Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 6

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 6

17 މާޗް 2024

އިއްޔެގެ ނޫހާ ގުޅޭ

އިއްޔެގެ ނޫހާ ގުޅޭ

ޠާއިފުގެ ހިތި ހަނދާން

މުޙައްމަދުﷺ ނަބީކަމާއިގެން ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ދަޢުވަތަކީ ޢާލަމީ ދަޢުވަތެކެވެ. އެއީ ހަމަ އެކަނި މައްކާގެ އަހުލުވެރީންނަށް ޚާއްޞަ ދަޢުވަތެއް ނޫނެވެ. އިސްލާމީ ދަޢުވަތު ފޯރުކޮށްދެއްވުމަށް ޓަކައި އިތުރުއެކަލޭގެފާނު މަސައްކަތްޕުޅުކުރެއްވީ ނުހަނު ކެތްތެރިފުޅުކަމާއެކުގައެވެ. ހިއްވަރުފުޅާއި ޢަޒުމްފުޅާއެކުގައެވެ.

މައްކާގެ އަހުލުވެރީންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ސިއްރާއި ފައުޅުގައި މަސައްކަތްޕުޅުކުރެއްވިއެވެ. ޢާއިލާގެ މެންބަރުންނަށް ދީނަށް ވަނުމަށް ދަޢުވަތުދެއްވިއެވެ. މައްކާގެ ބޮޑުންނަށް ދަޢުވަތުދެއްވިއެވެ. މުއްސަނދިނަށް ދަޢުވަތުދެއްވިއެވެ. ފަޤީރުންނަށް ދަޢުވަތުދެއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެން ހަމަހަމަވެގެން ވެއެވެ.

އެކަލޭގެފާނުގެ ދަޢުވަތަށް ފުރަތަމަކޮޅުގައި އެންމެ ގިނައިން އިޖާބަދިނީ ނިކަމެތީންނެވެ. އެއީ ނަބަވީ އިޞްޙީ ކޮންމެ މަސައްކަތްޕުޅެއްގެ ޠަބީޢަތެވެ. ކޮންމެ ނަބީބޭކަލެއްގެ ޙަޔާތްޕުޅުގެ ތަޖުރިބާއަކީ އެއީއެވެ.

ޤައުމުގެ ބޮޑުން ދިޔައީ ދީނަށް ގޮންޖަހަމުނެވެ. ދުއްތުރާކުރަމުންނެވެ. އެ ކަމުގައި އެތައް ހިތްޕުޅުދަތިކަމަކާ ކުރިމަތިލެއްވިއެވެ. މާތް اللهގެ އެއްކައުވަންތަކަމުގެ ދަޢުވަތު ގަބޫލުކުރާން މައްކާގެ ގިނަ ޢަދަދެއްގެ ބޮޑު ދެކޮޅުހަދަމުން ގެންދިޔައެވެ. އެ މީހުންގެ ފުށުން ކީރިތި ރަސޫލާއަށް ދުއްތުރާތަކާ ކުރިމަތިފުޅުލައްވާން ޖެހިވަޑައިގަތެވެ. އަމުދުން އަބޫޠާލިބުގެފާނާއި ޚަދީޖަތުފާނު އަވަހާރަވުމާ ވިދިގެން މައްކާގައި ކީރިތި ރަސޫލާއަށް ދުއްތުރާތައް އިތުރުވިއެވެ.

އިސްލާމްދީނަށް ވަންނަމުން ދިޔަ މީހުންނަށް އެކި ގޮތްގޮތުން ޢުޤޫބާތްދީ އަނިޔާތައް ދެމުން ދިޔައެވެ. މައްކާގެ ތެރޭގައި ކީރިތި ރަސޫލާއަށް ނަޞްރު ދޭނޭ މަދަދުވެރިޔަކުނެތެވެ. އެހެންކަމުން އިސްލާމްދީން ޙިމާޔަތްކޮށް ދީނަށް ނަޞްރުދޭނޭ ބާރުވެރި ފަރާތެއް ހޯއްދެވުމަށް ޓަކައި އިތުރުއެކަލޭގެފާނު ޠާއިފަށް ވަޑައިގަންނަވާން ނިމެވިއެވެ. މި ގޮތުން އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ޞަޙާބީ ޒައިދު ބުނު ޙާރިޘާއެކު ހިންގަވައިފައި ޠާއިފަށް ވަޑައިގަތެވެ.

