައި ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯހީ ހިތަދޫގައި ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އޭޕްރީ މަހުގެ ފަހުކޮޅުން ފެށިގެން އައްޑޫގައި ކޮވިޑް ފެތުރެމުންދާއިރު، ހިތަދު އާއި މަރަދޫ ފިޔަވައި އެހެން އެއްވެސް އަވަށެއްގައި މިހާރު ކޮވިޑް ޖެހިފައިވާ މީހަކު ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުންޏެވެ.

ނަމަވެސް އައްޑޫގައި އާބާދީ އެންމެ ބޮޑު ހިތަދޫގައި ކޮވިޑް ކޭސްތައް ދަނީ މަތިވަމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީންގެ ކްލަސްޓާއަކާ އެކު ހިތަދޫގެ ކޭސްތައް މިދިޔަ ހަފުތާ އިން ފެށިގެން އިތުރުވާން ފެށި އިރު، މިހާރު އެ އަވަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 110 އަށް އަރަ އެވެ. އިއްޔެ އެކަނި ވެސް ހިތަދޫން 16 މީހަކަށް ކޮވިޑް ޖެހުނެވެ.

ހިތަދޫގައި ކޮވިޑް ފެތުރުން ހުއްޓުމެއް ނެތި ކުރިއަށް ދާތީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ އަވަށް އޮތީ ލޮކްޑައުންއެއްގަ އެވެ. ކުރިން އައްޑޫގެ ހުރިހާ އަވަށެއްގައި ކާފިއު ހިންގީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކަމަށް ވިޔަސް ހިތަދޫގެ ކާފިއު ވަގުތު ފަހުން ވަނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެސް އިތުރު ކޮށްފަ އެވެ. އެހެންވެ، ހިތަދޫ މިހާރު އޮންނަނީ ފުލް ލޮކްޑައުންއެއްގަ އެވެ. ބޭރަށް ނުކުމެވޭނީ ހުއްދަ އޮންނަ މީހުންނަށެވެ.

ހިތަދޫ ފިޔަވައި އައްޑޫގައި ދެން ކޮވިޑް އެކްޓިވް ކޭސްތަކެއް އުޅެނީ މަރަދޫގަ އެވެ. އެކަމަކު އެ އަވަށުގައި މިހާރު އުޅެނީ ކޮވިޑް ޖެހިފައިވާ އެންމެ ދެ މީހެކެވެ.

އައްޑޫ އީއޯސީން ބުނިގޮތުގައި ކޮވިޑް ޕޮޒިޓިވް އެއްވެސް ކޭހެއް މިހާރު ނެތް އަވަށްތަކަކީ ވަކިން އޮންނަ ހުޅުދު އާއި މީދޫގެ އިތުރުން ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ފޭދު އާއި މަރަދޫފޭދޫގަ އެވެ. އަދި ކުރިން ދެތިން ކޭހެއް އުޅުނު އައްޑޫގެ ރިސޯޓުތަކުގައި ވެސް މިހާރު ކޮވިޑް ބަލީގެ މީހަކު ނެތެވެ.

ހުޅުދު އާއި މީދު އަކީ އޭޕްރީލް މަހުގެ ތެރޭގައި ކޮވިޑްގެ ކޭސްތަކެއް އެންމެ ފުރަތަމަ ފެނުނު ދެ އަވަށް ވެސް މެ އެވެ. ނަމަވެސް ކޭސްތައް ދަށްވަމުން ގޮސް މިހާރު އެއްވެސް ކޭހެއް ނެތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިިން އިއްޔެ ވަނީ ހުޅުމީދޫގެ މޮނިޓަރިންގެ ހާލަތު ވެސް އުވާލައިފަ އެވެ. އެ ދެ އަވަށް މޮނިޓަރިން އަށް ލީ އެޕްރީލް މަހުގެ 29 ގަ އެވެ.

އަދި އައްޑޫގެ އެހެން އަވަށްތައް މިދިޔަ މަހުގެ 1 ގައި މޮނިޓަރިން އަށް ލީ ގޮތަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

އައްޑޫގައި މިދިޔަ އެޕްރީލް މަހު ކޮވިޑް ކޭސްތައް އިތުރުވާން ފެށި ފަހުން، އެ ސިޓީން ޖުމުލަ 419 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ތެރެއިން 305 މީހުން ރަނގަޅު ވެފައިވެ އެވެ. މި ވަގުތު އެޑްމިޓްކޮށްގެން ދެ މީހަކަށް ފަރުވާދެމުން އަންނަ އިރު، މިދިޔަ މަހުގެ ތެރޭގައި ދެ މީހަކު މަރުވެފައިވެ އެވެ.