Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 9

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 9

20 މާޗް 2024

އިއްޔެގެ ނޫހާ ގުޅޭ

އިއްޔެގެ ނޫހާ ގުޅޭ

އިސްލާމީ ފުރަތަމަ ދައުލަތް

އިސްލާމް ދީނަކީ ދަޢުވަތާއި ދައުލަތުގެ ދީނެވެ. މުސްލިމުންނާ އިސްލާމްދީން ޙިމާޔަތްކުރާނެ ދައުލަތެއް އޮތުމަކީ އިސްލާމްދީނުގެ ޠަބީޢަތް ހުރިހާ ޒަމާނެއްގައި ވެސް ލާޒިމުކުރާ ކަމެކެވެ. އިސްލާމްދީނުގެ ގިނަ ކަންތައްތަކެއް ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ޙާކިމުގެ ކޮނޑުގައި އެޅިފައިވެއެވެ.

އިސްލާމީ ޙުކޫމަތުގެ މަސްއޫލިއްޔަތަކީ اللهގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމުކޮށް ޙިމާޔަތްކުރުމާއި މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިންގުމެވެ.

އިސްލާމީ ދައުލަތަކީ ހަމަ އެކަނި މުސްލިމުން ދިރިއުޅޭ ދީނީ ދައުލަތެއްނޫނެވެ. އިސްލާމީ ދައުލަތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެގެންވާ ޝަރީޢަތުގެ ޙުކުމް ތަންފީޒު ކުރާ ދައުލަތެކެވެ. ދައުލަތުގެ ހިޔަލުގައި ތިބޭ ހުރިހާ ދީނެއްގެ އަހުލުވެރީންގެ ހައްޤުތައް ތަފާތު ކުރުމެއް ނެތި ޙިމާޔަތްކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

މުޙައްމަދު ﷺގެ ރިސާލަތު ލެއްވިގެންވަނީ ދީނާއި ދުނިޔޭގެ މަންފާ އޭގެ މައްޗަށް ޤާއިމުވެގެންވާ ރިސާލަތެއްގެ ގޮތުގައެވެ. އަޤީދާއާއި އަޅުކަމާއި އަޚުލާޤާއި އިޤުތިޞާދީ މުޢާމަލާތާއި ޖިނާއީ އުޤޫބާތާއި ޢާއިލީ ނިޒާމުގެ އުޞޫލުތަކާއި ގަވާއިދުތަކާއި ޙުކުމްތަކާއި އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ގުޅުންތަގެ މަބާދިއުތައް އިސްލާމްދީނުގައި ބަޔާންވެގެންވެއެވެ. މައްކާގައި ކުރިއަށް ދިޔައީ ދަޢުވަތުގެ މަރުޙަލާއެކެވެ. މަދީނާގައި ކުރިއަށް ދިޔައީ ދައުލަތުގެ މަރުޙަލާއެވެ. ދައުލަތުގެ މަރުޙަލާ ފެށުނީ މަދީނާގެ ހިޖުރައިންނެވެ. ހިޖުރައަށް ފަހުގައި ދައުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވައިލައްވާން ފެއްޓެވިއެވެ. އަދި އިސްލާމީ ދަޢުވަތު އިތުރަށް ފުޅާވެގެން ދިޔައެވެ.

މައްކާގައި ދީނަށް ގޮވައިލެއްވުމުގައި ކީރިތި ރަސޫލާ މުޙައްމަދުﷺ ބާރަ ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. މީހުން ބިނާކުރެއްވުމާއި ތަރުބިޔަތުކުރެއްވުމާއި اللهގެ އެއްކައުވަންތަކަމުގެ ޢަޤީދާ މުސްލިމުންނަށް އުގަންނަވައިދެއްވުމާއި އިސްވެ ދިޔަ އުންމަތްތަކުގެ ވާހަކަތައް ވިދާޅުވެދެއްވުމާއި ނަރަކައާއި ސުވަރުގޭގެ ވާހަކަތައް އުނގަންނަވައިދެއްވުގެ އަމާޒަކީ އިސްލާމްދީނުގެ ރިސާލަތުގެ ދަޢުވަތާއި އިސްލާމީ މުޖުތަމަޢާއި ދައުލަތް ޤާއިމުކޮށްދޭނެ، އަޤީދާ ވަރުގަދަ ޖީލެއް ބިނާކުރުމެވެ.

