Roadha Mihaaru
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!

ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!

25 އެޕްރީލް 2022

ބައްޕަ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ "ގިބްލަ ހައްޖު އެންޑް އުމްރާ" ގުރޫޕްގެ އިއްޔެ ރޭގެ ނަސޭހަތް ދިނުމުގެ ބައްދަލުވުމުގައި އެންމެން އަޅައިގަތީ އިލްޔަސައު މުހައްމަދު ޝަހީމް އަލީގެ ގުރުއާން ކިޔެވުމުގެ ރީތި ކަމެވެ. އެއީ ބައްޕަ ޝަހީމްގެ ރާގެވެ. ހަމަ އެ މަހުރަޖެވެ. ހީވަނީ ޝަހީމް ގުރުއާން ކިޔަވައި ވިދާޅުވާހެންނެވެ. އެހާ ވެސް އެއް ގޮތެވެ. ގުރުއާން ކިޔަވާ ވިދާޅުވުމުގައި ބައްޕަ ގެންގުޅުއްވާ ހުނަރު އެބަހުއްޓެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ބައްޕަ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ "ގިބްލަ ހައްޖު އެންޑް އުމްރާ" ގުރޫޕްގެ އިއްޔެ ރޭގެ ނަސޭހަތް ދިނުމުގެ ބައްދަލުވުމުގައި އެންމެން އަޅައިގަތީ އިލްޔަސައު މުހައްމަދު ޝަހީމް އަލީގެ ގުރުއާން ކިޔެވުމުގެ ރީތި ކަމެވެ. އެއީ ބައްޕަ ޝަހީމްގެ ރާގެވެ. ހަމަ އެ މަހުރަޖެވެ. ހީވަނީ ޝަހީމް ގުރުއާން ކިޔަވައި ވިދާޅުވާހެންނެވެ. އެހާ ވެސް އެއް ގޮތެވެ. ގުރުއާން ކިޔަވާ ވިދާޅުވުމުގައި ބައްޕަ ގެންގުޅުއްވާ ހުނަރު އެބަހުއްޓެވެ.

އުމުރުން މިހާރު 10 އަހަރުގެ އިލްޔަސައު އަށް ބައްޕަގެ ހުނަރު ނުލިބެންވީ ސަބަބެއް ނެތެވެ. ޝަހީމްގެ އެ ހަގު ދަރިފުޅު ތަރުބިއްޔަތު ކުރަނީ އޭނާގެ އިލްމީ މަސައްކަތްތައް ދަމަހައްޓައިދޭނެ ކުއްޖެއްގެ ގޮތުގަ އެވެ. ޝަހީމާއި އަނބިކަނބަލުން ފާތިމަތު އާފިޔާ ވަހީދާގެ އަޒުމަކީ ވެސް ޝަހީމްގެ އިލްމީ ކަންކަން ދަމަހައްޓާނެ ކުއްޖަކު އެ އާއިލާގެ ތެރެއިން ނެރުމެވެ.

"އަޅުގަނޑުމެން ދެ މީހުންގެ ވެސް ވަރަށް ބޮޑު އުންމީދެއް އެއީ. ދަރިފުޅު ކައިރީގައި ބުނެފައި ވެސް އޮންނާނެ ބައްޕަގެ އިލްމީ މަސައްކަތްތައް ދިރުވަން ވާނެއޭ. ދަރިފުޅުގެ އެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު. އަމިއްލަ އަށް އިސްނަގައިގެން ވެސް އިލްމީ ކަންކަން ކުރާނެ،" ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ އިލްޔަސައުއާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވި އެވެ.

ބައްޕައަކީ ރޯލްމޮޑެލްއެއް ކަމަށް ނިންމީ އަމިއްލަ އަށް

"ވަރަށް ބައްޕަ ވާނެ. މާޝާ ﷲ ޝަހީމްގެ ކުޑަކުޑަ ކޮޕީއެއް އެއީ. ބައްޕަ އުޅޭ ގޮތަށް އަބަދުވެސް އުޅެން ބޭނުންވާނީ،" އިލްޔަސައުގެ މަންމަ އާފިޔާ ވިދާޅުވި އެވެ.

