Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 4

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 4

15 މާޗް 2024

އިއްޔެގެ ނޫހާ ގުޅޭ

އިއްޔެގެ ނޫހާ ގުޅޭ

އަޒުމް ވަރުގަދަ އަންހެން ސާހިބާ

އެއީ، މުޙައްމަދު ނަބީކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ. އެންމެ ފުރަތަމަ އިސްލާމްވީ ބޭކަނބަލަކީ އެ ކަމަނާއެވެ. އެ ކަމަނާގެ މުދައު اللهއަށް ޓަކައި ހޭދަކުރެއްވިއެވެ. މުސްލިމުންގެ ހިތްތަކުގައި ނުހަނު މަތިވެތި މަޤާމެއް ލިބިވަޑައިގެންފައިވާ ޙިކުމަތްތެރި، އީމާންތެރި، ތަޤުވާވެރި، ހިތްވަރުގަދަ ކެއްތެރި ޢަޒުމް ވަރުގަދަ ބޭކަނބަލެކެވެ. މުއުމިންތަކުންގެ މަންމައެވެ. ނަބަވީ ޢާއިލާގެ ބިންގަލެވެ. ތައުޙީދުގެ ދައުވަތު އުފުއްލެވި އެއް ތަނބެވެ. މުޙައްމަދުގެފާނަށް އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވުނު ދުވަހު ނަބީކަމުގެ އުފާވެރި ޚަބަރު ދެއްވައި އިސްލާމީ ދަޢުވަތާއިގެން ހިތްވަރާއެކު ތެދުވެވަޑައިގަންނަވާން ފިރިކަލުންގެ އަތްޕުޅުގައި ހިއްޕެވި ލޮބުވެތި ހިތްވަރުގަދަ އަނބިކަނބަލުންނެވެ. އެއީ ޤުރައިޝް ވަންހައިގެ ފަޚުރު އުންމުލްމުއުމިނީން ޚަދީޖަތު ބިންތު ޚުވައިލިދު ބުނު އަސަދު ބުނު ޢަބްދުލްޢުއްޒާ ބުނު ޤުޞައްޔުއެވެ.

އުންމުލްމުއުމިނީން ޚަދީޖާއަކީ ޤުރައިޝުވަންހައިގެ ކަނބަލުން ކުރެ ޙަސަބާއި ނަސަބުގެ ގޮތުން ދެވަނައެއް ނުވާ ލާމަސީލު ބޭކަނބަލެކެވެ. މުދައުވެރި ބޭކަނބަލެކެވެ. އެ ކަމަނާގެ ބައްޕާފުޅަކީ ޤުރައިޝް ވަންހައިގެ ބޮޑުން ކުރެ ބޭފުޅެކެވެ. ޔަމަނުގެ ކަރައިގެ ރަސްގެފާނު ސައިފު ބުނު ޒީޔަޒުން ޙަބަޝީނާ ހަނގުރާމަ ކުރައްވައި އެއުރެންގެ މައްޗަށް ނަޞްރު ހޯދެއްވުމުގެ މުނާސަބަތުގައި މަރުޙަބާ ދެންނެވުމަށް ޤުރައިޝު ވަންހައިގެ ފަރާތުން ވަޑައިގަތް އިސް ވަފުދުގައި އެ ކަމަނާގެ ބައްޕާފުޅު ހިމެނިވަޑައިގަންނަވާ ކަމުގައި މުއައްރިޚުން ބަޔާން ކުރައްވާފައިވެއެވެ.

ޚަދީޖަތުގެފާނަކީ، ވިޔަފާރީގެ ޤާފިލާތައް އެކި ކަރަކަރައަށް ފޮނުއްވައި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރީގެ މުޢާމަލާތު ހިންގެވި ހިންގުންތެރި ރޭވުންތެރި ވިސްނުންތެރި ބޭކަނބަލެކެވެ.

ދިރިއުޅުން ބަދަލުކޮށްލި ޤާފިލާ!

މުޙައްމަދުގެފާނުގެ ޢުމުރުފުޅުން އެންމެ ޒުވާން ދުވަސްވަރެވެ. އެކަލޭގެފާނު މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ދިރިއުޅުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވުމުގައި އުޅުއްވަމުން ގެންދަވައެވެ. އުޖޫރައަށް މަސައްކަތް ކޮށްދެއްވައެވެ. ޙަސަބާއި ނަސަބުގެ ގޮތުން ކިތަންމެ މަތިވެރިވިޔަސް އުޅުއްވަމުން ގެންދެވީ ސާދާ ދިރިއުޅުއްވުމެއްގައެވެ.