ޠާއިފަކީ މައްކާއާ ނުވަދިހަ ހަ ކިލޯމީޓަރު ދުރުގައި ފަރުބަދަ މަތީގައި އޮންނަ އަވަށެވެ. ވަރަށް ރީތި ފެހި އަވަށެވެ. ދިގު ތާރީޚެއް އޮތް އަވަށެވެ. އެ އެވަށަށް ވަޑައިގަތީ ހިންގަވައިފައެވެ. އަދި އެ އަވަށުން މައްކާއަށް ވަޑައިގަތީ ވެސް ހިންގަވައިފައެވެ. އުންމަތެއް ބިނާކުރެއްވުމުގެ ހިއްވަރާއި ޢަޒުމުގައެވެ. ހިދާޔަތު ފޯރުކޮށްދެއްވުމަށް އިޚުލާޞްތެރި އަމާނާތްތެރިއެއްގެ ގޮތުގައެވެ. ނާޞިޙެއްގެ ގޮތުގައެވެ. އަމީނެއްގެ ގޮތުގައެވެ.

މި ދަތުރުފުޅަކީ ކީރިތި ރަސޫލާﷺ ޙަޔާތްޕުޅުގައި އެކަލޭގެފާނު ތަޖުރިބާކުރެއްވި އެންމެ ހިތާމަވެރި ދަތުރުފުޅެވެ. އުޙުދުގެ ދުވަހުގައި އެކަލޭގެފާނަށް ޖިސްމާނީ ގޮތުން ވަރަށް ބޮޑު އަނިޔާއެއް ލިބިވަޑައިގަތެވެ. ނަމަވެސް ޠާއިފުގެ ދަތުރުގައި ނަފްސާނީ ގޮތުން ލިބިވަޑައިގަތް ހިތްޕުޅުދަތިކަމާއި އަނިޔާ މާބޮޑުކަމަށް އެކަލޭގެފާނު ހަދީސްކުރައްވައިފައިވެއެވެ.

އާދޭހެވެ! ޠާއިފުގެ ދަތުރުފުޅުގައި އެ އަވަށުގެ ބޮޑުންނާއި ޢާންމު މީހުންނަށް އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވަތު އިޢުލާންކުރައްވައި އިސްލާމްދީނަށް ގޮވައިލެއްވުމުން އެ ރަށުގެ ބޮޑުން ނިކުމެ އެކަލޭފާނަށް އަނިޔާކުރިއެވެ. އެ އަވަށުގެ މީހުން ނެރެގެން އެކަލޭފާނަށް ހުތުރު އެއްޗެހި ގޮވައި ގަލުން ތަޅައި ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ބަލިކޮށްލާން މަސައްކަތްކުރިއެވެ.

މި ކަމުގެ ސަބަބުން އިތުރުއެކަލޭގެފާނުގެ ފައިންޕުޅުން ލޭފޮދު އޮހޮރުނެވެ. ދުވަހަކު ވެސް އެކަލޭގެފާނަށް އެއިގެ ކުރީން ލިބިވަޑައިނުގަންނަވާ އެތައް ހިތްޕުޅުދަތިކަމަކާ ކުރިމަތިލެއްވިއެވެ. އެ ޙާލަތުގައި އެހީތެރިވެވަޑައިގަންނަވާން ހުންނެވީ ލޮބުވެތި ޞަޙާބީ ޒައިދުގެފާނެއެވެ. ލޯފުޅުތަކުން ކަރުނަ ފޮދު އޮހޮރެމުން ދިޔައެވެ. އަދި ކީރިތި ރަސޫލާﷺ ދުޢާކުރައްވަމުން ގެންދެވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ޤައުމުގެ މީހުންނަށް ނޭނގެނީއެވެ. އެއުރެންނަށް ހިދާޔަތް ދައްކަވާނދޭވެ!" މިފަދައިން ދުޢާކުރައްވަމުން ގެންދެވިއެވެ.