އިލްޔަސައު ދައްކާ ވާހަކަ އާއި އަމަލަށް ބަލާއިރު އާފިޔާ އަށް އަބަދުވެސް ފާހަގަވާ ކަމަކީ ޝަހީމް ކުރައްވާ ކަންކަން ގާތުން ބަލައި އެ ގޮތަށް އުޅެވޭތޯ އެ ދަރިފުޅު ބަލާ ކަމެވެ.

"ބައްޕަގެ އިލްމު އިންސްޓިޓިއުޓާއި ކޮއްކޮމެން ޕްރީ ސްކޫލް ހިންގާށޭ ބޭނުންވެއޭ ބުނާނެ. އެކަމަކު ބޮޑަށް ބޭނުންވަނީ އިލްމު އިންސްޓިޓުޓްގައި އުޅޭށޭ ބުނާނެ. އެއީ ގުރުއާނުން ބޮޑަށް ކުރިއަށް ދެވޭނެތީ. ބުނާނެ ބައްޕަ ގޮތަށް ކޮއްކޮ ބޭނުންވަނީ ޝޭހަކަށް ވާށޭ. ވަރަށް ބައްޕަ ވެފައި ހުންނާނީ."

ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ މީހުންނަށް އިއްޔެ ރޭ ބޭއްވި ދީނީ ނަސޭހަތް ދިނުމުގެ ސެޝަންގައި އިލްޔަސައު ގުރުއާން ކިޔަވަނީ.

ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ މީހުންނަށް އިއްޔެ ރޭ ބޭއްވި ދީނީ ނަސޭހަތް ދިނުމުގެ ސެޝަންގައި އިލްޔަސައު ގުރުއާން ކިޔަވަނީ.

އިލްޔަސައު ވަރަށް ކުޑައިރުން ފެށިގެން ގުރުއާނަށް ލޯބިކުރަން ފަށައިފި އެވެ. ގުރުއާނުގެ އިލްމު އުނގެނެން ބޭނުންވެ އެވެ. ކިޔަވާއިރު މާނަ އެނގެން ވެސް ބޭނުންވެ އެވެ. ކިޔަވައިދޭއިރު ސުވާލު ކުރެ އެވެ.

"ފިލި ނޭނގޭއިރު ވެސް ހަދަހަދައިގެން ކިޔަވާނެ. ކީރިތި ރަސޫލާގެ ވާހަކަތައް ވަރަށް ކުޑައިރު ކިޔައި، އަޑުއަހަން ވެސް ފަށައިފި،" މަންމަ ވިދާޅުވި އެވެ.

މަންމަ ވިދާޅުވާ ގޮތުން އިލްޔަސައު ވަނީ އެ ދެމަފިރިން ބޭނުންވާނެ ފަދަ ކުއްޖަކަށެވެ. އެހާ ވަރަށް ދީނީ ކަންކަމަށް ފަރުވާތެރިވެ އެވެ. ތިމާގެ ނުވަތަ ރައްޓެހި ކުދިންގެ ގެއަކަށް ދިޔަސް އިލްޔަސައު ބޭނުންވާނީ އަމިއްލަ އަށް އިމާމުވެ ނަމާދު ކުރާށެވެ. އެއީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ.

ވަރަށް ބައްޕަ ވާނެ. މާޝާ ﷲ ޝަހީމްގެ ކުޑަކުޑަ ކޮޕީއެއް އެއީ. ބައްޕަ އުޅޭ ގޮތަށް އަބަދުވެސް އުޅެން ބޭނުންވާނީ،"--- މަންމަ އާފިޔާ

ޝަހީމަކީ ވެސް އިމާމުވެ ނަމާދު ކުރައްވާ އަދި ނަމާދުގައި ވަރަށް ރީއްޗަށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. ހާއްސަކޮށް އޭނާގެ ފަހަތުގައި ތަރާވީހު ނަމާދު ކުރަން ބޭނުންވާ މީހުން ގިނަ އެވެ. އެއީ ވެސް ޝަހީމް ގުރުއާން ކިޔަވާލެއް ރީތިކަމުންނެވެ. އޭނާގެ ހަގު ދަރިފުޅު ވެސް އެ ދަނީ އެ މަގުންނެވެ.

