Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 5

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 5

16 މާޗް 2024

އިއްޔެގެ ނޫހާ ގުޅޭ

އިއްޔެގެ ނޫހާ ގުޅޭ

އަލަތު ކައިވެނިފުޅު

ޤާފިލާގެ ދަތުރުގައި ޝާމު ކަރައިގައި މުޙައްމަދުގެފާނާއެކު ހޭދަކުރި ދުވަސްތަކުގައި އަޑުއިވުނު ވާހަކަތަކާއި ފެނުނު ކަންކަމުގެ ވާހަކަ ޚަދީޖަތުގެފާނަށް މައިސަރާ ދެންނެވިއެވެ.

ޚަދީޖަތުގެފާނަކީ އެ ކަމަނާގެ ބޮޑު ބޭބޭފުޅުގެ ދަރިކަލުން ވަރަޤަތު ބުނު ނައުފަލުގެ އަރިހުން ސަމާވީ ދީންތަކުގެ ޚަބަރުތަކާއި ނަބީކަމާއި ރަސޫލުކަމުގެ ވާހަކަތައް ކޮންމެސް ވަރަކަށް އަޑު އައްސަވައިފައިވާ ބޭބޭކަނބަލެކެވެ. މިހެންކަމުން މުޙައްމަދުގެފާނާ ބެހޭ ގޮތުން ލިބިވަޑައިގަތް ޚަބަރުތަކުގެ ވާހަކައިން ޚަދީޖަތުގެފާނުގެ ހިތްޕުޅުގައި މުޙައްމަދުގެފާނާމެދު މަތިވެރި މަޤާމެއް އުފެދުނެވެ.

އަދި އެއީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެދާނެކަމާއި އެއީ އެ ކަމަނާގެ ފިރިކަލުންނަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގަންނަވާނެ ގޮތަކާ މެދު، ވިސްނުންފުޅު ހިންގަވަމުން ގެންދެވިއެވެ. އެ ކަމަނާގެ ހިތްޕުޅުގެ މި އުންމީދީ އިޙުސާސްތައް ޙިއްސާކުރެއްވީ އެކަމަނާގެ އެންމެ ގާތް އެކުވެރިޔާ ނަފީސާއާއެވެ. ޚަދީޖަތުގެފާނު ނަފީސާއަށް ވިދާޅުވިއެވެ. "އޭ ނަފީސާއެވެ. އެހެން ފިރިހެނުންގެ ފުށުން ނުފެންނަ ރިވެތި އަޚުލާޤާއި މާތްކަން އަހުރެންނަށް މުޙައްމަދުގެފާނުގެ ކިބައިން ފެނުނެވެ. އެއީ ތެދުވެރި އަމާނާތްތެރި އިންސާނެކެވެ. ޙަސަބާއި ނަސަބުގެ ގޮތުން މަތިވެރި ބޭކަލެކެވެ. އަދި މައިސަރާގެ ފާރާތުންނާއި ރާހިބުންގެ ފަރާތުން ގެނެސްދިން ޚަބަރުތަކުގެ ސަބަބުން އަހުރެންނަށް ޔަޤީނާ ގާތަށް ގަބޫލު ކުރެވޭ ގޮތުގައި މުޙައްމަދުގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާއެވެ."

މި ވާހަކަތަކުގެ ޖަވާބުގައި ނަފީސާ ވިދާޅުވީ ތިމަން ތިޔަ ކަމުގައި ކަމަނާގެ މެދުވެރިޔަކަށްވާނަމެވެ. އެއަށް ފަހު ނަފީސާ މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ:

"އޭ މުޙައްމަދުގެފާނެވެ! ޙަސަބާއި ނަސަބާއި މުދަލާއި ރީތިކަމުގެ ގޮތުން ދެވަނައެއް ނެތް ބޭކަނބަލަކު ކަލޭގެފާނަށް ކައިވެނި ހުށައަޅުއްވައިފި ނަމަ ގަބޫލުފުޅު ކުރައްވާނަންތޯއެވެ؟"

އެ ހިނދު އޭގެ ޖަވާބުގައި މުޙައްމަދުގެފާނު ވިދާޅުވިއެވެ: އެއީ ޚަދީޖާތޯއެވެ؟ ނަފީސާ އާދޭހޭ ދެންނެވުމުން އެއަށް ފަހު އެކަލޭގެފާނުގެ ބޮޑު ބޭބޭފުޅުން ކަމުގައިވާ އަބޫ ޠާލިބުގެފާނާއި ޢައްބާސްގެފާނާއި ޙަމްޒަތުގެފާނާއި މަޝްވަރާކުރައްވައި އެ ބޭފުޅުންގެ ރުހުމާއެކު މުޙައްމަދުގެފާނު ޚަދީޖަތުގެފާނުގެ ހުށަހެޅުއްވުން ގަބޫލުފުޅު ކުރައްވައިފިއެވެ. މުޙައްމަދުގެފާނާއި ޚަދީޖަތުގެފާނުގެ ކައިވެނިފުޅުކޮށްދެއްވީ އެ ކަމަނާގެ ބައްޕާފުޅެވެ.

