Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

13 އޮކްޓޯބަރ 2016

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދު ކުރާ އިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެ ސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މި ދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވައިލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނަ އެވެ. އެ އަށް ފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދު ކުރާ އިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެ ސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މި ދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވައިލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނަ އެވެ. އެ އަށް ފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

ސޫރަތުގެ ނަމާއި ބާވާލެއްވުނު ތާރީޚް

ކީރިތި ޤުރްއާނުގެ ސޫރަތް ސޫރަތުގެ ނަމުގެ ވާހަކަ ދައްކާ އިރު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ނަން ދެވިފައިވަނީ ސޫރަތްތައް ފާހަގަކޮށް އެއް ސޫރަތާއި އަނެއް ސޫރަތް ވަކި ކުރުމުގެ ބޭނުމުގައި ކަމެވެ. އާއްމު ގޮތެއްގައި، ސޫރަތްތަކަށް ނަންދެވިފައި ވަނީ، އެ ސޫރަތުގައި ނަންގަނެވިފައިވާ މުހިއްމު ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ނުވަތަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެވެ.

އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެ ސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73 ވަނަ އާޔާތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައަކާ އެވެ. ބަނޫ އިސްރާއީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލުމަށް އަމުރު ކުރެވުނު ހިނދު، އެ މީހުން ކަންތައްތައް ކުރި ގޮތުގެ ވާހަކައާ އެވެ. މީގެ ތަފްސީލު އެ އާޔަތްތަކުގެ ތަފްސީރުގެ ވާހަކަ ލިޔެވޭ އިރު ބަޔާން ކުރެވޭނެ އެވެ.

މިކަމުން ފާހަގަކޮށްލަން ބޭނުންވަނީ، އާއްމު ގޮތެއްގައި، ކީރިތި ޤުރްޢާނުގެ ސޫރަތަކަށް ދެވިފައިވާ ނަމަކުން، އެސޫރަތުގެ މައުޟޫއުގެ މައްޗަށް އިޝާރާތެއް ނުކުރެވޭ ކަމެވެ. މީގެ މިސާލަކީ މީސްމީހުންނަށް ކިޔޭ ނަންނަމުގެ މިސާލެވެ. 'އަސަދު' (ސިންގާ) މިހެން މީހަކަށް ކިޔައި، އޭނާ އަށް އެ ނަން ދެވުމުގެ މާނައަކީ އޭނާ ސިންގާއަކަށް ވުމެއް، ނުވަތަ އޭނާ އަށް، ސިންގާއެއްގެ ސިފަ ލިބިގެން ވުމެއް، ނޫނެވެ. ހަމަ އެހެންމެ އިނގިރޭސި ބަހުން މީހަކަށް 'މރ. ބްލެކް' (ކަޅު) އޭ ކިޔުމުން އޭނާއަކީ 'ކަޅު' މީހަކަށް ވުން ލާޒިމެއް ނުކުރެ އެވެ.

މީސްމީހުންނަށް ނަން ދެވެނީ މީސްމީހުން ކަނޑައަޅައި ފާހަގަކޮށް، އެ މީސްމީހުން، އެހެން މީހުންނާ ވަކި ކުރުމުގެ ބޭނުމުގަ އެވެ. ހަމަ މިފަދައިން ސޫރަތް ސޫރަތަށް ނަން ދެވިފައިވަނީ ވެސް، އެއް ސޫރަތް އަނެއް ސޫރަތާ ވަކިކޮށް ފާހަގަ ކުރުމުގެ ބޭނުމުގަ އެވެ. މިހެންވެ، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުޖަމާ ކުރެވޭ އިރު، ސޫރަތް ސޫރަތުގެ ނަން ތަރުޖަމާ ނުކޮށް، އެ ނަން އޮންނަ ގޮތަށް ބޭއްވެ އެވެ. އާދެ، 'އަލްބަޤަރާ'ގެ މާނައަކީ 'ގެރި' ކަމުގައި ވިޔަސް، އެ ގޮތަށް މާނަ ނުކޮށް ބޭއްވެ އެވެ. އަދި އަލްބަޤަރާ ސޫރަތަކީ 'ގެރީ'ގެ މައުޟޫއުގެ މައްޗަށް އިންސާފުކުރެވޭ ސޫރަތެއްގެ ގޮތުގައި ނުބެލެވެ އެވެ. އަލްބަޤަރާ، އެއީ އެ ސޫރަތުގެ ނަން ކަމުގައި ބެލެވި، އެ ސޫރަތަކީ އަލްބަޤަރާ ސޫރަތޭ ބުނެ، އެ ގޮތުގައި ބޭއްވެ އެވެ.