އިލްޔަސައު، ސްކޫލްގައި އެހެން ކުދިން ގޮވައިގެން އިމާމުވެ ނަމާދު ކުރަނީ: އިމާމުވެ ނަމާދުކުރާ ހިތް ވަރަށް ބޮޑަށް ވޭ.

އިލްޔަސައު، ސްކޫލްގައި އެހެން ކުދިން ގޮވައިގެން އިމާމުވެ ނަމާދު ކުރަނީ: އިމާމުވެ ނަމާދުކުރާ ހިތް ވަރަށް ބޮޑަށް ވޭ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް ދުވަސްވަރު ޝަހީމާއި އާއިލާ މެލޭޝިއާގައި އުޅުއްވި އިރު ވެސް އެޕާޓްމަންޓްގެ މީހުން އެއްތަނަކަށް އެއްކޮށްލައިގެން އިމާމުވެ ނަމާދު ކުރަނީ އެ ކުއްޖާ އެވެ. އީދު ނަމާދާއި ހުކުރު ނަމާދު އޭރު ވެސް އިމާމުވެ ކުރި އެވެ.

"މިހާރު ވެސް މާލޭގައި ޝަހީމް ވަރުބަލިވެގެން ތަރާވީސް ގޭގައި ކުރަން ނިންމާ ރެއެއްގައި އަށް ރަކްއަތް ކުރާނީ ދެ މީހުން ބަހާލައިގެން. ކޮއްކޮ [އިލްޔަސައު] ހަތަރު ރަކްއަތް، ޝަހީމް ހަތަރު ރަކްއަތް ކުރާނީ. ވަރަށް ބޭނުންވާނެ އަބަދުވެސް އިމާމުވެ ނަމާދުކުރަން. ގެއަކަށް ދިޔަސް އެންމެން އެއްކޮށް ޖަމާއަތުގައި އިމާމުވެ ނަމާދު ކުރަން ކޮއްކޮ ބޭނުންވާނެ،" މަންމަ ވިދާޅުވި އެވެ.

މި ފަހަރުގެ އުމްރާ އަށް ފުރުމުގެ ކުރިން އިލްޔަސައު އޭނާގެ މަންމަ އާފިޔާއާއެކު އެއާޕޯޓްގައި ފޮޓޯއެއް ނަގަނީ.

މި ފަހަރުގެ އުމްރާ އަށް ފުރުމުގެ ކުރިން އިލްޔަސައު އޭނާގެ މަންމަ އާފިޔާއާއެކު އެއާޕޯޓްގައި ފޮޓޯއެއް ނަގަނީ.

އިލްޔަސައު އެކި ރާގުރާގަށް މިހާރު ވެސް ގުރުއާން ކިޔަވަ އެވެ. އޭގެ ތެރޭގައި މައްކާގެ ހަރަމްފުޅުގެ އެންމެ އިސް އިމާމު ސުދޭސް އާއި ހަރަމްފުޅުގެ ދެން އެންމެ ސީނިއާ އެހެން އިމާމެއް ކަމަށްވާ ޝުރައިމްގެ ރާގަށް ކިޔަވަ އެވެ. އަދި ޝަހީމް ގެންގުޅުއްވާ ރާގަށް ވެސް ކިޔަވަ އެވެ.

"ބަންގި ވެސް ގޮވާނެ ވަރަށް ރީތިކޮށް. ގޭގައި މަންމަމެން ދައްތަމެން ގޮވައިގެން އިސްވެ ތަރާވީހު ނަމާދު ވެސް ކުރާނެ. އަޅުގަނޑު ވެސް ބައެއް ރޭރޭގައި ބައިވެރިވެލަން. ތަރާވީހު ނަމާދު ގޭގައި އަދި ކުރުވަނީ ފަރިތަ ކުރުވަން ވެގެން،" ޝަހީމް ވިދާޅުވި އެވެ.

އިލްޔަސައު، ބައްޕަ ޝަހީމާއެކު މައްކާގައި.

އިލްޔަސައު، ބައްޕަ ޝަހީމާއެކު މައްކާގައި.

އިލްޔަސައު މިހާރު ގެންދަނީ ގުރުއާން ހިތުދަސް ކުރަމުންނެވެ. މިހާތަނަށް ހަ ފޮތް ދަސްކޮށްފި އެވެ. ގުރުއާނުގެ އިތުރުން އަރަބިބަސް ވެސް ޝަހީމް ގެންދަވަނީ އެ ދަރިފުޅަށް ދަސްކޮށްދެއްވަމުންނެވެ.