އޯގާތެރިކަމުގެ މަތިވެރި މިސާލު

އިމާމުލްބުޚާރީ އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަالله ޢަންހާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ތިމަންކަމަނާ اللهގެ ރަސޫލާﷺ އަށް ދެންނެވީމެވެ. އޭ الله ގެ ރަސޫލާﷺ އެވެ! އުޙުދުގެ ހަނގުރާމައިގެ ދުވަސް ފިޔަވައި ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވަކިން ހިތްޕުޅުދަތިކަން ބޮޑު ދުވަހެއް އައިތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ޢަޤަބާގެ ދުވަސް (އެބަހީ ޠާއިފު)ގެ ދުވަސް ފަދަ ދުވަހެއް ނާދެއެވެ. އެ ދުވަހު (ޠާއިފުގެ ބޮޑެއްކަމުގައިވާ) އިބުނު ޢަބްދު ޔާލައިލް އިބުނު ޢަބްދު ކުލާލުއަށް ތިމަން ކަލޭގެފާނު އިސްލާމްދީނަށް ވަނުމަށް ގޮވައިލެއްވީމެވެ. ނަމަވެސް އޭނާ ތިމަންކަލޭގެފާނުގެ ދަޢުވަތަށް އިންކާރު ކޮށް ނިކަމެތިކޮށް ކަންކަންކުރިއެވެ.

ދެން ތިމަންކަލޭގެފާނު ހިތާމައާއި ވޭނުން ފުރިގެންވާ ޙާލުގައި ނަޖިދުގެ އަހުލުވެރީންގެ މީޤާތާ ހަމައަށް އައިތަނާ ތިމަންކަލޭގެފާނު އުޑާދިމާލަށް ބައްލަވާލެއްވި ވަގުތު ބޮޑު ވިލާގަނޑެއް ތިމަންކަލޭގެފާނަށް ހިޔާއަޅުވަމުން ދިޔަ ތަން ދެކެވަޑައިގަތީމެވެ. އަދި އެ ދިމާއަށް ބައްލަވައިލެއްވި ހިނދު އެ ތަނުން ސަލާމް ލެއްވި ޖިބްރީގެފާނު ފެނިވަޑައިގަތެވެ. ޖިބްރީލްގެފާނު ވިދާޅުވިއެވެ.

އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ ދަޢުވަތަށް އިންކާރުކޮށް ކަލޭގެފާނުގެ ޤައުމުގެ މީހުން ކުރި ކަންކަން الله އައްސަވައި ދެކެދެނެވޮޑިގެންފިއެވެ. ފަހެ ކަލޭގެފާނުގެ އަރިހަށް މާތް الله ފަރުބަދަތަކުގެ މަލާއިކަތާ މި ހުންނެވީ ފޮނުއްވައިފައެވެ. އެ ވަގުތު އެ މަލާއިކަތާ ތިމަންކަލޭގެފާނަށް ގޮވައިލައްވައި ސަލާމް ގޮވައިލައްވައި ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުން (އެބަހީ ޠާއިފުގެ އަހުލުވެރީން) ކަލޭގެފާނާ މެދު ޢަމަލުކުރި ގޮތް މާތް الله ދެކެދެނެވޮޑިގެންފިއެވެ. އަދި ތިމަންކަލޭގެފާނަކީ ފަރުބަދަތަކުގެ މަލާއިކަތާއެވެ. ކަލޭގެފާނުގެ އަރިހަށް މާތް الله މި ވަނީ ތިމަންކަލޭގެފާނު ފޮނުއްވައިފައެވެ. އަމުރުފުޅު ކުރައްވައިފި ނަމަ މި ފެންނަ ބޮޑު ދެފަރުބަދަ (އަލްއަޚްޝަބައިން) އެއުރެންގެ މައްޗަށް ފުނޑުފުނޑުކޮށްލައްވައި އޮއްސައިލައްވާހުށީމެވެ. އެ ހިނދު ރަޙުމަތުގެ ނަބިއްޔާ ދެންނެވިއެވެ. ނޫނެކެވެ. އެހެން ނުހައްދަވާށެވެ! އެއުރެންގެ ދަރިފަސްކޮޅުން اللهއަށް އީމާންވެ ޝަރީކު ނުކުރާނެ ބަޔަކު ފޮނުއްވައިފާނެކަމަށް އުންމީދު ކުރައްވަމެވެ."