އަލްބަޤަރާ ސޫރަތަކީ މަދަނީ ދައުރުގައި ބާވާލެއްވުނު ސޫރަތަކެވެ. އެސޫރަތުގެ ބޮޑުބައި، ބާވާލެއްވުނީ މަދަނީ ދައުރުގެ ކުރީކޮޅުގަ އެވެ. ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރައްވައި މަދީނާގައި ހޭދަކުރެއްވި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް އަލްބަޤަރާ ސޫރަތުގެ 271 ވަނަ އާޔަތުން ފެށިގެން 281 ވަނަ އާޔަތުގެ ނިޔަލަށް ބާވާލެއްވުނީ މަދަނީ ދައުރުގެ ފަހުކޮޅުގަ އެވެ. އަދި 281 އާޔަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައި ވެސް ބެލެވެ އެވެ.

މައިގަނޑު މައުޟޫއާއި ޖުމްލަ މާނަ

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަ އެވެ. އާދެ، ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކަ އެވެ. އިންސާނާގެ ފަރުދީ ހަޔާތައި އަދި ޖަމާއީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާ ބެހޭ ގޮތުން ދެވޭ ތައުލީމާތުތަކާއި އިރުޝާދުގެ ވާހަކަ އެވެ. އެކަމާ ބެހޭ ގޮތުން އުނގަންނައިދެވޭ އުނގަންނައިދިނުންތަކާއި ބުނެދެވޭ ބުނެދިނުންތަކުގެ ވާހަކަ އެވެ. އެ ސޫރަތުގެ ދެ ވަނަ އާޔަތުގައި މިކަން ކަނޑައަޅައި ބަޔާންކޮށްދެވިފައި ވެ އެވެ. ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ، (މިއީ އެފޮތެވެ. އެފޮތުގައި، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި ހިދާޔަތު، (އިލާހީ ހެޔޮ މަގު، ބަޔާން ކުރެވިފައި) ވެއެވެ'، މިއާޔަތުގަ އެވެ.

ތައުރާތުގެ ކޮޕީއެއްގެ ތަސްވީރު. އަލްބަގަރާ ސޫރަތުގެ ތިން ބައިކުޅަ އެއް ބައިގައި ތައުރާތުގައި ނަންގަނެވިފައިވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރެވިފައިވޭ.

ތައުރާތުގެ ކޮޕީއެއްގެ ތަސްވީރު. އަލްބަގަރާ ސޫރަތުގެ ތިން ބައިކުޅަ އެއް ބައިގައި ތައުރާތުގައި ނަންގަނެވިފައިވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރެވިފައިވޭ.

މި މައިގަނޑު މައުޟޫއާ މެދު ވިސްނާލުމުން، އަލްބަޤަރާ ސޫރަތާއި އެ ސޫރަތުގެ ކުރިން އޮތް އަލްފާތިޙާ ސޫރަތާ ގުޅޭ ގޮތް އެނގިގެން ދެ އެވެ. އާދެ، އަލްބަޤަރާ ސޫރަތް ހިމެނެނީ، އަލްފާތިޙާ ސޫރަތުގައި، ތެދުމަގު އެދިގެން މާތްﷲގެ ޙަޟުރަތުގައި ދެންނެވިފައިވާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ 'އަޅަމެނަށް ތެދު މަގު ދައްކަވާފާނދޭވެ!، މިދުއާގެ އިޖާބަކަމުގަ އެވެ. އަލްބަޤަރާ ސޫރަތަކީ، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ، އިލާހީ ތެދުމަގު ބަޔާން ކޮށްދިނުމުގެ ފެށުމެވެ.

އިލާހީ ހިދާޔަތުގެ މާނައަކީ ކޮބައިކަމާއި ކީރިތި ޤުރްއާނުގައި އެކަން ހުށަހަޅާލެވިފައިވާ ގޮތާއި އަދި އެކަން މާނަ ކުރުމާ ބެހޭ ގޮތުން، ވޭތުވެ ދިޔަ ދޮޅު ގަރުނެއްހާ ދުވަހު ދެކެވިފައިވާ ވާހަކަތައް، ވަކިން، މުލްހަގެއްގެ، (އެޕެންޑިކްސްއެއްގެ)، ގޮތުގައި، އަލްބަޤަރާ ސޫރަތުގެ ތަފްސީރު ނިމުމުން، ތަފްސީލުކޮށް. އިރާދަކުރެއްވިއްޔާ، ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. މިތަނުގައި، މިވަގުތު، މިކަމާ ބެހޭ ކުރު ޚުލާސާއެއް ހުށަހަޅާލަމެވެ. މިކަމުގެ މުހިއްމުކަމަށްޓަކަ އެވެ.

ދެންމެ އިޝާރަތްކޮށްލި ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ވާހަކަ ގުޅެނީ މުއުމިނާގެ ފަރުދީ އަދި އޭނާގެ މުޖުތަމައީ ހަޔާތާ އެވެ. އޭނާގެ އަމިއްލަ ޒާތީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރަނގަޅު ގޮތުގައި ރާވައި އިންތިޒާމު ކުރާނީ ކިހިނެއްކަމާ އެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ އިލާހީ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަކޮށް، 'ޝަރީޢަތް' ނުވަތަ 'ހިނގަން ކަނޑައެޅިފައިވާ މަގު' މި ލަފްޒުން އިޝާރަތް ކުރެވެ އެވެ. އަލްޖާޘިޔާ ސޫރަތުގެ އަށާރަ ވަނަ އާޔަތުގަ އެވެ.

ކީރިތި ޤުރްއާނުގައި، ޝަރީއަތާ ބެހޭ ތައުލީމާތުތައް، ބަޔާން ކުރެވިފައިވަނީ ތަފާތު ސިފަސިފައިގަ އެވެ. ބައެއް ފަހަރު ހިއްސީ ސިފައެއްގަ އެވެ. މިސާލަކަށް، ރޯދަ ހިފުން ފަރުޟު ކުރެވިފައިވަނީ ފަޖުރުއްސާދިގުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެން ދެންނެވެ، މިކަމަށް ބައްލަވާލައްވާށެވެ. އަނެއް ބައި ފަހަރު މައުނަވީ ސިފައެއްގައި، މަބްދައުތަކެއް ނުވަތަ އުސޫލުތަކެއްގެ، ސިފައިގަ އެވެ. މިސާލަކަށް، ވެރިކަންކުރުމާއި މުޖުތަމައުގެ ކަންތައްތައް ރާވާއި ހިންގުން ބިނާވެފައި އޮންނަން ވާނީ މަޝްވަރާގެ މައްޗަށް ކަމަށް ބަޔާންކުރެވިފައިވާ އިރުޝާދެވެ؛ ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭ ވަކި ޚާއްސަ ސިފައެއް ކަނޑައެޅިފައެއް ނެތެވެ.

އަދި، އެކަން އޮންނަން ޖެހޭނީ ކަނޑައެޅިގެން މިވެނި ސިފައެއްގައިކަން، ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ ޚުލަފާއުއްރާޝިދޫންގެ އަމަލުފުޅުތަކުން ވެސް ދޭހައެއް ނުވެ އެވެ. އަދި އަނެއް ބައެއްފަހަރު މިތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތުގެ ލަފްޒީ މާނަ އަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، އޫރުމަހާއި މުޅަތަކެތި ފަދަ ބައެއް ކާނާ ހަރާން ކުރެވުން އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. އަދި މިނޫންވެސް ހަރާން-ހަލާލު ކަންތައް ބަޔާން ކުރުމަށް ބޭނުން ކުރެވިފައިވާ އިބާރާތް ތަކުގެ މައްޗަށް ވެސް މެއެވެ.

