Roadha Mihaaru
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

ކޮލަމް ކޯދު: ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

29 ސެޕްޓެމްބަރ 2016

(ސެޕްޓެމްބަރ 22، 2016 ދުވަހުގެ އަދަދާ ގުޅޭ)

(ސެޕްޓެމްބަރ 22، 2016 ދުވަހުގެ އަދަދާ ގުޅޭ)

ދެން ބިސްމިއާ ބެހޭ ގޮތުން އައިސްފައިވާ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ، ބިސްމި ނުކިޔުމަށް ހެކި ލިބޭ ހަދީސްތަކުގެ މައްޗަށެވެ. އިބްނު މުޣައްފަލުއޭ ކިޔުނު ބޭކަލަކު ރިވާ ކުރެއްވި ހަދީސެއްގައި ވެއެވެ. "ތިމަންނާ (ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން) ބިސްމި ކިޔަވަނިކޮށް ތިމަންގެ ބައްޕަ އަޑުއެއްސެވި އެވެ. ދެން ބައްޕަ ވިދާޅުވި އެވެ. 'ދަރިފުޅާ އެވެ! (ދީނުގައި) އާ ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ! ފަހެ، ބައްޕަ ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ އަރިހުގައްޔާއި އަދި އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަރިހުގައި ވެސް ނަމާދު ކުރެއްވީމުއެވެ. މިއިން އެއްވެސް ބޭފުޅަކު ބިސްމި ކިޔަވަނިކޮށް ތިމަންނާ އަޑެއް ނާއްސަވަމު އެވެ.'"

ހަދީސް ޢިލްމުވެރިޔަކު ކަމުގައިވާ އަބޫ ޢުމަރު ބިން ޢަބްދުލް ބައްރު، މިހަދީސާ ބެހޭ ގޮތުން. ވިދާޅުވެފައިވެ އެވެ. "އިބްނު މުޣައްފަލު އަކީ ކާކު ކަމެއް ނޭނގެ އެވެ." އާދެ، މި ހަދީސްގެ ސަނަދުގައި ހިމެނޭ އެއް ރާވީ އަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހެކެވެ. އެހެންވެ، މި ހަދީސަކީ އެއިން ހެކި ލިބިގަނެވޭ ވަރަށް ވުރެ 'ޟަޢީފު'، 'ބަލިކަށި'، ހަދީސެކެވެ. އާދެ، ސައްހަ ނޫން ހަދީސެކެވެ.

ބިސްމި ނުކިޔުމަށް، ހުއްޖަތެއްގެ ގޮތުން ދެއްކޭ އަނެއް ހަދީސަކީ އިމާމު މާލިކު ރިވާ ކުރެއްވި، ކީރިތި ރަސޫލާގެ ޚާދިމު އަނަސްގެފާނުގެ ހަދީސެކެވެ. އެ ހަދީސްގައި އަނަސްގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. "ތިމަންކަލޭގެފާނު މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ފަހަތްޕުޅުގައި (ނަމާދަށް) ތެދުވެ ހުންނެވީމު އެވެ. އަދި މިހުރިހާ ބޭފުޅުންވެސް ނަމާދުގައި (އަލްފާތިޙާ ކިޔަވަން) ފަށްޓަވާއިރު ބިސްމި ކިޔަވާ ވިދާޅެއް ނުވެ އެވެ."

އަބޫ ޢުމަރު ވިދާޅުވިއެވެ. "އެހެން ބައެއް ރިވާޔަތްތަކުގައި މިފަދައިން އަނަސްގެފާނު ވިދާޅުވިކަމަށް ވެއެވެ. 'ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވީމު އެވެ. އަދި އެކަލޭގެފާނު ބިސްމި ކިޔަވާ ވިދާޅެއް ނުވެ އެވެ.'" މި ޙަދީސާ ބެހޭ ގޮތުން އަބޫ ޢުމަރު ވިދާޅުވެފައިވެ އެވެ. 'ހަދީސް އަހުލުވެރިން އަނަސްގެފާނުގެ ހަދީސަކީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ނުކުރެވޭ ދަރަޖަ އަށް 'އިޟްޠިރާބު' ވެފައިވާ ('ލޮޅުން' އަރައިފައިވާ) ހަދީސެއްކަމަށް ވިދާޅުވެ އެވެ. ''އިޟްޠިރާބު' ('ލޮޅުން އެރުން') މިލަފްޒުން ދޭހަކޮށްދެނީ އެހަދީސް ރިވާ ކުރުމުގައި އެ ހަދީސްގެ ލަފްޒުތައް، މާނަ އަށް ލޮޅުން އަރާވަރަށް، ތަފާތު ވެފައި ވުމެވެ.

