Roadha Mihaaru
ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް

ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް އިމާރާތްކުރަން ފަށައިފި

31 މާޗް 2021

އައްޑޫ ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އައްޑޫގެ ދެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމާއި ޖަމިއްޔަތުލް އުލަމާގެ އިސް ނެގުމަކަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ނޫރުލް އިސްލާމްގެ ރައީސް ޝެއިހް މުހައްމަދު އަނީލް ވިދާޅުވީ، އަމާޒަކީ 300-350 މީހުންގެ ޖާގައިގެ މިސްކިތުގެ ހުރިހާ މަސައްކަތެއް އަންނަ ރޯދަ މަސް ފެށެންވާ އިރަށް އެއްކޮށް ނިންމައިލުން ކަމަށެވެ.

"މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެ ދަނީ. އެހެންވީމަ އެންމެ ލަސްވެގެން ވެސް ރޯދައިގެ އެއް ދުވަސް ކުރިއަށް ހުރިހާ މަސައްކަތެއް ނިންމައިލެވޭކަމުގެ އުންމީދު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށޭނީ އަންނަ މަހުގެ 13 ގަ އެވެ.

އަނީލް ވިދާޅުވި ގޮތުގައި އެއީ ދެ ޖިންސުގެ މީހުންނަށް ވަކިން ފާޚާނަތަކާއި އިސްކުރިބަރި ވެސް ހިމެނޭ ގޮތަށް ހަދާ މިސްކިތެކެވެ. މިސްކިތުގައި ހުކުރުކޮށް ރޯދަމަހުގެ ތަރާވީހު ނަމާދު ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ފްލެޓްތަކުގައި އުޅޭ މީހުންނަށް ވީހާ ވެސް ބޮޑަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ފެށުނު މަސައްކަތެއް މިއީ. މިހާރު މިސްކިތަކަށް ދާ ނަމަ ވަރަށް ދުރަށް ދާން ޖެހޭތީ އެކަމުގެ ތަކުލީފު ބޮޑުވެ، އެކަމުގެ ކަންބޮޑުވުންތަކެއް އަހަރެމެންނާ ހަމައަށް ވެސް އައިމާ އަހަރެމެން ދެ ޖަމިއްޔާ ގުޅިގެން ވަގުތީ މިސްކިތެއް ބިނާކުރަން ނިންމީ،" އަނީލް ވިދާޅުވި އެވެ.

އެ މިސްކިތް އިމާރާތްކުރަނީ ފްލެޓް ސަރަހައްދުގެ ޕްލޭންގެ ދަށުން ދާއިމީ މިސްއްކިތެއް އަޅަން ނިންމާފައި އޮތް ބިމުގަ އެވެ. އެހެންވެ ދާއިމީ މިސްކިތް އަޅަންދެން ވަގުތީ މިސްކިތް ބޭނުންކުރާނެ އެވެ.

އަނީލް ވިދާޅުވި ގޮތުގައި ވަރަށް ހަލުވި ސްޕީޑެއްގައި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭތީ އެއްވެސް ގޮތަކުން އެ މަސައްކަތަށް އެހީއެއް ދޭން ބޭނުންވާ ބަޔަކު ތިބި ނަމަ އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

"އަޅުގަނޑުމެންނާ ގުޅާލައިގެން އެކަން ކުރިއަށް ގެންދެވޭނެ. މިހާރު ވެސް މަސައްކަތް މި ކުރަނީ ދީލަތި ވަރަށް ގިނަ އެހީތަކާ އެކީގައި. އެހެންވީމާ އަދިވެސް ތަކެތީގެ ގޮތުން ވެސް އެއްވެސް އެހީތެރިކަމެއް ދޭން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އަައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެސް ހުރި ސަރަހައްދުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި މީހުން ދިިރިއުޅެން ފެށިތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެ ސަރަހައްދުން ލިންކް ރޯޑާ ކައިރީގައި އަމިއްލަ ފަރާތަކުން ވެސް ދާއިމީ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.