ބައެއް ރިވާޔަތްތައް ބުނާ ގޮތުން ބައްޕާފުޅު އަވަހާރަވެފައިވުމުން ކައިވެނި ކޮށްދެއްވީ ބޮޑުބޭބޭފުޅެވެ. މިކައިވެންޏާ މެދު އުފާކުރައްވައި ޤުރައިޝުންގެ ބޮޑުން ކައިވެނީގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި އެ ކަމުގެ މައްޗަށް އުފާކުރައްވައި މި ބައްދަލުވުމުގައި ދެފަރާތުގެ ޢާއިލާތަކުން އިސް ވެރީން ތަޤުރީރުކުރައްވައި ތަހުނިޔާ ބަދަލުކުރައްވައި ހެއްދެވިއެވެ.

މުޙައްމަދުގެފާނާ ކައިވެނި ބައްލަވައިގަތް އިރު ޚަދީޖަތުގެފާނުގެ ޢުމުރުފުޅަކީ ސާޅީސް އަހަރުކަމަށް ބުނެވެއެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުން އެ ކަމަނާގެ ޢުމުރުފުޅަކީ އަށާވީސް އަހަރެވެ. ނަމަވެސް އެންމެ ޞައްޙަ ރިވާޔަތަކީ ފުރަތަމަ ރިވާޔަތެވެ.

މުޙައްމަދުގެފާނުގެ ޢުމުރުފުޅަކީ ފަންސަވީސް އަހަރެވެ. މި ކައިވެނިފުޅަކީ ޚަދީޖަތުގެފާނުގެ ތިންވަނަ ކައިވެނިފުޅެވެ. އެ ކަމަނާ އޭގެ ކުރިން ދެ ކައިވެނިފުޅެއް ކުރެއްވިއެވެ. ފުރަތަމަ ފިރިކަލުން އަވަހާރީއެވެ. އޭނާގެ ފަރާތްޕުޅުން ދެ ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. ދެވަނަ ފިރިކަލުން އެކަމަނާއާ ވަކިވެވަޑައިގަތީއެވެ. ޚަދީޖަތުގެފާނަކީ މުޙައްމަދުގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ.

މުޙައްމަދުގެފާނުގެ ދަރިކަލުން އިބްރާހީމް ފިޔަވައި އެހެން ހުރިހައި ބޭފުޅުން ލިބިވަޑައިގަތީ ޚަދީޖަތުގެފާނުގެ ބަނޑުފުޅުންނެވެ. އެއީ ދެ ފިރިހެން ބޭފުޅުން ކަމުގައިވާ ޤާސިމާއި، އަބްދުالله އާއި، ހަތަރު އަންހެން ބޭފުޅުން ކަމުގައިވާ ޒައިނަބާއި ރުޤައްޔާއާއި އުންމު ކުލްޘޫމާއި ފާޠިމަތުގެފާނެވެ.

ރުޤައްޔަތުގެފާނާ ޢުޘްމާނުގެފާނު ކައިވެނި ބައްލަވައިގަތެވެ. އަދި ރުޤައްޔަތުގެފާނު އަވަހާރަވުމުން އުންމުކުލްޘޫމްގެފާނާ ވެސް އެ ކަލޭގެފާނު ކައިވެނި ބައްލަވައިގަތެވެ. ފާޠިމަތުގެފާނު ފިޔަވައި އެހެން ހުރިހައި ބޭފުޅުން މުހައްމަދުގެފާނުގެ ޙަޔާތްޕުޅުގައި އަވަހާރަވީއެވެ. ދުނިޔޭގައި ހުންނަވަނިކޮށް އެހުރިހާ ބޭފުޅުން އަވަހާރަވުމުން މުޙައްމަދުގެފާނަށް ނުހަނު ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގަތެވެ.

