Roadha Mihaaru
އައްޑޫގެ އަދަދުތައް އަދިވެސް 100 އިން މަތީގައި

ކޮވިޑް-19: އައްޑޫގެ އަދަދުތައް އަދިވެސް 100 އިން މަތީގައި

27 މެއި 2021

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން މިހާތަނަށް 72 މީހަކު ބަލިން ރަނގަޅުވިޔަސް އަދިވެސް އެކްޓިވް ކޭސްތަަކުގެ އަދަދު ހުރީ 100 އިން މަތީގައި ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން މިހާތަނަށް 72 މީހަކު ބަލިން ރަނގަޅުވިޔަސް އަދިވެސް އެކްޓިވް ކޭސްތަަކުގެ އަދަދު ހުރީ 100 އިން މަތީގައި ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.

އެތަނުން ބުނީ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 170 ކަމަށެވެ. މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށި ފަހުން މިހާތަނަށް 244 މީހަކަށް ބަލި ޖެހި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ ދެ މީހަކު މަރުވެފައިވެ އެވެ.

މި ވަގުތު ހޮސްޕިޓަލްގައި ފަރުވާދެނީ ދެ މީހަކަށެވެ.

އައްޑޫގައި އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައި ވަނީ އާބާދީ އެންމެ ބޮޑު ހިތަދޫންނެވެ. ހިތަދޫގައި 105 މީހަކު މިހާރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ހުޅުދޫން 34، ފޭދު އާއި މަރަދޫން ކޮންމެ އަވަށަކުން 10، މީދޫން ހަތެއް، މަރަދޫފޭދޫން އެކަކު އަދި ރިސޯޓުތަކުން ތިން މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ.

އައްޑޫން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ހައެއްގައި ހުރި އިރު އޭގެ ކުރީ ދުވަހު 15 މީހަކު ޕޮޒިޓިވްވި އެވެ.

ކޮވިޑާ ހެދި މި މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން ހިމެނެ އެވެ.