އިސްލާމީ ދައުލަތެއް ޤާއިމުކުރުމުގެ ފުރަތަމަ މަރުޙަލާއަކީ އަޤީދާ ވަރުގަދަ ދަރީންތަކެއް ބިނާކުރުމެވެ. ރަނގަޅު ފަރުދަކު ބިނާކުރުމުގެ ނަތީޖާއަކީ އޭނާގެ ސަބަބުން ރަނގަޅު ޢާއިލާއެއް ބިނާވެގެން އައުމެވެ. ރަނގަޅު ޢާއިލާގެ ނަތީޖާއަކީ ހެޔޮ ލަފާ މުޖުތަމަޢެއް އުފަންވުމެވެ. ހެޔޮ ލަފާ މުޖުތަމަޢުގެ މޭވާއަކީ ޢަދުލުވެރި ވެރިކަމެއް ޤާއިމުވުމެވެ.

މަދީނާގައި ދައުލައް ޤާއިމުކުރެއްވީ މި ދެންނެވި ފަދަ ދަރީންނެވެ. ދާރުލްއަރުޤަމްގައި ކީރިތި ރަސޫލާﷺ ކިޔަވައިދެއްވި ދަރިވަރުންނެވެ. މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން އައުމުގެ ކުރީން އިސްލާމީ ދައުލަތެއް ޤާއިމުކުރުމުގެ އިސްތިރާތީޖީ އެތައް ރޭވުންތަކެއް ކުރިއަށް ގެންދެވިއެވެ. މީގެ ތެރޭގައި އެކިއެކި ދާއިރާތަކުގެ މީހުންނަށް އަމާޒުކުރައްވައިގެން އިސްލާމީ ދަޢުވަތު ދެއްވުން ހިމެނެއެވެ. ވިޔަފާރިވެރީންނާއި ސިޔާސީ ލީޑަރުންނާއި އަސްކަރީ ބޭބޭފުޅުންނަށް އަމާޒުކުރައްވައި ދަޢުވަތުދެއްވިއެވެ.

މަދީނާއާ ހަމައަށް ވާޞިލްވުމުގެ ކުރީން ގިނަ ކަންތައްތަކެއް ހިނގިއެވެ. މަދީނާއަށް ހިޖުރަކުރެއްވުމަކީ އޭގެ ފަހު މަރުޙަލާއެވެ. މަދީނާއަށް ހިޖުރަކުރައްވައި ދައުލަތް ޤާއިމުކުރެއްވުމުގެ ކުރީން ޠާއިފަށް ވަޑައިގެން ވެސް ބާރުވެރިކަމަކާއި ޙިމާޔަތާއި އެހީތެރިކަން ހޯއްދަވާން މަސައްކަތްޕުޅުކުރެއްވުމާއި ޙައްޖު މޫސުމުގައި ޢަރަބި ޤަބީލާތަކުގެ އެހީތެރިކަން ހޯއްދެވުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވުމާއި މުސްލިމުން ޙަބަޝާގެ ޙިމާޔަތް ހޯދުމާއި ޢަޤަބާގައި ހިނގައި ދިޔަ ބައިޢަތު ފާހަގަކޮށްލެވެއެވެ.