މިސާލަކަށް ދެންމެ މިނަންގަތް އަނަސްގެފާނުގެ ހަދިސް 'އިޟްޠިރާބު' ވަނީ ކިހިނެއްކަން ބަލައިލަމާ ތޯއެވެ. މިހަދީސްގެ ސަނަދު ބައެއް ފަހަރު ކީރިތި ރަސޫލާއާ ހަމައަށް ފޯރައެވެ. އަދި އެސިލްސިލާ ކީރިތި ރަސޫލާއާ ހަމަ އަށް ފޯރާފައިވުމުން އެ ހަދީސް އަކީ 'މަރްފޫޢު' ހަދީސެކެވެ. އަނެއްބައި ފަހަރު މިހަދީސް މަރްފޫޢު ހަދީސް އަކަށް ނުވެއެވެ. ހަދީސްގެ ސަނަދު ކީރިތި ރަސޫލާއާ ހަމައަކަށް ނުފޯރަ އެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޢުޘްމާނުގެ ފާނުގެ ނަންފުޅު ނަންގަނެވިފައި ވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ނަންގަނެވިފައެއް ނުވެ އެވެ.

އަދި ބައެއް ރިވާޔަތްތަކުގައި 'އެބޭކަލުން ބިސްމި ކިޔަވާ ވިދާޅުވާ ކަމަށް އައިސްފައިވެ އެވެ.' އަދި އަނެއްބައި ރިވާޔަތްތަކުގައި 'އެބޭކަލުން ބިސްމި ކިޔަވާ ވިދާޅުނުވާ ކަމަށް އައިސްފައިވެ އެވެ.' އަދި ބައެއް ރިވާޔަތްތަކުގައި އެބޭކަލުން ބިސްމި އަޑުހަރުކޮށް ވިދާޅުނުވާ ކަމަށް އައިސްފައިވެ އެވެ. އާދެ، އަނަސްގެފާނުގެ މިހަދީސްގެ ސަނަދާއި އަދި މަތުނު ވެސް މިދަރަޖަ އަށް 'އިޟްޠިރާބު' ވެފައި، ތަފާތުވެ ލޮޅުން އަރައިފައި އޮތުމުން، ހަދީސް އިލްމުވެރިންގެ ގާތުގައި މިއީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭނޭ ހަދީސެއް ނޫނެވެ.

ސޫރަތުލް ފާތިޙާ: ައެއް މުފައްސިރުން ވިދާޅުވާގޮތުގައި މިސޫރަތަށް 'އަލްފާތިޙާ' އޭ ކިއެނީ އެއީ ނަމާދު 'ހުޅުވައިލަދޭ'، އާދެ، ނަމާދުގައި ފުރަތަމަ ކިޔެވޭ ސޫރަތްކަމަށް ވުމުން.

ސޫރަތުލް ފާތިޙާ: ައެއް މުފައްސިރުން ވިދާޅުވާގޮތުގައި މިސޫރަތަށް 'އަލްފާތިޙާ' އޭ ކިއެނީ އެއީ ނަމާދު 'ހުޅުވައިލަދޭ'، އާދެ، ނަމާދުގައި ފުރަތަމަ ކިޔެވޭ ސޫރަތްކަމަށް ވުމުން.

ދެން، އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔުމަށް ބާރު ލިބިދޭ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯ އެވެ. މީގެ ތެރޭގައި ނަޢީމު ބިން ޢަބްދުﷲ އަލްމުޖައްމަރުގެ ހަދީސް ހިމެނެ އެވެ. އޭނާ ވިދާޅުވެފައިވެ އެވެ. "ތިމަންކަލޭގެފާނު، އަބޫ ހުރައިރަތުގެފާނު ފަހަތްޕުޅުގައި، ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު އަލްފާތިޙާގެ ކުރިން ބިސްމި ކިޔަވާ ވިދާޅުވި އެވެ. އަދި އަބޫހުރައިރަތުގެފާނު ވިދާޅުވި އެވެ. 'ކަލޭމެންގެ ތެރެއިން ސަލާމާއި ސަލަވާތް ލެއްވި މާތްﷲގެ ރަސޫލާގެ ނަމާދުފުޅާ އެންމެ ވައްތަރުކަން ބޮޑީ ތިމަން ކަލޭގެފާނުގެ ނަމާދެވެ.'"

