Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުން 10

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 10

22 ޑިސެމްބަރ 2016

(ޑިސެމްބަރު 8، 2016ގެ އަދަދާ ގުޅޭ)

(ޑިސެމްބަރު 8، 2016ގެ އަދަދާ ގުޅޭ)

އިލާހީ ހިދާޔަތު، ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެބައިމީހުން، މި ހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކަ އާއި އެ މީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެ އެވެ. ދެން ހަ ވަނަ އާޔަތާއި ހަތް ވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެ ހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ ދެ އާޔަތުގެ މާނައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ.

6 إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ހަމަކަށަވަރުން، 'ކާފިރު' ވި މީސްތަކުން، އެމީހުންނަށް، ކަލޭގެފާނު (މުހައްމަދުގެފާނު)، އިންޒާރު ކުރެއްވިޔަސް ނޫނީ އިންޒާރު ނުކުރެއްވިޔަސް، އެމީހުންގެ ކައިރީގައި، (މިކަން)، ހަމަހަމަ ވެގެން ވެއެވެ. އެހެނީ އެމީހުންނެއް އީމާނެއް ނުވާނެ އެވެ.

7 خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ އެ މީހުންގެ ހިތްތަކުގައްޔާއި އަދި އެ މީހުންގެ އިވުމުގައި (އެބަހީ، ކަންފަތްތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވި އެވެ. އަދި އެ މީހުންގެ ލޯމަތީގައި ފަރުދާއެއް ވެ އެވެ. އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. ކުރިން ވެސް ނަންގަނެވިދިