Roadha Mihaaru
އައްޑޫގެ ވިޔަފާރި އާއި އެއްގަމު ދަތުރުތަކަށް ލުއިތަކެއް

ކޮވިޑް-19: އައްޑޫގެ ވިޔަފާރި އާއި އެއްގަމު ދަތުރުތަކަށް ލުއިތަކެއް ދީފި

14 މެއި 2020

ކޮވިޑް-19 ގެ ފެތުރުނަ ނުދިނުމަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ވިޔަފާރި އާއި އެއްގަމު ދަތުރުފަތުރުތަކަށް އައްޑޫ ސިޓީ ކައުންސިލުން ހާއްސަ އުސޫލުތަކަކާ އެކު މިއަދު ލުއިތަކެއް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ފެތުރުނަ ނުދިނުމަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ވިޔަފާރި އާއި އެއްގަމު ދަތުރުފަތުރުތަކަށް އައްޑޫ ސިޓީ ކައުންސިލުން ހާއްސަ އުސޫލުތަކަކާ އެކު މިއަދު ލުއިތަކެއް ދޭން ނިންމައިފި އެވެ.

އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ތަކުން ހުއްދަ ދޫކުރާ ފިހާރަތައް ވަކި ވަކި ވަގުތުތަކެއްގައި ހުޅުވައިލުމުގެ ހުއްދަ ދޭން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން، ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 3:00 އަށް، ހުކުރު ދުވަހު ހެނދުނު 08:00-11:00 އަށް، އަދި މެންދުރުފަހު 1:30 އިން 3:00 އަށެވެ.

މި ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، އެ އަވަށެއްގެ އެސްއެސްޑީީގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދެވޭނެ އެވެ.

ފިހާރަތައް ހުޅުވައިގެން ހުއްދަ ދިނުމުގައި ބަލާނީ ކައުންސިލުން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ވިޔަފާރިތަކުން އަމަލުކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައި ވޭތޯ ކަމަށާއި އެކަން ކަމަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަވެގެން ކޮންމެ ފަހަރަކު ހަތަރު ކަސްޓަމަރަކު ވައްދައިގެން ހިދުމަތް ދިނުމާއި ކަސްޓަމަރުންނާއި ފިހާރައިގެ ކޭޝިޔަރުންނާ ދެމެދު ތިން ފޫޓަށް ވުރެ ދުރުގައި ތިބެ މުޢާމަލާތް ކުރުން ފަދަ ކަންކަމެވެ.

އައްޑޫގެ ވިޔަފާރި މި ވަގުތު ބަރޯސާވެފައި އޮތީ ޑެލިވަރީއަށެވެ.

ކޮވިޑް-19އާ ދިމާކޮށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން މަނާކޮށް، އެ ކަމަށް ފުލުހުންގެ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެއްގަމު ދަތުރުފަތުރަށް މިހާރު ވަނީ ލުޔެއް ދީފަ އެވެ. އެގޮތުން. ހިތަދޫގައި ދިރިއުޅޭ މީހުންނަށް ކޮންމެ ހަފުތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން މެންދުރު ފަހު 3:00 އަށް ގުޅިފައިވާ އެހެން އަވަށްތަކަށް ދަތުރުކުރެވޭނެ އެވެ.

މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ދިރިއުޅޭ މީހުން އެހެން އަވަށްތަކަށް އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހަމަ އެ ގަޑިތަކުގައި ދަތުރުކުރެވޭނެ އެވެ. އެކަމަކު ދަތުރުކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

ކައުންސިލުން ބުނިގޮތުގައި، އަލަށް އަލަށް އެކުލަވާލައި އާންމުކުރި ގައިޑްލައިންތަކަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.