މި ކަންކަމުގެ ތެރެއިން އިތުރުއެކަލޭގެފާނުގެ ރިވެތި އަޚުލާޤާއި ތެދުވެރިކަމުގެ ވާހަކަ މައްކާގެ ތެރޭގައި އިންތިހާއަށް ފެތުރެމުން ދިޔައެވެ. މި މަގުން ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނިކޮށް މުޙައްމަދުގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ވާހަކައާއި އެކަލޭގެފާނު އުޖޫރައަށް މަސައްކަތް ކޮށްދެއްވާ ކަމުގެ މައުލޫމާތު ޚަދީޖަތުގެފާނާ ހަމައަށް ދިޔައެވެ.

އެ ކަމަނާގެ ޤާފިލާތައް ޝާމްކަރައަށް ގެންދަނީ އެ ކަމަނާގެ އަރިހުގައި އުޖޫރައަށް މަސައްކަތްކުރާ ފިރިހެނުންނެވެ. މުޙައްމަދުގެފާނަށް އުޖޫރައެއް ދެއްވައިގެން އެ ކަމަނާގެ ޤާފިލާއާއެކު ޝާމްކަރައަށް ވަޑައިގަތުމަށް އެކަލޭގެފާނަށް ދަޢުވަތު އެރުވުމުގެ ޝައުޤުވެރިކަން ޚަދީޖަތުގެފާނު ފާޅުކުރެއްވިއެވެ. އަދި ޚަދީޖަތުގެފާނުގެ ޤާފިލާއެކު ދާ މީހުންނަށް ރަނގަޅު އުޖޫރުއެއް ލިބޭކަމާއި އެކަމަނާގެ ޤާފިލާއެކު ވަޑައިގަތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި އަބޫޠާލިބުގެފާނު މުޙައްމަދުގެފާނަށް ދެންނެވިއެވެ.

ކޮންމެއަކަސް ދެ ފަރާތުން ވެސް މި ކަމުގައި ޚިޔާލު އެއް ގޮތްވުމުން މުޙައްމަދުގެފާނު ޚަދީޖަތުގެފާނުގެ ޤާފިލާއާއިގެން ޝާމްކަރައަށް ނިކުމެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޚަދީޖަތުގެފާނުގެ ޚާދިމެއް ކަމުގައިވާ މައިސަރާ ފޮނުއްވައި ހުރިހާ ކަމެއްގައި މުޙައްމަދުގެފާނުގެ ބަސްފުޅަށް ތަބާވާން އޭނާއަށް އެންގެވިއެވެ. މި ޤާފިލާގައި މާތްالله ބަރަކާތްލެއްވިއެވެ. އަދި މި ދަތުރުފުޅުގައި މުޙައްމަދުގެފާނުގެ އާދަޔާ ޚިލާފު ކަންކަން މައިސަރާއަށް ފާހަގަ ކުރެވުނެވެ.

އިރުގެ ހޫނުކަމުން އެކަލޭގެފާނަށް، ވިލާތަކުން ހިޔާ ލިބެމުން ދިޔަ މަންޒަރާއި ޝާމް ކަރައިން ބައްދަލުވި ރާހިބެއްގެ ފަރާތުން މުޙައްމަދުގެފާނާމެދު މައިސަރާއަށް ލިބުނު އަޖައިބު ކުރުވަނިވި ޚަބަރުތަކާއި މުޙައްމަދުގެފާނުގެ ފަރާތްޕުޅުން ފެނުނު މާތް ސިފަފުޅުތަކުގެ ސަބަބުން އެއީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެދާނެކަމާއި އެކަލޭގެފާނުގެ ކިބައިގައި ނަބީކަމުގެ ނިޝާންތައް ހުރިކަމަށް ރާހިބުގެ ފަރާތުން މައިސަރާއަށް އެނގުނެވެ.

ވިޔަފާރީގެ ޤާފިލާ އެނބުރި މައްކާއަށް އައީ އެހެންޏާ ނުލިބޭހައި ގިނަގުނަ ފައިދާތަކާއިގެންނެވެ. މި ކަމުގެ ސަބަބުން ޚަދީޖަތުގެފާނު އުފާކުރައްވައި އެހެންޏާ މީހުންނަށް ނުދެއްވާ ފަދަ ބޮޑު އުޖޫރައެއް މުޙައްމަދުގެފާނަށް ދެއްވައި ޝުކުރު އަދާކުރެއްވިއެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.