18 އޮކްޓޯބަރ 2019
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ އަކީ އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ވާހަކަ އެކެވެ. މިގޮތުން ޢިލްމުގެ މުހިންމު ކަމާއި އޭގެ މާތްކަމާއި ޢިލްމުވެރިންގެ ގަދަރުގެ މަތިވެރިކަމާއި އުނގެނުމާއި އުންގަންނައި ދިނުމުގައި ދެ ފަރާތުން ސަމާލުވާންޖެހޭ އަދަބުތަކާއި މި ނޫން ވެސް އެތައް ފިލާވަޅުތަކެކެވެ. މި ދެންނެވި ކަންކަމަށް ކުރީގެ ދެ ލިޔުމެއްގައި ވާނީ އަލިއަޅުވާލެވިފަ އެވެ. މި ލިޔުމުގައި ވެސް މި ބަލައިލަނީ ހަމަ ޢިލްމާ ގުޅުން ހުރި ކަމަކަށެވެ. އެއީ ޢިލްމު ހޯދުމުގައި ކެތްތެރިވުމާ ގުޅޭ ގޮތުން މި ވާހަކަ އިން ދަސްވާ ފިލާވަޅުތަކަށެވެ.
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ އަކީ އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ވާހަކަ އެކެވެ. މިގޮތުން ޢިލްމުގެ މުހިންމު ކަމާއި އޭގެ މާތްކަމާއި ޢިލްމުވެރިންގެ ގަދަރުގެ މަތިވެރިކަމާއި އުނގެނުމާއި އުންގަންނައި ދިނުމުގައި ދެ ފަރާތުން ސަމާލުވާންޖެހޭ އަދަބުތަކާއި މި ނޫން ވެސް އެތައް ފިލާވަޅުތަކެކެވެ. މި ދެންނެވި ކަންކަމަށް ކުރީގެ ދެ ލިޔުމެއްގައި ވާނީ އަލިއަޅުވާލެވިފަ އެވެ. މި ލިޔުމުގައި ވެސް މި ބަލައިލަނީ ހަމަ ޢިލްމާ ގުޅުން ހުރި ކަމަކަށެވެ. އެއީ ޢިލްމު ހޯދުމުގައި ކެތްތެރިވުމާ ގުޅޭ ގޮތުން މި ވާހަކަ އިން ދަސްވާ ފިލާވަޅުތަކަށެވެ.
މޫސާގެފާނަކީ އުލުލްޢަޒުމްގެ ބޭފުޅެކެވެ. އެންމެ އަނިޔާވެރި ޖައްބާރު ރަސްރަސްކަލުންގެ ތެރެއިން ވެސް ފިރްޢައުނަކީ އަރާ ހުރި މީހެކެވެ. އޭނާގެ ފަރާތުން ކުރިމަތިވި އިދިކީލި ކަމާއި އުރެދުމަށް މޫސާގެފާނު ކެތްތެރިވެވަޑައިގެންނެވި އެވެ. ނަބީންނަށް ތަބާވުމުގައި މުޅި ތާރީޚުގައި ވެސް އެންމެ ނޭއްގާނީކަން ދެއްކި ބަނީއިސްރާއީލުންގެ ފަރާތުން ކުރިމަތިވި އެންމެހައި ކަންކަމަށް ވެސް މޫސާގެފާނު ކެތްތެރިވެވަޑައިގަތެވެ. މަދްޔަނަށް ކުރެއްވި ދަތުރުފުޅުގައި ދިމާވި ކަންކަމާއި އެ ތަނުގައި ދިރިއުޅުއްވަން ހޭދަކުރެއްވި 10 އަހަރު ވެސް ކެތްތެރިކަން ތަހައްމަލް ކުރެއްވެވި އެވެ. ނަމަވެސް މިފަދަ ކެތްތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅަކު ﷲ ގެ އަމުރުފުޅަށް ކިޔަމަން ގަތުމުގެ ގޮތުން ޢިލްމެއް ހޯދުމަށް އެދި ޚިޟްރުގެފާނުގެ އަރިހުގައި ދެންނެވުމުން ލިބުނީ އަޖައިބު ކުރުވަނިވި ރައްދެކެވެ.
"ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަން ކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަވެގެނެއް ނުވާނެ ތެވެ." (އަލްކަހްފު 67). ސަބަބެއްގެ ގޮތުގައި ޚިޟްރުގެފާނު ވިދާޅުވީ "ކަލޭގެފާނަށް އެކަމެއްގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދަ އަކުންތޯ އެވެ؟" (އަލްކަހްފު 68). މިފަދައިންނެވެ.
މޫސާގެފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާތަކާއި ހޯއްދެވި ކާމިޔާބުތަކަށް ބަލާއިރު މިފަދަ ކަމަކަށް ކެތްކުރައްވަން އެކަލޭގެފާނަށް މަދުވަނީ ކޮން ސިފަތަކެއްތޯ އެވެ؟ އެންމެ ފަހަރެއްގެ ހަމަލާ އަކުން މީހެއްގެ ފުރާނަ ދުއްވާލުމުގެ ޖިސްމާނީ ބާރުފުޅު ހުއްޓެވެ. ހަނަފަސް ސަހަރާގައި ގިނަކަންޏާ އެތައް މޭލެއްގެ ދުރު ދަތުރު ކުރެއްވުމުގެ ހިތްވަރުފުޅު ހުއްޓެވެ. ގަނޑުވަރު ތެރޭގައި އަރާމު ދިރިއުޅުއްވުން ތަޖުރިބާ ކުރެއްވުމާ އެކު ވެސް ބުރަ، އުދަނގޫ ދިރިއުޅުއްވުމެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރެއްވުމުގެ ގާބިލުކަން ހުއްޓެވެ. ފިރުޢައުނުގެ ތަޚުތު ގުޑުވައިލައި އޭނާގެ ލަޝްކަރު އިނދަޖައްސާލާ ވަރުގެ ހިތްވަރު ގަދަކަން ލިބިވަޑައިގެންނެވި އެވެ. ތަފާތު އުނދަގޫތަކާއި ދުއްތުރާތައް ތަހައްމަލް ކުރެއްވުމުގެ ކުޅަދާނަކަން ހުއްޓެވެ. ވީމާ މިފަދަ ބޭފުޅަކަށް ޢިލްމެއް އުނގެނިވަޑައިގަންނަވަން އުނދަގޫފުޅު އެވީ މިކަމަށް ކުފޫ ހަމަނުވާތީކީ ނޫނެވެ. ހިތްވަރުފުޅާއި އަޒުމްފުޅު ނެތިގެންނެއް ނޫނެވެ. އެހެން ނަމަވެސް އެއީ ދިމާވެ ވަޑައިގަންނަވާނެ އަޖައިބު ކުރުވަނިވި އަދި ސިއްސުވާލަނިވި ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތްތައް، އެކަންކަން ދިމާވުމުގެ ކުރިން މޫސާގެފާނަށް އެނގިވަޑައިގެންފައި ނުވުމުންނެވެ.
ހަގީގަތުގައި މިއީ ވަރަށް ގިނަ މީހުންނަށް ކެތްކުރަން އުނދަގޫ ކަމެކެވެ. ކަމަކާ ގުޅިފައި ހުންނަ އޭގެ ހާލަތްތަކާއި އެކަމަށް އަސަރު ކޮށްފާނެ ކަންކަމާއި އެފަދަ ކަމެއްގައި މާޒީގައި ކަންވެފައިވާ ގޮތާއި އެކަމުގެ ނަތީޖާ ނުކުމެދާނެ ކަމަށް ލަފާކުރެވޭ ގޮތްތައް ތިމާ އަށް ރަނގަޅަށް ފަހުމް ނުވާ ނަމަ އެކަމާ މެދު ނިންމޭ ނިންމުންތަކަށް ކެތްކުރަން ވަރަށް އުނދަގޫވެ އެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ތަޖުރިބާކާރުން ނިންމާ ނިންމުންތަކަށް ބައެއް ފަހަރު އަހަރެމެންނަށް ކެތް ނުކުރެވެނީ މިހެން ވެގެންނެވެ. މައިންބަފައިންގެ ނަސޭހަތް ގަބޫލު ކުރަން ބައެއް ފަހަރު އުނދަގޫވަނީ މިހެން ވެގެންނެވެ. ދީނީ ގޮތުން ގަބޫލު ކުރަންޖެހޭ ބައެއް ކަންކަމާ ޖަދަލު ކުރެވެނީ މިހެން ވެގެންނެވެ. ދީނަށް ތަބާވުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ގިނަ ފަހަރު ކެތްތެރިވާން އުނދަގޫވަނީ މިހެން ވެގެންނެވެ.
ޚިޟްރުގެފާނާ ބައްދަލުވެވަޑައިގަތުމުގެ ކުރިން މޫސާގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ގިނަ ކަންކަމުގައި އެހާ ބޮޑު ކެތްތެރިކަމެއް ފެނިގެން އެ ދިޔައީ އެ ކަންކަމާ ގުޅުން ހުރި އެންމެހައި ކަންކަމާއި ތަސައްވުރު ކުރެވޭ ނަތީޖާތައް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. ނަމަވެސް ޚިޟްރުގެފާނާ އެކު މި ފެއްޓޭ ދަތުރުގައި ދިމާވެވަޑައިގަންނަވާނެ ކަންކަމަކީ އެ ކަންކަމާ ގުޅޭ ޢިލްމު މޫސާގެފާނަށް ލިބިވަޑައިގެންފައި ނުވާ ކަންކަމެވެ. މި ކަންކަމަށް މޫސާގެފާނަށް ކެތްތެރިވެވަޑައިނުގެންނެވޭނެއޭ އެންމެ ފުރަތަމަ ވެސް ޚިޟްރުގެފާނު ވިދާޅުވީ މިހެން ވެ އެވެ. މީގެ އިތުރުން މޫސާގެފާނަކީ، ﷲ އަށްޓަކައި ނުވަތަ ހައްގު ދެމެހެއްޓުމަށްޓަކައި އަބަދުވެސް އަވަސްވެ ވަޑައިގަންނަވާ ބޭފުޅަކަށް ވުމެވެ. މިގޮތުން ބަނީއިސްރާއީލުންގެ މީހަކަށް ޤިބްޠީއެއްގެ ފަރާތުން ލިބެމުން ދިޔަ އަނިޔާ ހުއްޓުވަން އެކަލޭގެފާނު އަވަސްވެ ވަޑައިގަތެވެ. ޝުޢައިބުގެފާނުގެ ދެ ދަރިކަނބަލުންނަށް ހައްގު ފުރުސަތު ނުލިބި އެތައް އިރެއް ވާން ފެށުމުން އެ ހައްގު ހޯއްދަވައި ދެއްވަން އަވަސްވެ ވަޑައިގަތެވެ. ބަނީއިސްރާއީލު މީހުން ގެރި އަށް އަޅުކަން ކުރާތަން ފެނިވަޑައިގަތުމުން އަތްޕުޅުގައިވާ ވަޙީގެ ފިލާތައް އެއްލަވާލައްވައި ހާރޫނުގެފާނުގެ އިސްތަށިފުޅުގައި ހިއްޕަވައި ދަންމަވައިގެންނެވި އެވެ.
މި ސަބަބުތަކާ ހުރެ، އުނގެނުމުގެ ދަތުރު ފެއްޓެވުމުގައި ޚިޟްރުގެފާނު މޫސާގެފާނަށް ހަގީގަތުގައި އެ ދެއްވެވީ އިންޒާރެކެވެ. މީގެ ރައްދުގައި މޫސާގެފާނު ވިދާޅުވީ "ﷲ އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިއަކު ކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫ އެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމޭ." އެވެ. (އަލްކަހްފު 69). ނަމަވެސް މި ވަޢުދާ އެކު ވެސް މޫސާގެފާނަށް ހަމަ ކެތްތެރިވެ ވަޑައިނުގެންނެވޭނެކަން ޚިޟްރުގެފާނަށް އެނގިވަޑައިގަންނަވާތީ ޝަރުތެއް ކުރެއްވެވި އެވެ. އެއީ ކުރިމަތިވާ ކަންކަމުގައި އެކުލެވޭ ހަގީގަތްތައް ބަޔާން ކޮށްދިނުމުގެ ކުރިން، އެކަންކަން ހިނގަމުންދާ ވަގުތުގައި އެއްވެސް ކަމަކާ ދޭތެރޭ ސުވާލު ނުކުރެއްވުމުގެ ޝަރުތެވެ. (އަލްކަހްފު 69). މޫސާގެފާނަކީ ބައެއް ފަހަރު ކަންކަމަށް އަވަސްވެ ވަޑައިގެން ގޮތް ނިންމަވާ ބޭފުޅެއް ކަމުގައި ވިޔަސް ކެތްތެރިވާން ވަރަށްބޮޑަށް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންވެ މިފަދަ ކަމެއްގައި ވެސް ކެތް ނުކުރެއްވޭނެ ކަމަކަށް ހީފުޅެއް ނުކުރައްވަ އެވެ. އެހެންވެ ކެތްތެރިވެ ވަޑައިގަންނަވާނަމޭ ވިދާޅުވީ އެވެ.
ނަމަވެސް ކުރިފުޅުމަތީ ކަންކަން ހިނގަން ފެށުމުން އެ ކަންކަމުގެ ބޭރުފުށުން ފެންނަން ހުރި ކަންކަމުގެ މައްޗަށް ބިނާ ކުރައްވައި ސުވާލުތައް ކުރެއްވެވީ އެވެ. ފުރަތަމަ ހާދިސާ އަށް ފަހު ސުވާލު ކުރެއްވުމުން ޚިޟްރުގެފާނު ވިދާޅުވީ "ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯ އެވެ؟" (އަލްކަހްފު 72). މޫސާގެފާނު އުޒުރު ދެއްކެވީ އެއީ ހަނދުމަފުޅު ނެތުމެއް ކަމަށެވެ. ވީމާ އެކަން އެހާބޮޑު ކަމަކަށް ނުހައްދެވުމަށާއި އެކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖެއްސެވުމަށް އެދިވަޑައިގަތެވެ. (އަލްކަހްފު 73). އެކަމަކު ދެވަނަ ފަހަރު ވެސް ސުވާލު ކުރެއްވީ އެވެ. ޚިޟްރުގެފާނު ކުރިން ވިދާޅުވި ބަސްފުޅު މި ފަހަރު ވެސް ހަނދުމަފުޅު ކޮށްދެއްވި އެވެ. މި ފަހަރު މޫސާގެފާނު ވިދާޅުވީ، ދެން މީގެ ފަހުން ސުވާލެއް ކޮށްފިއްޔާ އެ ހިސާބުން މި އުނގެނުމުގެ ދަތުރު އެއްކޮށް ނިންމާލެއްވިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެހާރުން އެކަމަށް ޚިޟްރުގެފާނަށް އުޒުރެއް ލިބިވަޑައިގަތީ ކަމަށެވެ. (އަލްކަހްފު 76) އެކަމަކު މި ފަހަރު ވެސް ހަމަ އެއްޗެއް ވިދާޅުވީ އެވެ. ނަތީޖާއެއްގެ ގޮތުން އުނގެނުމުގެ ދަތުރު ނިމުނީ އެވެ. އަދި ދަތުރުގައި ދިމާވި، މޫސާގެފާނަށް އެ ކަންކަމާ ކެތް ނުކުރެއްވުނު، ކަންކަމުގެ ޚަބަރުތައް ޚިޟްރުގެފާނު ދެއްވީ އެވެ. (އަލްކަހްފު 78).
މި ޚުލާޞާ ކޮށްލީ ޚިޟްރުގެފާނާއި މޫސާގެފާނުގެ ވާހަކައިގައި ހިމެނޭ ބައިތަކުގެ ތެރެއިން އުނގެނުމުގައި ކެތްތެރިވުމާ ގުޅޭ ގޮތުން ހުރި ކަންކަން އެކަންޏެވެ. އެ ވާހަކައިގައި ހިމެނޭ ހުރިހާ ކަމެއް ނޫނެވެ. އެއީ ޢިލްމު އުނގެނުމުގައި ކެތްތެރިވުމާ ގުޅޭ ގޮތުން މި ވާހަކަ އިން ދަސްވާ ފިލާވަޅުތަކަށް އެކަނި ބަލައިލުމަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއިން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުން ހިފިދާނެ ވަރަށް މުހިންމު ފިލާވަޅުތަކެއް އެބަ ދަސްވެ އެވެ.
އެންމެ ފުރަތަމަ ކަމަކީ ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަމުގެ ހުރިހާ ހަގީގަތްތައް އަހަރެމެންނަށް ނޭނގޭނެ ކަން ގަބޫލު ކުރުމެވެ. ދެވަނަ ކަމަކީ ކަންކަމުގެ ހަގީގަތްތައް އެނގޭ މިންވަރަކުން އެކަމަކާ މެދު ނިންމާ ނިންމުންތައް ފުރިހަމަވެފައި ހިކުމަތްތެރިވާނެ ކަމެވެ. މި ވާހަކައިގައި ޚިޟްރުގެފާނަށް ލިބިވަޑައިގެންނެވި ޢިލްމުގެ ތެރޭގައި ﷲ ގެ ވަޙީ ނުވަތަ އިލްހާމު ހިމެނެ އެވެ. އެހެންކަމުން މިފަދަ ފުރިހަމަ ގޮތަކަށް އަހަރެމެންނަށް ކަންކަން ނުނިންމުނަސް ޚިޟްރުގެފާނުގެ ތަޖުރިބާ އާއި ދުރު ވިސްނުންފުޅުގެ މައްޗަށް ބިނާކޮށް ވެސް ބައެއް ކަންކަން ނިންމެވި އެވެ. ތިންވަނަ ކަމަކީ ކަންކަން އެނގި ތަޖުރިބާ ކޮށްފައި ތިބޭ މީހުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމުގައި އަވަސްވެ ނުގަތުމުގެ މުހިންމު ކަމެވެ. ހަތަރުވަނަ ކަމަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ އަމުރުފުޅުތަކަށް ކިޔަމަން ވުމުގައި ބަހަނާ ދައްކައިގެން ނުވާނެ ކަމެވެ. ފަސްވަނަ ކަމަކީ ﷲ ގެ މިންވަރުފުޅަށް އަހަރެމެން ފާޑުކިޔައިގެން ނުވާނެ ކަމެވެ.ﷲ އީ ޙަކީމުވަންތަ ޢަދުލުވެރި ރަސްކަލާނގެ ކަމަށް ވާއިރު އެކަލާނގެ މިންވަރުފުޅުގައި ބޭއިންސާފެއް ނުވާނެކަން ގަބޫލު ކުރުމެވެ. ހަވަނަ ކަމަކީ ތިމާ އަށް ނޭނގޭކަން ގަބޫލުކޮށް ކަންކަމުގެ ހަގީގަތް ހޯދަން ސުވާލު ކުރުން މުހިންމު ކަމެވެ. ހަތްވަނަ ކަމަކީ ވެރިންނާއި މައިންބަފައިންނާއި މުރައްބީން ވެސް ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ހިކުމަތްތައް ބަޔާން ކޮށްދެވޭ ހާލަތަކަށް ދިއުމުން ބަޔާން ކޮށްދޭން ޖެހޭނެ ކަމެވެ. އަދި ބަޔާން ކުރެވެން ނެތް ނަމަ ފަހުން ބަޔާން ކޮށްދޭނެ ކަން އަންގައިދީ ކެތްތެރިވާން އެދުމެވެ. މި ފަދަ ފިލާވަޅުތަކުން ދިރިއުޅުމުގައި އިބުރަތް ލިބިގަތުން މުހިންމެވެ.
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: ކީރިތި ޤުރުއާން ފަހުމްވުމަށް މަގެއް 1
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2