މީގެ އިތުރުން ބިސްމި ކިޔުމަށް ދަލީލު ލިބޭ ހަދީސްގެ ތެރޭގައި އިބްނު ޢައްބާސް ރިވާ ކުރައްވައިފައިވާ ހަދީސެއް ވެސް ވެއެވެ. އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. "ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ބިސްމި ކިޔަވާ ވިދާޅުވަނީ އަޑުހަރުކޮށެވެ." އަދި އުއްމު ސަލަމާ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. "ނަމާދުގައި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ކިޔަވާވިދާޅުވަނީ 'بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ * الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ.. (މިހެންނެވެ.)" މާނައަކީ ބިސްމި ކިޔަވާ ވިދާޅުވަނީ އަޑުހަރުކޮށް ކަމެވެ.

މި ނަންގަނެވުނު ހަދީސްތަކުން ހެކި ލިބިގަންނަން މަސައްކަތް ކުރެވިފައިވަނީ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނޭ ކަމެވެ. ނަޢީމު ބިން ޢަބްދުﷲގެ ހަދީސްގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވިކަމާއި އަދި، އެދުވަސްވަރު އެމުޖުތަމައުގައި ހިމެނުނު އެހެން އެންމެން ނަމާދާ އަޅައި ބަލާއިރު، ކީރިތި ރަސޫލާގެ ނަމާދުފުޅާ އެންމެ ގާތް ކަން ބޮޑު ގޮތެއްގައި ނަމާދު ކުރައްވަނީ އަބޫހުރައިރަތުގެފާނުކަން މި އަޘަރުގައި ފާހަގަ ކުރައްވައިފައި ވެއެވެ. އަދި މިކަމުން، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ކީރިތި ރަސޫލާ ބިސްމިކިޔަވާ ވިދާޅުވިކަންވެސް ދޭހަ ކުރެވެ އެވެ.

މީގެ އިތުރުން، ކީރިތި ރަސޫލާ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަވައިވިދާޅުވި އަޑުފުޅު، އަބޫހުރައިރާ އެއްސެވިކަން ވެސް ދޭހަވެ އެވެ. އަދި އަބޫހުރައިރާގެ މި އަޑު އެއްސެވުން ދޭހަކޮށްދެނީ ކީރިތި ރަސޫލާ ބިސްމި ކިޔަވައި ވިދާޅުވީ އަޑުހަރުކޮށް ކަމެވެ. ދެން އިތުރަށް ނަންގަނެވުނު ދެ ހަދީސުން ވެސް މިކަން، އާދެ، ކީރިތި ރަސޫލާ، އަލްފާތިޙާ ސޫރަތް ކިޔާވައި ވިދާޅުވުމުގައި ބިސްމި ކިޔުއްވިކަމާއި އަދި ބިސްމި ކިޔުއްވީ އަޑުހަރުކޮށްކަން، ސީދާ ސަރީހަކޮށް ބަޔާން ކުރެވިފައިވެ އެވެ.

ނަމާދުގައި އަލްޙަމްދު ކިޔާވާއިރު ބިސްމިކިޔަން ޖެހޭތޯ ނުވަތަ ނޫންތޯއާ ބެހޭ މައްސަލަގައި، އިލްމުވެރިންގެ ރައުޔު ތަފާތުވުމުގެ ފުރަތަމަ ސަބަބަކީ މިނަންގަން ފަދައިން ތަފާތު ދެގޮތަށް ދޭހަވާ ހަދީސްތައް ވާރިދުވެފައި ވުމެވެ. މިމައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތުވުމުގެ އަނެއް ސަބަބަކީ، ބިސްމި އަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯއާ މެދު އުފެދިފައިވާ ޚިޔާލު ތަފާތު ވުމެވެ.

އިމާމު މާލިކު ދެކެވަޑައިގަންނަވަނީ ބިސްމި އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫން ކަމަށެވެ. އަދި އިމާމު އަބޫޙާނީފާ ވެސް، ބިސްމި، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި، ނުހިމަނުއްވަ އެވެ. އިމާމު އައްޝާފިއީ ވިދާޅުވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގަ އެވެ. ހަމަ އެހެންމެ އިމާމު އަޙްމަދު ވެސް ވިދާޅުވަނީ މި ފަދައިންނެވެ. ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ، ނުވަތަ އެސޫރަތުގައި ނުހިމަނުއްވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް ވާރިދު ވެފައިވާ، ކުރީގައި ނަންގަނެވި ދިޔަ، ހަދީސްތަކެވެ.

