Roadha Mihaaru
ގައިދުރުކަމެއް ނެތި މިހާރު ނަމާދު ކުރެވޭނެ

ކޮވިޑް-19: ގައިދުރުކަމެއް ނެތި މިހާރު މިސްކިތްތަކުގައި ނަމާދުކުރެވޭނެ

02 އެޕްރީލް 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ހަމަޖެއްސި ހަމަޖެއްސުން އިސްލާމިކް މިނިސްޓްރީން މިއަދު އުވާލައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ހަމަޖެއްސި ހަމަޖެއްސުން އިސްލާމިކް މިނިސްޓްރީން މިއަދު އުވާލައިފި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މަހުގެ އެކެއްގަ އެވެ.

އެކަމަކު މަހެއްހާ ދުވަހަށް ފަހު، އެ ނިންމުމަށް ބަދަލު ގެނެސްފައި ވާތީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދު ކުރިޔަސް އެންމެ ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވެ އެވެ.

ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ހެދި ނަމަވެސް ތިމާ އާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށާއި މިސްކިތަށް ދާއިރު މާސްކު އެޅުމާއި މުސައްލަ ގެންދިއުމާއި އަމިއްލަ މުސައްލަ މަތީގައި ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

"މި ދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތށް އަމަލުކުރުމަށާއި ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ހެޔޮ އަމަލުތައް ގިނަކޮށް، މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ،" އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ މުހިންމު ބައެއް ފިޔަވަޅުތަކަށް ލުއިދީ، އަނެއްބައި ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން އުވައިލަމުން ދާއިރު، މިދިޔަ ބުދަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް ވަނީ ރެކޯޑް އަދަދަކަށް ރާއްޖެ އިން ކޮވިޑަށް މީހުން ޕޮޒިޓިވް ވެފަ އެވެ. އެއީ 300 އެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދަށް ވުރެ ބޮޑަށް ކޮވިޑް ފެތުރި ހާލަތު ގޯސްވަމުން ދަނީ އެހެން ރަށްރަށުގަ އެވެ.