"ކޮންމެ ދުވަހެއްގެ ހެނދުނު ގުރުއާނާއި އަރަބި ބަސް އަޅުގަނޑު ކިޔަަވައިދެން. އެއީ އަޅުގަނޑު ވަރަށް އިސްކަން ދޭ ކަމެއް. އަރަބި ބަހުން ވާހަކަ ދައްކާނެ މިހާރު ވެސް. މިހާރު އެ ކިޔަވާ ރާގުތައް ވެސް އަޅުގަނޑު ދަސްކޮށްދިނީ،" ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ދީނީ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މުސްކުޅިވާ ދުވަހު ވެސް މި ކަން ކުރާނެ ބަޔަކު ތިބެން ވާނެތާ."

ޝަހީމާއި އާފިޔާ، އެ ދެ ބޭފުޅުންގެ ތިން ކުދިންނާއެކު ފޮޓޯއެއް ނަންގަވަނީ.

ޝަހީމާއި އާފިޔާ، އެ ދެ ބޭފުޅުންގެ ތިން ކުދިންނާއެކު ފޮޓޯއެއް ނަންގަވަނީ.

ޝަހީމްގެ ތިން ކުދިންގެ ތެރެއިން އިލްޔަސައު ހާއްސަ ވަނީ ބައްޕަގެ އިލްމު ދަމަހައްޓާށެވެ. ދޮށީ ފިރިހެން ދަރިފުޅު ބޮޑަށް ހުރީ ސިޔާސީ ޝައުގުވެރިކަމެވެ. މިހާރު ވެސް ގެންދަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި ޕޮލިޓިކަލް ސައެންސްގެ ދާއިރާ އިން ކިޔަވަމުންނެވެ. އެ ދަރިފުޅު ވެސް ހުރީ ގާރީ ކޯސް ހަދައިފަ އެވެ. ދެވަނަ ދަރިފުޅު އަދި އަންހެން ދަރިފުޅު މި އަހަރު އޯ ލެވެލް ހަދާނެ އެވެ.

ޝަހީމް ވެސް ވިދާޅުވިގޮތުގައި، އޭނާ އަދާކުރެއްވި ހުރިހާ މަގާމުތަކަކަށް ދާން ހަގު ދަރިފުޅު އިލްޔަސައު ބޭނުންވެ އެވެ.

އިލްޔަސައު، ބައްޕަ ޝަހީމާއެކު އީދު ނަމާދެއްގައި ބައިވެރިވަނީ.

އިލްޔަސައު، ބައްޕަ ޝަހީމާއެކު އީދު ނަމާދެއްގައި ބައިވެރިވަނީ.

"އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ވާން ބޭނުމޭ ބުނާނެ،" އިސްލާމިކް ޔުނިވާސިޓީގެ ދެވަނަ ޗާންސެލަރުގެ މަގާމު ފުރުއްވި ޝަހީމް އޭނާގެ ހަގު ދަރިފުޅާ ބެހޭ ގޮތުން ވިދާޅުވި އެވެ.

ޝަހީމް ވެސް ކިޔަވައި ވިދާޅުވި އެއް ތަނަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީ ކަމަށް ވާއިރު، ދަރިފުޅު އިލްޔަސައު ވެސް ބޭނުންވަނީ އެ ތަނުގައި ކިޔަވާށެވެ.

އިލްޔަސައު މިހާރު ހުރީ ޝަހީމްއާއެކު އުމްރާގެ އަޅުކަމަށް މައްކާގަ އެވެ. އުމުރުން އެންމެ ދޮޅު އަހަރުގައި ވެސް އޭނާ ގޮވައިގެން ޝަހީމާއި އާފިޔާ އުމްރާއަކަށް ވަޑައިގަތެވެ. އެކަމަކު، އޭރު އިލްޔަސައުގެ ހަނދާނަކު އެ ކަމެއް ނުހުންނާނެ އެވެ. އެހެންވެ، މި ފަހަރު މިއީ އެ ކުއްޖާގެ ހަނދާނުން ނުފޮހެވޭނެ އުމްރާއަކަށް ވާނެ އެވެ.