މި ބޭކަލުން، އަލްފާތިޙާ ސޫރަތުގެ އާޔަތްތައް އަދަދު ކުރެއްވުމުގައި ހަތް އާޔަތް ހަމަ ކުރައްވަނީ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ މިއީ ހަ ވަނަ އާޔަތް ކަމަށް ބައްލަވައި غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ މިއީ ހަތްވަނަ އާޔަތް ކަމަށް ބައްލަވައިގެންނެވެ. މިރައުޔު، ބެލެވިފައިވަނީ އޭގެ ބުރަދަން ބޮޑު ރައުޔެއް ނޫން ކަމުގައެވެ. (އައްތަފްސީރުލް ކަބީރު، 197-196/1، ތަފްސީރުލް މަނާރު 92/1، ފިޤްހުއް ސުންނާ 115/1)

ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ކަމުގައި ދެކެވަޑައި ގަންނަވާ ބޭކަލުންގެ ހެއްކަކީ، އަލްފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅުވިކަމަށް އޮންނަ ހަދީސްތަކެވެ. އަދި މީގެ އިތުރުން، ޚަތިމުގައި، އަލްފާތިހާ ސޫރަތުގެ ކުރިއަށް ބިސްމި ލިޔެވިފައި، އަދި އެ ސޫރަތުގެ އާޔަތްތައް އަދަދު ކުރުމުގައި ބިސްމި ހިމަނާފައި އޮންނަ އޮތުމެވެ. ޚަތިމުގައި ކީރިތ ޤުރްއާނުގައި ނުހިމެނޭ އެއްވެސް އާޔަތެއް ލިޔެވިފައި ނޯންނާނޭކަމަށް މިބޭކަލުން ދެކިލައްވަ އެވެ. އަދި، އާމީން، އަލްފާތިޙާ ސޫރަތް ނިމުމުން ނަމާދުގައި ކިޔުން އޮތަސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ނުހިމެނޭތީ، އާމީން ލިޔެވިފައި ނުވާކަން ވެސް، މިބޭކަލުން ފާހަގަ ކުރައްވަ އެވެ. މާނައަކީ، އަލްފާތިޙާ ސޫރަތުގައި ބިސްމި ނުހިމެނޭ ކަމަށްވާނަމަ، އާމީން ފަދައިން ބިސްމި ވެސް ލިޔެވިފައި ނުއޮތީހެވެ.

ބިސްމިއާ ބެހޭ މިވާހަކަކޮޅު ނިންމާލުމުގެ ގޮތުން، މިމައްސަލައާ މެދު، މުއުތަބަރު ދެ އިލްމުވެރިޔަކު ލިޔުއްވާފައިވާ ބަސްކޮޅެއްގެ ޚުލާސާ ލިޔެލާނަމެވެ. ޝައިޚު މުޙައްމަދު ޢަބްދުހް ވިދާޅުވާ ގޮތުގައި ބިސްމި ސިއްރުންނާއި އަދި އަޑުހަރުކޮށް ކިޔުމާ މެދު އައިސްފައިވާ ތަފާތު އާޙާދު (އެކަހެރި) ރިވާޔާތްތަކަކީ އެ ރިވާޔަތްތަކުން ހެކި ލިބިގަނެވިދާނޭ ފަދަ ބާރުހުރި ރިވާޔާތްތަކެކެވެ. ނަމަވެސް ބިސްމިއަކީ އަލްފާތިޙާގެ އާޔަތެއް ނޫން ކަމާ މެދު އައިސްފައިވާ ރިވާޔަތްތަކަކީ އެއިން ހެކި ލިބިގަނެވިދާނޭ ވަރަށްވުރެ މާ ބޮޑަށް ވެސް ޟަޢީފު (ބަލިކަށި) ރިވާޔަތްތަކެކެވެ (ތަފްސީރުލް މަނާރު 90/1)

ކީރިތި ޤުރްއާން: ސިހުރުގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤުރްއާން ކިޔެވުމަކީ މުހިންމު ކަމެއް.

ކީރިތި ޤުރްއާން: ސިހުރުގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޤުރްއާން ކިޔެވުމަކީ މުހިންމު ކަމެއް.

