17 އޮކްޓޯބަރ 2023
ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވައި މިއަދު އެ ފޮތް ނެރުއްވައިފި އެވެ.
ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވައި މިއަދު އެ ފޮތް ނެރުއްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނެރުއްވި "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފޮތަކީ މަހާޒް ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ފުރަތަމަ ވޮލިއުމެވެ. މަހާޒްގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި 444 ސަފްހާގެ މި ވޮލިއުމް ނުވަތަ ބަޔަކީ މީގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ވޮލިއުމެވެ. މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމުން ކަމަށާއި ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެ ކަމަށް ލިޔުއްވާފައިވެ އެވެ.
ބްލޮގްގައި މަހާޒް ވިދާޅުވެފައިވާ ގޮތުގައި މިއީ 2015 ވަނަ އަހަރު އޭނާ ފެއްޓެވި މަސައްކަތެކެވެ. އެއީ މަހާޒްގެ ކޮއްކޮ ނިހާޒް ގުރުއާން ތަރުޖަމާއާ އެކު ނެރުނު މޯބައިލް އެޕް "ގުރުއާން އެމްވީ" ގައި ހިމެނި ތަރުޖަމާއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އެކި ފަރާތްތަކުން ލިބެމުން ދިޔަ ހިޔާލާއި ޝަކުވާތަކާ ގުޅިގެންނެވެ.
"މި ހިޔާލުތަކުން ފާހަގަވީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތަކެވެ. މި ހިޔާލުތައް ލިބެން ފެށުމުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އިސްލާހުކޮށް މުރާޖައާ ކުރުމުގެ ހިޔާލު އައެވެ. އަދި ކީރިތި ޤުރުއާނުގެ އައު ތަރުޖަމާއެއް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ ހިޔާލު ވެސް ކުރެވުނެވެ." މަހާޒްގެ ބްލޮގުގައިވެ އެވެ.
އެކަމަކު ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށުމުން އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމުގެ މުހިންމުކަމާ އެކު ހުލާސާ ތަފްސީރެއް ލިޔަން ނިންމެވީ ކަމަށް މަހާޒް ވިދާޅުވެފައިވެ އެވެ.
މަހާޒް ވިދާޅުވި ގޮތުގައި އޭނާ މި ފޮތް ލިޔުއްވުމުގައި، ސައޫދީ ސަރުކާރުން ޝާއިއު ކޮށްފައިވާ، "އައްތަފްސީރުލް މުޔައްސިރު" އާއި "އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް" އަށް ބަރޯސާވުމާ އެކު ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫއުތަކުގައި ބަލާފައި ވާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ތަފްސީރު ތަފާތުވަނީ ކޮންމެ އާޔަތެއްގެ ތަފްސީރު ފަރުވާތެރިކަމާ އެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދީފައިވާތީ އެވެ.
"ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކުރުމަށް ބާރު އެޅީމެވެ. ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރެއެވެ. އަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިންނެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ވެސް މެއެވެ." މަހާޒް ވިދާޅުވި އެވެ.
މި ފޮތް މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން މިހާރު ލިބެން ހުންނާނެ އެވެ. އަގަކީ 390ރ. އެވެ.
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ގުރުއާނުގެ އަޑަށް ގެރިތައް އެއްވާ ވީޑިއޯތަކެއް
ޤުރްއާން އެންދުމުން ތުރުކީ-ސްވިޑްން ގުޅުން ގޯސްވެއްޖެ
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!
ޗައިނާގެ އެޕް ސްޓޯރުން ގުރުއާން އެޕް ނަގައިފި
ކަރަންޓީނާ އެކު އިސްލާމް ދީނުގެ ހިދާޔަތު
ކީރިތި ޤުރުއާނުގައި އަޚްލާޤަށް ބާރުއަޅާ މިންވަރު
ކެތްތެރިވުމުގެ ފިލާވަޅުތައް ޚިޟްރުގެފާނުގެ ވާހަކަ އިން