"އަޅުގަނޑަށް ގުޅާފައި ބުނި މަންމަ އަށް ދުއާ ކޮށްދިނީމޭ. އެންމެ ހަނދާންވަނީ ކާ ގަޑީގައޭ،" މަންމަ ބުންޏެވެ.

އިލްޔަސައު: ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯހުޅުވޭ.

އިލްޔަސައު: ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯހުޅުވޭ.

އިލްޔަސައު އަކީ ދުނިޔެ އަށް ލޯ ހުޅުވިފައިވާ، ތޫނުފިލި ކުއްޖެކެވެ. އޭނާގެ ޝައުގުވެރިކަން ހުރީ ހަމައެކަނި ދީނީ ކަންކަމަކަށް ނޫނެވެ. ލޯބިކުރާ އަދި މަޝްހޫރު މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވެ އެވެ. އޭގެ ތެރެއިން އިލްޔަސައު އެންމެ ބޮޑަށް މައުލޫމާތު އެއްކުރާ އެކަކީ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް އެވެ. އިލެކްޓްރިކް ކާރު އުފައްދާ ބިލިއަނަރު އަދި ޓެސްލާގެ ސީއީއޯ އިލޯން މަސްކްގެ ޓެސްލާ ކާރުތައް އިލްޔަސައު އަށް ވަރަށް ކަމުދެ އެވެ.

"އެހެން އުޅޭއިރު ވެސް ކާރުތަކަށް ވަރަށް ބަލާނެ. ކިޔައިދޭނެ ޓޮޔޯޓާ އެކޭ، ނިސާން ކާރެކޭ ކިޔާފައި. ކާރުތަކަށް ވަރަށް ޝައުގުވެރިކަން ހުންނާނެ. ލެގޯ ވެސް ކުޅޭނެ،" އާފިޔާ ބުންޏެވެ.

ޝަހީމާއި އާފިޔާގެ ހަގު ދަރިފުޅާ މެދު ހަގީގަތުގައި ވެސް އެ ދެ ބޭފުޅުން ފަހުރުވެރިވާވަރުވެ އެވެ. ދީނީ ގޮތުން ރީތި ހުރިހާ ސިފަތަކެއް ގާތްގަނޑަކަށް އެބަހުއްޓެވެ. ނިކަމެތިންނަށް އެހީވާން ބޭނުންވެ އެވެ. ކަންކަމުގައި ޝަކުވާއެއް ނުކުރާނެ އެވެ. އެހާ ކުޑަޔަކަސް ގެންގުޅެން ފަސޭހަ އެވެ.

އިލްޔަސައު އަށް ދޮޅު އަހަރުގައި އުމްރާ އަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް.

އިލްޔަސައު އަށް ދޮޅު އަހަރުގައި އުމްރާ އަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް.

"ނިކަމެތި ކުދިންނަށް ވެސް އެހީވާނެ. ކުރިން ސްކޫލަށް ދާއިރު ދާނީ ދެ އިންޓަވަލް އަޅައިގެން. ބުނާނެ އިންޓަވަލް ނުގެންދާ ކުދިން ވެސް ތިބޭނެ ނޫންހޭ. އެހީވާން ޖެހޭނެއޭ އެ ކުދިންނަށް. ކޮންމެ މީހަކަށް ވެސް އެހާ ހެޔޮވާނެ،" މަންމަ ބުންޏެވެ.

އިލްޔަސައުގެ ވާހަކަތައް އަޑުއަހާލާއިރު، އެނގޭ ކަމަކީ ދެވަނަ ޑރ. ޝަހީމެއް އަދި އަންނާނެ ކަމެވެ. އަމިއްލަ އަށް ވެސް ބައްޕަ ރޯލްމޮޑެލަކަށް ހެދުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފެންނަަ ކަންކަމުން ޔަގީންވެ އެވެ. ތަރުބިއްޔަތުގެ ބިންގާ ހުރީ ރަނގަޅު މިސްރާބަކަށް ކަން ޝަހީމާއި އާފިޔާ ގަބޫލުކުރަނީ އެ ދަރިފުޅާ މެދު ފަހުރުވެރިވާ ހާލުގަ އެވެ.