ކީރިތި ރަސޫލާﷺ މަދީނާގައި ޤާއިމުކޮށްދެއްވި ދައުލަތުގެ އަސާސްތަކުގެ މަތީގައި އަޞްޙާބު ބޭކަލުންނާއި ފަހުން އައި އިސްލާމީ ޖީލުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައުލަތްތައް ޤާއިމުކޮށް އެންމެންގެ ޙައްޤުތައް ޙިމާޔަތްކޮށް ޢަދުލުވެރިކަން ނަގަހައްޓައި ދުނިޔެ ޙައިރާންކޮށްލި ޢިލްމީ ކުރިއެރުންތައް ހޯދައި، ވަރުގަދަ ޙަޟާރަތެއް ބިނާކޮށް ދުނިޔޭގެ ބޮޑު ބަޔަކަށް ވެރިކަން ކޮށްފައިވެއެވެ. މި ބައިގައި އަލިއަޅުވައިލާނީ ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ޢަމަލުކުރެއްވި އިސްތިރާތީޖީ ޙަރަކާތުގެ މައްޗަށެވެ.

ޢަޤަބާގެ ފުރަތަމަ ބައިޢަތު

އަޤަބާއަކީ މިނާ ކައިރީގައި ވާ ތަނެކެވެ. އެއީ ޙައްޖު މޫސުމުގައި މީހުން އެއްވެ އުޅުނު ތަނެކެވެ. ޢަޤަބާގެ ބައިޢަތަކީ މަދީނާގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުނު އެންމެ މުހިންމު ވަރުގަދަ އަސާސެވެ. އެއީ ރަން އަކުރުން އިސްލާމީ ތާރީޚުގައި ލިޔެވޭންޖެހޭ ޙަޤީޤަތެކެވެ. އަންޞާރިއްޔަ ބޭކަލުންނާ ކީރިތި ރަސޫލާﷺއާ ފުރަތަމަ ބައްދަލުވެވަޑައިގަތް މަޤާމެވެ.

މި ކަން ހިނގައި ދިޔަ ގޮތަކީ ޢާންމު އުޞޫލުން ޙައްޖު މޫސުމުގައި މައްކާއަށް އަންނަ އެކި ވަފުދުތަކާ ބައްދަލުކުރައްވައި ކީރިތި ރަސޫލާﷺ އެބައިމީހުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގެ ތެރެއިން ޙައްޖު މޫސުމުގައި މައްކާއަށް އައިސް އުޅުނު ހަ ޒުވާނަކާ ކީރިތި ރަސޫލާﷺއާ ބައްދަލުވެވަޑައިގަތެއެވެ.

އެމީހުންނަކީ ކޮން ރަށެއްގެ ބައެއްތޯ ކީރިތި ރަސޫލާﷺ އެއްސެވިއެވެ. އެމީހުންގެ ޖަވާބުގައި ތިމަންމެންނަކީ ޔަޘްރިބް (މަދީނާ)ގެ ބައެއްކަމަށް ދެންނެވިއެވެ. އެހިނދު، ތިމަންކަލޭގެފާނާ ވާހަކަ ދައްކައިލާން ވަގުތުކޮޅެއް ދެވިދާނެތޯ ކީރިތި ރަސޫލާﷺ ސުވާލު ކުރެއްވިއެވެ. އެ މީހުން އެ ކަމަށް އެއްބަސްވުމުން ކީރިތި ރަސޫލާﷺ އެމީހުންނަށް އިސްލާމްދީން ހުށައަޅުއްވައި އެކަލޭގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާކަން ބަޔާންކުރެއްވިއެވެ.

އިތުރުއެކަލޭގެފާނުގެ ރިވެތި ވައުޡާއި ނަސޭޙަތް އަޑު އަހައި އެމީހުން އިސްލާމްދީނަށް ވަދެއްޖެއެވެ. ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤާބަގައި ބައްދަލުވާން ވަޢުދުވެ އެ ހަ މީހުން ޔަޘްރިބް (މަދީނާ)އަށް އެނބުރި ހިނގައްޖެއެވެ.

ޖެހިގެން އައި އަހަރު ޙައްޖު މޫސުމުގައި އިތުރު މީހުންނާއެކު ޖުމުލަ ބާރަ މީހުން އައެވެ. އެއީ އިސްލާމްވެގެން އައި މީހުންނެވެ. މި ކަމުގެ މައްޗަށް ކީރިތި ރަސޫލާﷺ އުފާފުޅުކުރައްވައި އެ މީހުންގެ ކިބައިން ބައިޢަތު ހިއްޕެވިއެވެ. اللهއަށް ޝަރީކުނުކުރުމަށާއި ވައްކަންނުކުރުމަށާއި ދޮގުނުހެދުމަށާއި ޒިނޭނުކުރުމަށާއި ހެޔޮ ކަންކަމުގައި ކިޔަމަންގަތުމަށް ބައިޢަތު ހިއްޕެވިއެވެ.

އަދި އެބައިމީހުނަށް އިސްލާމްދީން އުނގަންނަވައިދެއްވާން ބޭކަލަކު ފޮނުވައި ދެއްވާން އެބައިމީހުން ކީރިތި ރަސޫލާﷺ އަށް ދެންނެވިއެވެ. އަދި ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤަބާގައި ބައްދަލުވާން ވަޢުދުވެ އެ ބާރަ މީހުން ޔަޘްރިބަށް އެނބުރި ދިޔައެވެ.

މުޞްޢަބު މަދީނާގައި

ޢަޤަބާގެ ބައިޢަތުގައި މަދީނާއިން އައި މީހުންގެ އެދުމުގެ މަތީން އިސްލާމްދީން އުނގަންނަވައި ދެއްވުމަށް ޓަކައި ސަފީރެއްގެ ގޮތުން މުޞްޢަބު ބުނު ޢުމައިރު ފޮނުއްވިއެވެ. ޙަސަބާއި ނަސަބުގެ ގޮތުން އަރައި ހުންނެވި ޒުވާނެކެވެ. ވަރަށް ތަނަވަސް ޢާއިލާއަކަށް ނިސްބައިވެވަޑައިގަންނަވާ ބޭކަލެކެވެ.

ނަމަވެސް އެ މުއްސަނދި ދިރިއުޅުން ދޫކުރައްވައި اللهއާއި އެކަލާނގެ ރަސޫލާﷺ އަށް އީމާންވެވަޑައިގެން އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށް ޓަކައި ރަސޫލާﷺގެ އަރިހުގައި މަސައްކަތްޕުޅުކުރެއްވިއެވެ. މިފަދަ އަމާނާތްތެރި ބޭކަލަކު ސަފީރެއްގެ ގޮތުން ފޮނުއްވިއެވެ. ލޮބުވެތި ޞަޙާބީ މުޞްޢަބަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ސަފީރެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމްދީނަށް ދަޢުވަތުދެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ މަތިވެރި މަސައްކަތްޕުޅުން އިސްލާމްދީނުގެ ދަޢުވަތު ނުވަންނަ ގެއެއް މަދީނާގައެއް ނެތެވެ.

ކީރިތި ރަސޫލާﷺ މަދީނާއަށް ހިޖުރަކުރެއްވި އިރު މަދީނާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތިބީ އިސްލާމްދީނަށް ވަދެ އެކަލޭގެފާނަށް މަރުޙަބާދަންނަވާން ތައްޔާރަށެވެ. މުޞްޢަބަކީ ވަފާތެރި މަތިވެރި ޞަޙާބީއެކެވެ. ކީރިތި ރަސޫލާﷺ ނުހަނު ލޯބިފުޅުވާ ބޭކަލެކެވެ. އެކަލޭގެފާނު ޝަހީދުވީ އުޙުދު ހަނގުރާމައިގެ ތެރޭގައި މެދުވެރިވި ހިތާމަވެރި ޙާދިސާގައެވެ. މުޞްޢަބު ޝަހީދުވެފައިވާ ތަން ފެނިވަޑައިގަތުމުން ކީރިތި ރަސޫލާﷺ ކީރިތިފުޅުކުރެއްވިއެވެ. އެކަލޭގެފާނުގެ ކަފުނުން އިސްތަށިފުޅާވީ ކޮޅުން ނިވައިކުރެއްވުމުން ފައިންޕުޅުން ކަޝްފުވެއެވެ. ފައިންޕުޅުން ނިވާކުރުމުން އިސްތަށިފުޅު ކަޝްފުވެއެވެ.

މުޞްޢަބު ބުނު ޢުމައިރަކީ މުއްސަނދި ތަނަވަސް ދިރިއުޅުން ދޫކުރައްވައި اللهއަށް ޓަކައި ޤުރުބާންވެވަޑައިގަތް ނަމޫނާ ޝަޚުޞިއްޔަތެކެވެ.

އަޤަބާގެ ދެވަނަ ބައިޢަތު

ޢަޤަބާގެ ފުރަތަމަ ބައިޢަތުގައި ބައިވެރިވި ބާރަ މީހުން ޖެހިގެން އައި އަހަރުގައި ޙައްޖު މޫސުމުގައި ކީރިތި ރަސޫލާﷺ ގެ އަރިހަށް އައީ ހަތްދިހައަށް ވުރެ ގިނަ މުސްލިމުންނާ އެކުގައެވެ. މިހާ ބޮޑަށް މުސްލިމުންގެ ޢަދަދު އިތުރުވީ މުޞްޢަބު ބުނު ޢުމައިރުގެ މަތިވެރި މަސައްކަތްޕުޅުންނެވެ. ކުރީ ފަހަރުތަކާ ޚިލާފަށް މި ފަހަރުގައި އަންހެނުން ވެސް ބައިރިވިއެވެ.

މި ފަހަރު އައި އެންމެންގެ ކިބައިންވެސް ބައިޢަތު ހިއްޕެވިއެވެ. މި ފަހަރުގެ ބައިޢަތުގައި ތަފާތު ކަމެއް އައެވެ. އެއީ ވެރީންނާ ދެކޮޅުނުވުމަށް ބައިޢަތު ހިއްޕެވިއެވެ. މި ކަމުން ދޭހަވަނީ ދަޢުވަތުގެ އަމާޒު އެހެން ދިމާއަކަށް މިޞްރާބު ޖަހައިފިކަމެވެ. އަދި ޢަޤަބާގެ ދެވަނަ ބައިޢަތު ވެގެން ދިޔައި އިސްލާމީ ދައުލަތް މަދީނާގައި ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ މަހާސިންތާއަކަށެވެ.

މި ބައްދަލުވުމުގައި ކީރިތި ރަސޫލާﷺ މަދީނާއަށް ހިޖުރަކުރައްވައިފި ނަމަ އެކަލޭގެފާނު ޙިމާޔަތް ކުރާނެކަމުގެ ވަޢުދު އެ މީހުންގެ ކިބައިން ހިއްޕެވިއެވެ. އެ މީހުންގެ ޖާނާއި މުދާ ޤުރުބާންކޮށްގެން ވެސް އެކަލޭގެފާނު ޙިމާޔަތްކުރާނެކަމަށް އަޙުދުވިއެވެ. މި ބައްދަލުވުމުގައި ކީރިތި ރަސޫލާﷺގެ ބޮޑު ބޭބޭފުޅު އައްބާސްގެފާނު ބައިވެރިވެވަޑައިގެން، ކީރިތި ރަސޫލާﷺ މަދީނާއަށް ވަޑައިގެންފި ނަމަ، އެކަލޭގެފާނަށް ގެއްލުމެއް ނުދެއްވުމަށާއި އެކަލޭގެފާނާ މެދު ރައްކާތެރިވުމަށް ނަސޭޙައް ދެއްވިއެވެ. ނަމަވެސް އެއިރު ޢައްބާސްގެފާނު އިސްލާމްވެވަޑައެއް ނުގަންނަވައެވެ.

މި ބައްދަލުވުމުގައި އެ ކަލޭގެފާނު ބައިވެރިވެވަޑައިގަތީ ބައްދަލުވުމުގެ މަޤުޞަދުގެ ޙައްސާސްކަމުންނާއި ޢާއިލީ ބޭފުޅެއްގެ ގޮތުންނެވެ. މަދީނާއިން ޢަޤަބާއަށް އައި ހަތްދިއަށް ވުރެން ގިނަ މީހުންގެ ތެރެއިން ބާރަ މީހުން އިޚުތިޔާރު ކުރައްވައި އެއީ "ނަޤީބުން" ކަމުގައި ކަނޑައަޅުއްވައި އިސްލާމްދީނަށް ގޮވައިލުމާއި މުސްލިމުންނަށް ރައްކާތެރިކަން ދިނުމުގެ މަސައްކަތް އެބޭކަލުންނާ ޙަވާލުކުރެއްވިއެވެ. އެއަށް ފަހު އެބައިމީހުން މަދީނާއަށް އެނބުރި ހިނގައްޖެއެވެ.

ކީރިތި ރަސޫލާﷺ މަދީނާއަށް

ކީރިތި ރަސޫލާﷺ އާއި މަދީނާގެ އަހުލުވެރީންނާއެކު ހިނގައި ދިޔަ ބައިޢަތުގެ ޚަބަރު ކޮންމެވެސް ގޮތަކުން ޤުރައިޝުންނަށް ލިބި މައްކާގެތެރެ ކޮންމެވެސް ވަރަކަށް ހޫނުވާން ފެށިއެވެ. އަދި މައްކާއިން ނިކުމެވަޑައިގެން މުޙައްމަދުގެފާނު މަދީނާއަށް ވަޑައިގެންފި ނަމަ، ޤުރައިޝުންގެ ބާރު ނެތިވެ އިސްލާމްދީނަށް ގަދަކަން ލިބިދާނެކަމަށް ބަލައި، މައްކާގެ އެކި ޤަބީލާތައް ވެގެން ކީރިތި ރަސޫލާﷺ ޝަހީދުކޮށްލާން ރޭވިއެވެ.

ޝައިޠާނާގެ މި ވަސްވާސްތަކަށް ހެއްލި ކީރިތި ރަސޫލާﷺ ޝަހީދުކޮށްލާން ޤުރައިޝުން ނިންމިއެވެ. އެ ޙާލަތުގައި ކީރިތި ރަސޫލާﷺ މަދީނާއަށް ހިޖުރަކުރައްވާން الله އިޒުނަ ދެއްވައިފިއެވެ. އަދި އަބޫބަކުރުގެފާނަށް އެ ވާހަކަ އަންގަވައި އެކަލޭގެފާނުގެ އަރިހުގައި ހިޖުރައިގެ ދަތުރުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދެއްވިއެވެ. އަބޫބަކުރުގެފާނު އެ ކަން ގަބޫލުފުޅުކުރެއްވީ އުފާވެރިކަމުން ކީރިތިކުރައްވާ ޙާލުކޮޅުގައެވެ.

އަދި ދެބޭކަލުން ވެސް ހިޖުރައިގެ ޙަރަކާތް ގެންދަވާނެ ގޮތް ރާއްވަވައި ކީރިތި ރަސޫލާﷺ އަވަހާރަފުޅު ލައްޕަވާ މަޤާމުގައި ޢަލީގެފާނު އޮންނަވާ ގޮތަށް ކަންކަން ރާއްވަވައި އަބޫބަކުރުގެފާނުގެ ބޭފުޅުން އެ ދަތުރުފުޅުގައި އެ ދެބޭކަލުންނަށް ފަރިއްކޮޅު ގެންދެވުމާއި ރަށުތެރޭގެ ޚަބަރުތައް ގެނެސް ދެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވައި ރޭގަނޑުގެ ވަގުތެއްގައި މައްކާއިން ނިކުމެވަޑައިގަތެވެ. އަދި ޘައުރު ފަރުބަދައިގައި ތިން ދުވަސް ވަންދެން މަޑުކުރެއްވުމަށް ފަހު މަދީނާއަށް ވަޑައިގަތެވެ. މަދީނާއަށް ވަޑައިގަތް މަގުމަތީގައި ޤުބާގައި ނަމާދުފުޅުކުރައްވައި ހެއްދެވިއެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.