Roadha Mihaaru
އައްޑޫ ކައުންސިލްގެ ގުރުއާން މުބާރާތް ފަށައިފި

އައްޑޫ ކައުންސިލްގެ ގުރުއާން މުބާރާތް ފަށައިފި

08 ޖުލައި 2019

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ގުރުއާން މުބާރާތް" 279 ބައިވެރިންނާ އެކު އިއްޔެ ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ގުރުއާން މުބާރާތް" 279 ބައިވެރިންނާ އެކު އިއްޔެ ފަށައިފި އެވެ.

އައްޑޫ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ދެވަނަ މުބާރާތުގައި މި ފަހަރު 15 ސްކޫލަކުން ދަރިވަރުން ވާދަކުރެ އެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދާ މުބާރާތް ބާއްވަނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ.

އެއީ އެއީ 7 އަހަރާއި 9 އަހަރާއި 11 އަހަރާއި 13 އަހަރާއި 16 އަހަރު އަދި 21 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.

މި ފަހަރުގެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅުއްވާ އަދި އެކި މުބާރާތްތަކުގައި ޖަޖްކަން ކުރައްވާފައިވާ މަޝްހޫރު ތިން ގާރީއެކެވެ.

އައްޑޫ ޤުރުއާން މުބާރާތް ފެށުމުގެ ތެރެއިން.

ކައުންސިލުން ބުނި ގޮތުގައި މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާ އެކު ރީއްޗަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ. އަދި މިފަދަ މުބާރާތެއް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިޔަށް އޮތް ޖީލަށް ގުރުއާނުގެ އިލްމު ފޯރުކޮށްދީ ހުނަރުވެރި ކުދިންތަކެއް ބިނާކުރުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އަހަރުގެ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.