Roadha Mihaaru
ޗައިނާގެ އެޕް ސްޓޯރުން ގުރުއާން އެޕް ނަގައިފި

ޗައިނާގެ އެންގުމަށް އެޕަލް އެޕް ސްޓޯރުން ގުރުއާން އެޕް ނަގައިފި

15 އޮކްޓޯބަރ 2021

ޗައިނާގެ ސަރުކާރުގެ އެންގުމަށް އެޕަލްގެ އެޕް ސްޓޯރުން ޗައިނާގައި ކީރިތި ގުރުއާންގެ އެންމެ މަގުބޫލު އެޕް ކަމަށްވާ "ގުރުއާން މަޖީދު" ޑައުންލޯޑްނުކުރެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ސަރުކާރުގެ އެންގުމަށް އެޕަލްގެ އެޕް ސްޓޯރުން ޗައިނާގައި ކީރިތި ގުރުއާންގެ އެންމެ މަގުބޫލު އެޕް ކަމަށްވާ "ގުރުއާން މަޖީދު" ޑައުންލޯޑްނުކުރެވޭ ގޮތަށް ހަދައިފި އެވެ.

މިކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނި އެޕަލްގެ އެޕްތައް މޮނިޓަކުރާ އެޕަލް ސެންސިޕް ކިޔާ ވެބްސައިޓަކުންނެވެ. މިކަމާ ބެހޭ ގޮތުން އެޕަލްގެ އޮފިޝަލަކު ވިދާޅުވީ ޗައިނާގައި އެޕް ސްޓޯރުން ގުރުއާން ޑައުންލޯޑްނުކުރެވޭ ގޮތަށް ހެދީ އެއީ އެ ގައުމުގައި ހުއްދަ ނޫން އެއްޗެއް ކަމަށް ބުނެ ޗައިނާ ސަރުކާރުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕަކީ ގުރުއާން އެޕްތަކުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެޕެވެ.

އަދި މިކަމާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މި އެޕް އުފެއްދި ޕީޑީއެމްއެސް އިން ބުނީ ޗައިނާގެ އެޕް ސްޓޯރުން ގުރުއާން އެޕް ނެގުމަށް ފަހު އެކަން އެޕަލް އިން އަންގާފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހުނީ އެ ކޮންޓެންޓަކީ ޗައިނާގައި މަނާ އެއްޗެއް ކަމަށް ސަރުކާރުން އެންގުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

"އަހަރެމެން މިހާރު މި ދަނީ ޗައިނާގެ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަނާ ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ހޯދޭތޯ ބަލަމުން،" އެޕް އުފެއްދި ކުންފުނިން ބުނެފައިވެ އެވެ.

ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އިސްލާމް ދީން ދީނެއްގައި ގޮތުގައި ބަލައިގަތަސް އެ ގައުމަކީ މުސްލިމުންނާ ދެކޮޅަށް ވަރަށް ބޮޑެތި ޖަރީމާތައް ހިންގާކަން އަންނަނީ ހާމަވަމުންނެވެ. ނަމަވެސް ޗައިނާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ޗައިނާގައި މުސްމިލުން ރޯދަ ހިފުމާއި މުސްލިމު އަންހެނުން ބުރުގާ އެޅުން ފަދަ ކަންކަމާ ދެކޮޅަށް ބޮޑެތި ކެމްޕޭނުތައް ހިންގައި މީހުން އެކަންކަން ކުރިޔަ ނުދޭން ހިފައި ހައްޔަރުކޮށްގެން ގެންގުޅޭކަން ވެސް ވަނީ ހާމަވެފަ އެވެ. އަދި އެ ގައުމުގައި މުސްލިމުން ގިނަ ޝިންޖިއާންގައި ދިރިއުޅޭ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމަށްޓަކައި، ވީގޫރް މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ އަކީ މި ފަހުން ޗައިނާއާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އެވެ.