ކައުބަތުﷲ ގެފުޅު ބިނާކުރުމުގެ ވާހަކައާއި އަދި އެއީ މުސްލިމުންގެ ގިބްލަ ކަމުގައި އަލްބަގަރާ ސޫރަތުގައި ބަޔާން ކުރައްވާފައިވޭ.

ކައުބަތުﷲ ގެފުޅު ބިނާކުރުމުގެ ވާހަކައާއި އަދި އެއީ މުސްލިމުންގެ ގިބްލަ ކަމުގައި އަލްބަގަރާ ސޫރަތުގައި ބަޔާން ކުރައްވާފައިވޭ.

އަނެއްބައިފަހަރު، އެތައުލީމާތުތަކުގެ މަޤާސިދުތަކަށް، އެބަހީ އެކަމުން ހާސިލުކުރަން ގަސްދުކުރެވޭ ކަންތައްތަކަށް ބާރުލެވި، އެކަންކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ، އަދި، ފިޤުހު އިލްމުގައި އެކަންކަމަށް، ޙުދޫދުގެ ނަމުން ނަންދެވިފައިވާ، އުޤޫބާތްތަކަށާއި، އަދި ޤިޞާޞުގެ ނުވަތަ މަރަށް މަރު ހިފުމުގެ، ހުކުމް އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. މިހުރިހާ ކަމެއްގައިވެސް ބާރު އެޅިފައިވަނީ، ކުށްވެރިޔާ އަށް އަދަބު ދިނުމަށް ވުރެ ބޮޑަށް، އޭނާ އިސްލާހު ކުރުމުގެ މައްޗަށެވެ.

ކީރިތި ޤުރްއާނުގައި ޝަރީއަތާ ބެހޭ ތައުލީމާތުތަކުގެ ހުރިހާ ތަފްސީލެއް ލިޔެވިފައި ނެތަސް، އެތައުލީމާތުތައް މީސްތަކުންގެ ހަޔާތުގައްޔާއި އަދި މުޖުތަމުގައި ހިންގާލާނޭ ގޮތް، އެންމެ ފުރަތަމަ، ކީރިތި ރަސޫލާ، ސުންނަތުން، އެބަހީ، އެކަލޭގެފާނުގެ އަމަލުފުޅުތަކުން ފެނިގެންދިޔަ އެވެ. އަދި އެއަށް ފަހު، ޚުލަފާއުއް ރާޝިދޫންގެ ދުވަސްވަރު ވެސް، މިކަން، އަމަލީ ގޮތެއްގައި ފެނިގެން ދިޔަ އެވެ. އަދި އެދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކަށް، ޝަރިއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައް ވެސް ބަޔާން ކުރެވި ދިޔަ ތަން ވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މިތައުލީމާތުތައް އިތުރަށް ތަރައްގީ ކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު އުފެދި ފުރިހަމަ ވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަ ސޫރަ ލިބުމާ ވިދިގެން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ، ޝަރީއަތުގެ ތައުލީމާތުތަކަށް، ލިޔުމުން، ފުރިހަމަ ހިއްސީ ސިފައެއް، ގެނެސްދެވުނެވެ. އިސްލާމީ ފިޤުހުގެ މާއްދީ-މަސްދަރުތަކާއި (ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި) އަދި މިމާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ، (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ،) އަލީގަ އެވެ. އަދި އެދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސް ވަރުގެ މުޖުތަމައީ އަގުތަކަށްވެސް ރިއާޔަތް ކުރެވިގެންނެވެ. އަދި ހަމަ އެހެންމެ، އެދުވަސްވަރު، އިންސާނީ ފިކުރާއި އަގުލާނިއްޔަތު، ތަރައްގީވެ، ކުރިއަރާފައިވާ މިންވަރުގެ އަލީގައިވެސް މެއެވެ.

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

(ނުނިމޭ)