ފާޠިމަތުގެފާނުގެ ފިރިކަލުންނަކީ ޢަލީގެފާނެވެ. ކީރިތި ރަސޫލާﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާޠިމަތުގެފާނު އަވަހާރަވެއްޖެއެވެ. އެއީ ޙުސައިންގެފާނާއި ޙަސަންގެފާނުގެ މަންމާފުޅެވެ. ކީރިތި ރަސޫލާﷺގެ ދަރިފަސްކޮޅު ފެތުރުނީ ފާޠިމަތުގެފާނުގެ ކިބަފުޅުންނެވެ. އެއީ ޚަދީޖަތުގެފާނުގެ އެންމެ ހަގު ދަރިކަލުންނެވެ.

ޚަދީޖަތުގެފާނަކީ ނަބަވީ ޢާއިލާގެ މައިކަނބަލުންނެވެ. އިސްލާމީ ދަޢުވަތުގެ ކުރީކޮޅުގައި ދިމާވި އެންމެހައި ގޮންޖެހުމަކުން މުޙައްމަދު ނަބީކަލޭގެފާނު ސަލާމަތްކޮށްދެއްވީ އެކަމަނާއެވެ. ފުރަތަމަ ވަޙީ ބާވައިލެއްވުނު ދުވަހު މުޙައްމަދުގެފާނަށް އީމާންވެ އިސްލާމްދީން ގަބޫލުފުޅުކުރެއްވިއެވެ. އިސްލާމީ ދަޢުވަތު ފެތުރުއްވުމުގެ އެންމެ ބޮޑު މަދަދުވެރި ބައިވެރިޔަކީ އެއީއެވެ. ޤުރައިޝުންގެ ދަތިކުރުމުގެ ފިޔަވަޅުތަކުން މުޙައްމަދުގެފާނާއި މުސްލިމުން ސަލާމަތް ކުރެއްވުމަށް ޓަކައި އެކަމަނާގެ ތަނަވަސްކަމުން ހޭދަކުރެއްވިއެވެ.

އެ ކަމަނާގެ މާތްކަމުގެ ވާހަކަ ބަޔާންކޮށް ނުނިމޭނެހާ ގިނައެވެ. އެއީ ވަފާތެރިކަމުގެ މަތިވެރި މިސާލެކެވެ. ފިރިކަލުންނަށް އޯގާތެރި ނަމޫނާއެކެވެ. ކެތްތެރިކަމުގެ ދެވަނައެއް ނެތް ޝަޚުޞިއްޔަތެކެވެ. ބުއްދިވެރިކަން ފުރިހަމަވެފައިވާކަމަށް ރަސޫލާﷺ ބަޔާންކުރައްވައިފައިވާ ހަތަރު އަންހެން ސާހިބުންކުރެ އެއް ޝަޚުޞިއްޔަތެވެ.

މާތްالله، ޖިބުރީލުގެފާނު މެދުވެރިކުރައްވައި އެކަމަނާއަށް ސަލާމް ވަޙީކުރައްވައި ސުވަރުގޭގައި އެ ކަމަނާއަށް ޓަކައި ފުރިހަމަ ގަނޑުވަރެއް ލައްވައިފައިވާކަމުގެ ޚަބަރު ދެއްވައިފައިވެއެވެ. އެ ކަމަނާ އަވަހާރަވީ އަބޫ ޠާލިބުގެފާނު އަވަހާރަވިތާ ތިން ދުވަސް ފަހުން ކަމުގައިވެއެވެ. އެއީ ހިޖުރައިގެ ތިން އަހަރު ކުރީންނެވެ. އެ ކަމަނާ އަވަހާރަވުމަކީ ކީރިތި ރަސޫލާﷺ އަށް ލިބިވަޑައިގަތް ވަރަށް ބޮޑު ހިތާމަފުޅަކަށްވިއެވެ. ބޮޑުބޭބޭފުޅު އަބުޠާލިބުގެފާނާއި އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވި އަހަރަށް ހިތާމައިގެ އަހަރުގެ ގޮތުގައި ނަންދެވުނެވެ.

އެ ހަނދާންތައް

ފަންސަވީސް އަހަރުގެ ޒަވާޖީ ޙަޔާތްޕުޅަކަށް ފަހު ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވިއެވެ. ޚަދީޖަތުގެފާނުގެ ހަނދުމަފުޅުތަކަކީ ކީރިތި ރަސޫލާﷺގެ ހިތްޕުޅުން ދުވަހަކު ވެސް ފިލައިގެން ގޮސްފައި ނުވާ ހަނދުމަފުޅުތަކެކެވެ. އެ ކަމަނާއާ ބެހޭ ގޮތުން އެކަލޭގެފާނު ހަދީސްކުރައްވައިފައިވެއެވެ:

"މީސްތަކުން ތިމަންކަލޭގެފާނުގެ ނަބީކަން ދޮގުކުރި ހިނދު، ޚަދީޖަތުގެފާނު ތިމަންކަލޭގެފާނަށް އީމާންވެވަޑައިގަތެވެ. މީސްތަކުންގެ މުދަލުން ތިމަންކަލޭގެފާނު މަޙްރޫމުކުރި ހިނދު، އެ ކަމާނާގެ މުދަލުން ތިމަން ކަލޭގެފާނަށް ހޭދަކުރެއްވިއެވެ. އެކަމަނާގެ ކިބައިން ތިމަންކަލޭގެފާނަށް މާތް الله ދަރިފަސްކޮޅު ދެއްވިއެވެ. އެ ކަމަނާގެ ލޯބި ތިމަންކަލޭގެފާނަށް ލިބިވަޑައިގަތެވެ."

މީގެ އިތުރަށް އެކަމަނާގެ ޙަޔާތްޕުޅުގައި އެހެން ބޭކަނބަލަކާ ކައިވެނިފުޅު ބައްލަވައިގެންފައެއް ނުވެއެވެ. އެކަލޭގެފާނު އިތުރު އެހެން ބޭކަނބަލުންނާ ކައިވެނި ބައްލަވައިގަތީ ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވުމަށްފަހުގައެވެ. އެ ކަމަނާ އަވަހާރަވުމަށް ފަހު ވެސް އެކަމާނާގެ ރަޙުމަތްތެރިންނަށް ކަމޭހިއްތެވިއެވެ. އެކަލޭގެފާނުގެ ގެކޮޅުގައި ކަތިލެވޭ ނަޢަމްސޫފިންތަކުން އެ ކަމަނާގެ އެކުވެރީންގެ ގެތަކަށް ފޮނުއްވައެވެ.

މައްކާގެ މަތިވެރި ފަތަޙައިގައި، މައްކާއަށް ވަދެވަޑައިގަތް ދުވަހު އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވީ ޚަދީޖަތުގެފާނުގެ ޤަބުރުފުޅުގެ އަރިހުގައެވެ. އިތުރުއެކަލޭގެފާނުގެ ޙަޔާތްޕުޅަށް އަލިވެގެން ދިޔަ އަލިކަން ގަދަ އިރުގެ ނޫރާނީ ޟިޔާއު އޮއްސިގެން ދިޔަ ނަމަވެސް، އެ ހަނދާންތަކާއި ލޯތްބާއި ހިތްޕުޅާއި ހިތްޕުޅުގެ ވަފާތެރި މަތިވެރި ގުޅުމަށް ދުވަހަކު ވެސް ބަދަލެއް ނާދެއެވެ.

މުޙައްމަދުގެފާނާއި ޚަދީޖަތުގެފާނުގެ ޒަވާޖީ ޙަޔާތަކީ އެތައް ޢިބުރަތެއް އޭގައި މާތްالله ލައްވައިފައިވާ ޒަވާޖީ ޙަޔާތެކެވެ. ޤުރައިޝުންގެ ދުއްތުރާތަކުން އިސްލާމީ ރިސާލަތާއި، ފަހު ޒަމާނުގެ ނަބީކަން ޙިމާޔަތްކުރުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގަތް ހިތްވަރުފުޅުގަދަ އަންހެން ސާހިބާގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތަކުގެ ތެރެއިން މުހިންމު ބައެއް ކަންކަން ބަޔާން ކޮށްލާ ނަމެވެ.

ޚަދީޖަތުގެފާނުގެ ޢުމުރުފުޅު

ރަސޫލާﷺގެ ފުރަތަމަ އަނބިކަނބަލުންނަކީ ޢުމުރުފުޅުން އެކަލޭގެފާނަށްވުރެ ދޮށީ ބޭކަނބަލެއް ކަމުގައި ލެއްވުމުގައި ޙިކުމަތްތަކެއް ވެއެވެ. މި ކަން ހާމަވަނީ ފުރަތަމަ ވަޙީ ބާވައިލެއްވުނު ދުވަހު، އެ ކަމުގެ ސަބަބުން މުޙައްމަދުގެފާނަށް ކުރިމަތިވެވަޑައިގަތް ބިރުވެރި އިޙުސާސްތަކާއެކު ގެއަށް ވަޑައިގަތް ހިނދު ޚަދީޖަތުގެފާނު އެކަމާ ކުރިމަތި ލެއްވި ގޮތްކޮޅެވެ. އެކަމަނާ ވިދާޅުވިއެވެ.

"ކަލޭގެފާނަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ އެވެ. ކަލޭގެފާނަކީ ނިކަމެތިންނަށް އެހީތެރިކަން ދެއްވާ، މެހުމާނުންނަށް ކަމޭ ހިއްތަވާ، މުސީބާތް ޖެހިފައިވާ މީހުންނާއި ނުކުޅެދޭ މީހުންނަށް އަޅައިލައްވާ ބޭކަލެކެވެ. الله ގަންދީ ދަންނަވަމެވެ! ތިޔަ ފަދަ އިންސާނަކަށް މާތް الله ދެރަ ގޮތެއް މިންވަރެއް ނުކުރައްވާނެއެވެ. ތިޔައީ މިއުންމަތުގެ ނަބިއްޔާއެވެ! އުފާކުރައްވާށެވެ!".

މިފަދަ އިން ދަންނަވައި ހިތްވަރު ދެއްވައި ލަސްނުކުރައްވައި ވަރަޤަތު ބުނު ނައުފަލުގެ އަރިހަށް މުޙައްމަދުގެ ގެންދެވިއެވެ. މަލާއިކަތާ ވަޑައިގެން ވިދާޅުވި ބަސްފުޅުތަކާއި އެކަލޭގެފާނުގެ ސޫރަ ހުރި ގޮތުގެ ވާހަކަ ބަޔާންކުރެއްވުމުން ވަރަޤަތު ވިދާޅުވީ ތިޔައީ މޫސާގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތާއެވެ. ކަލޭގެފާނަކީ މިއުންމަތުގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު ޤައުމުން ނެރޭ ދުވަހު ތިމަންނާ ދުނިޔޭގައި ހުރެއްޖެ ނަމަ ކަލޭގެފާނަށް ވަރުގަދަ ނަޞްރެއް ދޭނަމެވެ. އެއަށް ފަހު ގިނަ ދުވަސްތަކެއް ނުވެ ވަރަޤަތު ދުނިޔެ ދޫކުރައްވައިފިއެވެ. ޚަދީޖަތުގެފާނުގެ ހިތްމަތްތެރިކަމުގެ ސަބަބުން މުޙައްމަދުގެފާނަށް ހިތްވަރު ލިބިވަޑައިގަތެވެ.

އަނބިކަނބަލެއްގެ ވަފާތެރިކަން

ވަފާތެރި އަތްނބެއްގެ ދައުރަކީ ޙަޔާތުގައި މުހިންމު ދައުރެކެވެ. ޢުމުރުގެ ތަފާތަކީ ތަފާތެއް ނޫނެވެ. ލޯތްބާއި ކުލުނުވެރިކަމާ ވަފާތެރިކަމުގެ މައްޗަށް ޒަވާޖީ ޙަޔާތް ޤާއިމުވެއްޖެނަމަ އެ ކަމުގައި الله ބަރަކާތްލައްވާނެއެވެ.

އުންމަތް ބިނާކުރެއްވުމުގައި ބައިވެރިވުން

މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެކެވެ. ވިޔަފާރިކުރުމާއި އެހެން މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަން މި ހާދިސާތަކުން ސާފުވެއެވެ.

އަނބިމީހާ ދެކެ ލޯބިވުން

ތިމާ ދެކެ ލޯބިވާ ވަފާތެރި އަނބިމީހާއަށް ހެޔޮކޮށް ހިތާން ޖެހޭނެކަމާއި ލޯތްބާއި ކުލުނު ދެ ދުނިޔޭގައި ވެސް ދަމަހައްޓަންޖެހޭކަން ހާމަވެއެވެ. އަދި ހިތްވަރުގަދަ ޙިކުމަތްތެރި ވަފާތެރި އަތްނބަކީ ނިޢުމަތެއްކަން ހާމަވެއެވެ.

މުޞީބާތުގެ ވަގުތުގައި ފިރިމީހާއަށް އެހީވުން

ފިރީންނަށް މެދުވެރިވާ މުޞީބާތްތަކުގައި އަނބީން ކެތްތެރިވާންޖެހޭނެކަމާއި އަނބީންނާމެދު ވެސް އެ މަގުން ކަންކަން ކޮށް، ދެފަރާތުން ވެސް އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވާން ޖެހޭނެކަން ހާމަވެއެވެ. މުއުމިންތަކުންގެ މަންމަ ޚަދީޖަތުގެފާނަށް މާތް الله ރުއްސުން ލައްވައި އެ ކަމަނާގެ އަރިހުގައި ސުވަރުގޭގައި އަޅަމެން ލައްވާނދޭވެ!

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.