މި ހާދިސާއިން ދޭހަވަނީ ކީރިތި ރަސޫލާﷺގެ ހިތްޕުޅުގެ ތަނަވަސްކަމާއި މަޢާފުކުރެއްވުމުގެ މަތިވެރި ދީލަތި އަޚުލާޤު އެކަލޭގެފާނު ޝަޚުޞިއްޔަތުގައި ބިންވަޅު ނެގިފައިވާކަމެވެ. ބަދަލުހިއްޕެވުމުގެ އެއްވެސް ރޫޙެއް އެކަލޭގެފާނުގެ ކިބަފުޅުގައިގައި ނެތްކަމެވެ. މިއީ އިސްލާމްދީނަށް ގޮވައިލާ ކޮންމެ ދާޢީއެއްގެ ކިބައިގައި ހުންނާންޖެހޭ އެންމެ މާތް އެއް ސިފައެވެ. އަދި ކޮންމެ މުސްލިމެއްގެ ގައިގައި ހުންނާންޖެހޭ އަޚުލާޤު ވެސް މެއެވެ.

ޢައްދާސްގެ މެހުމާންދާރީ

މާޔޫސްކަންމަތީގައި ހިންގަވާފައި މައްކާއަށް ވަޑައިގަތް މަގުމަތީގައި ރަބީޢަތުގެ ދެ ދަރިން ކަމުގައިވާ ޢުތުބާއާއި ޝައިބާގެ ބަގީޗާގައި އިތުރުއެކަލޭގެފާނު މަޑުކުރެއްވިއެވެ. އެތަނުން ބައްދަލުވި ޒުވާން ފުރައިގެ ޢައްދާސް ނަމަކަށް ކިއުނު ޣުލާމެއް (އަޅެއް) ކީރިތި ރަސޫލާﷺ އާއި ޒައިދުގެފާނަށް މެހުމާންދާރީ އެރުވިއެވެ. އެ ދެބޭކަލުންނަށް މޭބިސްކަދުރު ގެންނަވައި އެއިން ފަރިއްކުޅުއްވުމަށް އެދިދެންނެވިއެވެ.

އެ ހިނދު ކީރިތި ރަސޫލާﷺ "ބިސްމިالله" ވިދާޅުވި ފަރިއްކުޅުއްވަން ފެއްޓެވުމުން ތިޔައީ މިރަށްތަކުގެ އަހުލުވެރީން ކިޔައި އުޅޭ އެއްޗެއްނޫނޭ އައްދާސް ބުންޏެވެ. އެ ހިނދު، ތިޔައީ ކޮން ރަށެއްގެ ކުއްޖެއްތޯ ކީރިތި ރަސޫލާﷺ ޢައްދާސް ކުރެން އެއްސެވިއެވެ. އެ ހިނދު، ތިމަންނާއަކީ ނީނަވާގެ މީހެއްކަމުގައި ދެންނެވިއެވެ.

ދެން ކީރިތި ރަސޫލާﷺ ވިދާޅުވިއެވެ. އެއީ ތިމަން ކަލޭގެފާނުގެ އަޚު ޔޫނުސް ޢަލައިހިއްސަލާމްގެ ރަށެވެ. އެ ހިނދު ޢައްދާސް ދެންނެވިއެވެ. ކަލޭގެފާނަށް ޔޫނުސްގެފާނު އެނގިވަޑައިގަތީ ކޮންފަދައަކުންތޯއެވެ؟ އެހިނދު ކީރިތި ރަސޫލާﷺ ވިދާޅުވިއެވެ. އެއީ اللهގެ ނަބިއްޔެކެވެ. ތިމަންކަލޭގެފާނަކީ ވެސް اللهގެ ނަބިއްޔެކެވެ. އެހިނދު ޢަދާސް އުފަލުން ގޮސް ކީރިތި ރަސޫލާﷺ ގެ އަތްޕުޅުގައި ބޮސްދިނެވެ. އޭނާގެ ނަޞްރާނީ ދީން ދޫކޮށް ކީރިތި ރަސޫލާﷺ އަށް އީމާންވެ އިސްލާމްދީނަށް ވަދެއްޖެއެވެ.

