Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 11

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 11

22 މާޗް 2024

އިއްޔެ ނޫހާ ގުޅޭ

އިއްޔެ ނޫހާ ގުޅޭ

އިޤުތިޞާދީ ފިޔަވަޅުތައް

މުޙައްމަދުﷺ މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވި އިރު، އެ ތަނުގެ އިޤުތިޞާދު އޮތީ ޔަހޫދީންގެ އަތްމަތީގައެވެ. ވިޔަފާރީގެ ބާޒާރު ވެސް އޮތީ މުޅިން ޔަހޫދީންގެ އަތްމަތީގައެވެ. އަދި ފައިސާ ވެސް ހުރީ އެމީހުންގެ އަތްމަތީގައެވެ. ލޯނު ދޫކުރަނީ ވެސް އެ މީހުންނެވެ. އަދި އެ ލޯނުތަކުން ރިބަވީ ގިނަ މުޢާމަލާތްތަކެއް އެމީހުން ހިންގަމުން ގެންދިޔައެވެ. އަދި ޢާންމު ގޮތެއްގައި މަދީނާގެ އިޤުތިޞާދު ބިނާވެފައި އޮތީ ބަކަރި ހުއިހެއްޕުމާއި ވިޔަފާރިއާއި ނަޢަމްސޫފީގެ ވިޔަފާރިއާއި ދަނޑުވެރިކަމުގެ މައްޗަށެވެ.

ޔަހޫދީންގެ އަތްމަތީގައި އޮތް އިޤުތިޞާދު މުސްލިމުންގެ އަތްމައްޗަށް ފުރޮޅައިލެއްވުމަށް ޓަކައި މުޙައްމަދުﷺ ޙިކުމަތްތެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. މި ގޮތުން ކުރެއްވި ކަންކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަވެއެވެ.

(ހ) ބާޒާރު ޤާއިމު ކުރުން: ބަނީ ޤައިނުޤާޢު (ޔަހޫދީން)ގެ ބާޒާރުތަކުގެ ތެރޭގައި މުސްލިމުންނަށް އެއްވެސް ޖާގައެއް ނުލިބުމުން، މުޙައްމަދުﷺ މަދީނާގެ ތެރޭގައި ހިންގަވައި، ހުސްބިމަކަށް ވަޑައިގެން އެތަނުގައި ފައިންޕުޅުން ޖައްސަވައި ވިދާޅުވީ މިއީ ތިޔަބައިމީހުންގެ ބާޒާރެވެ.

މި ތަނަކީ ވިޔަފާރީގެ މަރުކަޒުކަމުގައި ހަދާށެވެ. އެއަށް ފަހު މުސްލިމުން އެ ތަނުގައި ފޭލިގެ ޖަހައި އެ ތަނަކީ ބާޒާރުކަމުގައި ހަދައި ހުރިހާ ވިޔަފާރީގެ މުޢާމަލާތުތައް އެ ތަނުގައި ކުރިއަށް ދާނެ ގޮތް ޤާއިމު ކޮށްފިއެވެ. އަދި މަދީނާ ހުރަސްކޮށް ދާ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތައް ވެސް މަރުކަޒުކުރާ ތަނަކަށް އެތަން ވިއެވެ.

އަދި އެ ތަނަކީ "ޓެކްސް ފްރީ" ބާޒާރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ޢަޠާއު ބިން ޔަސާރު ވިދާޅުވިއެވެ. "މަދީނާގައި ބާޒާރެއް ޤާއިމުކުރައްވާން ކީރިތި ރަސޫލާﷺ ގަސްތުކުރެއްވި ހިނދު، ޤައިނުޤާޢު (ޔަހޫދީން) ވަންހައިގެ ބާޒާރަށް ވަޑައިގަތުމަށް ފަހު، ދެން މަދީނާގެ ތެރެއަށް ނިކުމެވަޑައިގެން، މަދީނާގެ ބާޒާރުގެ ބިމުގައި ފައިންޕުޅުން ޖައްސަވައި ޙަދީޘްކުރެއްވިއެވެ. މިއީ ތިޔަބައިމީހުންގެ ބާޒާރެވެ. މި ތަނުގައި އެހެންމީހަކަށް ދަތިނުކޮށް ތިޔަބައިމީހުން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދާށެވެ. އަދި މި ތަނުން ޚަރާޖު (ބިމު ޓެކުސް) ނެގުމެއް ނެތެވެ."