އަދިވެސް އޭނާ ބަޔާން ކުރައްވާފައިވެ އެވެ. މިމައްސަލައިގައި އެންމެ ސާފުކޮށް ފެންނަން އޮތް ހެއްކަކީ ޚަތިމުގައި އަލްފާތިޙާ ސޫރަތް ލިޔުމުގައި ބިސްމި ލިޔެވި، އަދި ބިސްމިއަކީ އެސޫރަތުގެ އާޔަތެއް ކަމުގައި ހިމެނިފައި އޮތް ކަމެވެ. އަދި މިހެންވެ، މިކަމުން އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި، އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް ބުރަވެވޭ ކަމުގައިވެސް އޭނާ ބަޔާން ކުރައްވައެވެ. (ތަފްސީރުލް މަނާރު 89/1، 94/1)

އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވުމާ ބެހޭ ގޮތުން އައިސްފައިވާ ތަފާތު ރިވާޔަތްތައް އިއްތިފާގު ކުރެއްވުމުގެ ގޮތުން، އިބްނުލް ގައްޔިމު، އޭނާގެ ޒާދުލް މަޢާދުގައި ބަޔާން ކުރައްވައިފައިވެ އެވެ. ސަލާމާ ޞަލަވާލެއްވި ރަސޫލާ، (ރޭގަނޑުގެ) ނަމާދުތަކުގައި، އަލްފާތިޙާ ސޫރަތް ކިޔަވައި ވިދާޅުވާ އިރު، ބައެއް ފަހަރު ބިސްމި އަޑު ހަރުކޮށް ކިޔުއްވާފައި ވެއެވެ. އަދި އަނެއް ބައި ފަހަރު ސިއްރުން ވެސް ކިޔުއްވާފައި ވެއެވެ. އަދި އޭނާ ދެކިލައްވާ ގޮތުގައި ކީރިތި ރަސޫލާ ނަމާދުގައި ގިނަ އިން ބިސްމި ވިދާޅުވެފައިވަނީ ސިއްރުންނެވެ. (ޒާދުލް މަޢާދު 200-199/1)

މަތީގައި ލިޔެވުނު ވާހަކަތަކުން ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި އަދި ބިސްމި ކިޔާނީ ސިއްރުންތޯ ނުވަތަ އަޑުހަރުކޮށްތޯއާ ގުޅޭ ގޮތުން އައިސްފައިވާ ހަދީސްތަކާއި އިލްމުވެރިންގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެދާނެ ކަމަށް އުއްމީދު ކުރަމެވެ. މިފަދަ ފަރުއީ މައްސަލަތަކަކީ އެއާ މެދު އެންމެން އެކައްޗެއް ކިޔައި އެއްބަސްވުމަކަށް އާދެވުން ދުރު މައްސަލަތަކެވެ. މިކަމުގެ ހުރި ހެކިތަކުގެ މައްޗަށް ބަލައި އަދި އިލްމުވެރިންގެ ވާހަކަތަކަށް ވެސް ރިއާޔަތްކޮށް، އެއާމެދު ގޮތެއް، ތިމާގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން، ކޮންމެ މީހަކުވެސް، ޚިޔާރު ކުރަންވީ އެވެ.

އެހެން މީހުންގެ ރައުޔަށް ވެސް އިހުތިރާމުކޮށް، އެކަމަކީ އަރާރުންވެ ބައިބައިވާން ޖެހޭ ސަބަބަކަށް ނުހަދަ އެވެ. ހީވާ ގޮތުގައި، ނަމާދުގެ ބޭރުފުށުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް އަދާ ކުރެވޭތޯ ބަލާ ފަދައިން، ނަމާދުގެ އަސްލު މަގުސަދާ ދޭތެރޭ ފުންކޮށް ވިސްނައި އެކަން ހާސިލު ކުރެވޭތޯ ބެލިއްޖެނަމަ، މިދެންނެވި ފަދަ އަރާރުންތަކާއި ބައިބައިވުމުން ދުރުހެލިވުމަށް އެހީވެދޭނެ އެވެ. ކުރީ ހަލަގާއެއްގައި ބަޔާން ކުރެވި ދިޔަ ފަދައިން، ނަމާދުގެ ބޭނުމަކީ، ނަމާދު ކުރާ މީހާ، މާތްﷲއާ ގުޅުވައިލަދީ އަދި އެގުޅުމުގެ ސަބަބުން މީހާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވެދިނުމެވެ. إِنَّ الصَّلاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ ... (ހަމަ ކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ... ދުރުހެލިކުރުމަށް (އެހީވެދޭ) ... (ވަސީލަތެކެވެ)، މިއާޔަތުގައި ވާފަދައިންނެވެ. އެހެންވެ، ނަމާދު ކުރުމުގައި އެންމެ އިސްކަން ދެވެން ޖެހޭނީ މި މަގުސަދު ހާސިލުވެވޭތޯ އެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.