މިއީ ޠާއިފުގެ ދަތުރުފުޅުން އެނބުރި ވަޑައިގަތް މަގުމަތީގައި އިތުރުއެކަލޭގެފާނަށް ލިބިވަޑައިގަތް ވަރަށް މަތިވެރި އުފާފުޅަކަށްވިއެވެ. މި ހާދިސާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ހިތާމައަށް ފަހު އުފަލެއްވާނެކަމެވެ. ކޮންމެ ކަމެއްގައި ވެސް ކެތްތެރިކަމާއި ޙިލްމުވެރިކަން އިސްކޮށްފި ނަމަ އެކަމުގެ ނަތީޖާ ފޮނިވާނެކަމެވެ.

ޠާއިފުގެ ދަތުރުން ލިބޭ ޢާއްމު ޢިބުރަތްތައް

1- ޠާއިފުގެ ދަތުރުފުޅުން ކީރިތި ރަސޫލާﷺގެ ދަޢުވަތަކީ ރަޙުމަތުގެ ދަޢުވަތުކަން ވަރަށް ސާފުކޮށް ބަޔާންވެއެވެ.

2- އިސްލާމީ ދަޢުވަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޙިކުމަތާއި ރިވެތި ވަޢުޡާއެކު ދަޢުވަތުދޭންޖެހޭނެ ކަމާއި ދަޢުވަތުގައި އެއްވެސް ވަރަކަށް ހަރުކަށިކަން އިސްކޮށްގެންނުވާނެކަން ދަސްކޮށްދެއެވެ.

3- ކެއުންބުއިމުގެ އަދަބުތައް ވެސް ދަސްކޮށްދެއެވެ. ކާންފެށުމުގެ ކުރިން "ބިސްމިالله" ކިއުމަކީ ސުންނަތެއްކަން ސާބިތުވެއެވެ.

4- ތިމާގެ ދަޢުވަތަށް އިޖާބަ ނުދޭ މީހުންނަށް ވެސް ހެޔޮ ދުޢާކުރާންޖެހޭނެކަމާއި ޙާލަތަކީ ބަދަލުވެދާނެ އެއްޗެއްކަމާއި މިއަދު އިސްލާމްދީނަށް އިންކާރުކުރާ މީހަކު ވެސް މާދަމާ އިސްލާމްދީނަށް ނަޞްރުދީފާނެކަން ސާބިތުވެއެވެ. ކީރިތި ރަސޫލާﷺގެ ދުޢާފުޅުގެ ސަބަބުން ޠާއިފުގެ އަހުލުވެރީންގެ ދަރިފަސްކޮޅުން އިސްލާމްދީނަށް ނަޞްރުދިން އެތައް ބަޔަކު މާތްالله ވަނީ ލައްވައިފައެވެ. މިއަދުވެސް ޠާއިފުގެ އަހުލުވެރީންނަކީ އިސްލާމްދީން ދެކެ ނުހަނު ލޯބިވާ ބަޔެކެވެ.

5- ދަޢުވަތުގެ މަސައްކަތުގައި ނަތީޖާއަށް އަވަސްވެގަތުމަކީ ރަނގަޅު ކަމެއް ނޫންކަމާއި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އެތައް އަހަރެއް ފަހުން ވެސް ނިކުމެދާނެކަން ހާމަވެއެވެ.

6- އިސްލާމީ ދަޢުވަތުގައި އެކުވެރިކަމަކީ މުހިންމު ކަމެއްކަމާއި ދަޢުވަތުގައި އެކީގައި މަސައްކަތްކުރާންޖެހޭނެކަމާއި އެކަކު އަނެކަކަށް އެކަމުގައި އެހީތެރިވާންޖެހޭނެކަން ސާބިތުވެއެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.