މި ފިޔަވަޅު އެޅުއްވީ ޔަހޫދީން ޙިޞާރުކޮށްފައިވާ މަދީނާގެ އިޤުތިޞާދު މިނިވަންކުރައްވައި އިސްލާމީ މުޖުތަމަޢުގެ އިޤުތިޞާދު އިސްލާމުންގެ އަތް މައްޗަށް ފުރޮޅައިލެއްވުމުގެ މަޤުޞަދުގައެވެ. އަދި އަމިއްލަވަންތަކަމާއި އިޤުތިޞާދީ މިނިވަންކަން ޤާއިމުކުރެއްވުމުގެ މަޤުޞަދުގައެވެ. މީގެ ސަބަބުން ޔަހޫދީންގެ އަތްމަތީގައި އޮތް އިޤުތިޞާދު ހީނަރުވެގެން ދިޔައެވެ.

މިއީ މިޒަމާނުގެ ފަލްސަފާއިން ބަލާ ނަމަ އަމިއްލަ އިޤުތިޞާދު ޤާއިމުކުރުމާއި ޓެކްސް ފްރީ މާކެޓް އުފެއްދުމާއި، އެހެނިހެން ވެސް އިޤުތިޞާދީ ކަންކަން ކުރުމުގައި ނަމޫނާ ލިބިގަނެވޭނެ ފިލާވަޅެކެވެ. އަދި ދައުލަތުގައި ވިޔަފާރީގެ މަރުކަޒުތަކާއި މޯލްތަކާއި ސެންޓަރތައް ޤާއިމުކުރުމުގެ އަސާސީ ނަމޫނާއެކެވެ.

(ށ) ވިޔަފާރީގެ ޤަވާޢިދުތައް ކަނޑައެޅުއްވުން: ޙަލާލުގޮތުގައި ވިޔަފާރިކުރުމާއި ވިޔަފާރީގައި ވާދަވެރިވުން ޖާއިޒުކުރައްވައި ވިޔަފާރީގެ މުޢާމަލާތުގައި މަކަރު ހަދައިފި މީހަކީ މުސްލިމުންގެ ތެރެއިންވާ މީހެއްނޫންކަމަށް ކަނޑައެޅުއްވިއެވެ. ތެދުވެރިކަމާއި އަމާނާތްތެރިވުމަށް ބާރުއެޅުއްވިއެވެ. މީހެއްގެ ނުރުމުގައި އެމީހެއްގެ މުދާ ބޭނުން ނުކުރާން އެނގެވިއެވެ.

ތަފާތު ދީންތަކުގެ އަހުލުވެރީންގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ހުއްދަކުރެއްވިއެވެ. ލޯނު ނެގުމާއި ރަހުނު ބެހެއްޓުން ހުއްދަކުރެއްވިއެވެ. ދަރަނީގެ މުޢާމަލާތުތައް ލިޔުމަށް އަމުރުކުރެއްވިއެވެ. މުދާ އިސްރާފުކުރުން މަނާކުރެއްވިއެވެ. ޙަލާލު ގޮތުގައި މުދާ ހޯދުމާއި މިލްކުކުރާން އެނގެވިއެވެ. ވުނަކުރުމަށް ބާރު އެޅުއްވިއެވެ. ރަހުނު ނުވަތަ މޯގޭޖްކުރުމުގެ ނިޒާމު ކަނޑައެޅުއްވިއެވެ. ވިޔަފާރީގެ މުޢާމަލާތުގެ އެތައް ގޮތެއް ތަޢާރުފުކުރެއްވައި އެކަންކަމުގެ ޤަވާޢިދުތައް މުސްލިމުންނަށް ބަޔާންކޮށްދެއްވިއެވެ.

(ނ) ބިން ދިރުވައި އާރާސްތުކުރުން: މަދީނާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން އޮތެވެ. ނަމަވެސް ދައުލަތް ޤާއިމުވުމަށް ފަހު، ރައްޔިތުންނާއި ދައުލަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި އިޤުތިޞާދު ފުޅާކުރާންޖެހުނެވެ. މި ކަމުގައި އެޅުއްވީ ވެސް ވަރަށް ޙިކުމަތްތެރި ފިޔަވަޅުތަކެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވިއެވެ. "ހަނަފަސް ބިމެއް ދިރުވައިފި މީހަކަށް އެތަން މިލްކުވާނެއެވެ." މީގެ ސަބަބުން މީސްތަކުން ނިކުމެ، ބިންތައް ދިރުވައި އެ ތަންތަން އާރާސްތުކޮށް އެ ތަންތަނުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާން ފަށައިފިއެވެ. ދަނޑުވެރިކަމުގައި ފުޅާދާއިރާއެއްގައި އަންހެނުން ވެސް މަސައްކަތްކުރިއެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިންޤިލާބެއް އައިސް އެއިގެ ވިޔަފާރި ވެސް ފުޅާވިއެވެ. އަދި ދަނޑުގޮވާންކުރާން ދައުލަތުގެ ފަރާތުން ބާރުއެޅުއްވިއެވެ.

(ރ) ނަޢަމްސޫފީގެ ވިޔަފާރި ފުޅާކުރުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެވުނު އިރު ވެސް އެތަނުގައި ނަޢަމްސޫފީގެ ވިޔަފާރި އޮތެވެ. ހުއިހެއްޕުން އޮތެވެ. ނަމަވެސް އެ ކަން ކުރުމުގައި މުޖުތަމަޢުގައި އިޙުތިކާރުކުރުން އޮތެވެ. އެ ކަންކަން ހުއްޓުވައި މުޙައްމަދުﷺ ޙިކުމަތްތެރި ފިޔަވަޅުތައް އެޅުއްވިއެވެ. އަދި ނަޢަމް ސޫފީގެ ވިޔަފާރި ދަމަހައްޓައި ފުޅާކުރާން ބޭނުންވާ ވަސީލަތްތަކަކީ ވަކި މީހެއްގެ ތަކެތީގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެއީ އެންމެން ޝާމިލުވާ، އަދި އަގު ނަގާން ނުޖެހޭ އެއްޗެއްކަމުގައި ހެއްދެވިއެވެ.

އިތުރުއެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "އަލިފާނުގެ ބޭނުންހިފުމާއި ހުއިހެއްޕުމަށް ބޭނުންވާ (ވިނަ ކާނާ)އާއި ފެނާއި މި ތިންކަމުގައި މުސްލިމުނަށް ބައިވެރިވެވޭނެއެވެ." އެއިގެ މާނައަކީ މިއީ ގަންނަންޖެހޭ ތަކެއްޗެއް ނޫނެވެ. އަވައްޓެރިޔާ އަތުގައި މިއިން ވަސީލަތެއްވާ ނަމަ އަނެއް މީހާއަށް އަގެއްނެތި ފޯރުކޮށްދިނުމަކީ ޖާއިޒު ކަމަކަށް ވިއެވެ. މީގެ ސަބަބުން މި ދާއިރާގެ ވިޔަފާރިއަށް ވަރަށް ބޮޑު އިންޤިލާބެއް އައެއެވެ.

(ބ) އުފެއްދުންތެރިކަން ކުރިއެރުވުން: ކުރާ މަސައްކަތެއް އެންމެ ފެންވަރު ރަނގަޅުކޮށް ކުރާން ބާރު އެޅުއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެމީހަކު ކުރާ ކަމެއް ވީހައި ވެސް ފެންވަރު ރަނގަޅުކޮށް ކުރާ މީހާ ދެކެ الله ލޯބިވޮޑިގެންވެއެވެ." އެހެންކަމުން މަސައްކަތުގެ ދާއިރާގައި މުސްލިމުން ކުރިއަރައިދިޔައެވެ. އަދި އަތްތެރި މަސައްކަތަކީ ފާހަގަވެގެން ދިޔަކަމެކެވެ. ބައެއް އަޞްޙާބު ބޭކަލުންގެ އަނބިއަނބިކަނބަލުން ވެސް އަތްތެރި މަސައްކަތުގައި އުޅުއްވިއެވެ. އެތަކެތި ހައްދަވައިގެން ވިޔަފާރިކުރެއްވިއެވެ. މީގެ ސަބަބުން މުސްލިމުންގެ މުޖުތަމަޢު ތަނަވަސް ވިއެވެ. ޖީބަށް ވަންނަ ފައިސާ އިތުރުވިއެވެ. މުޖުތަމަޢަށް އުފާވެރިކަން ލިބުނެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.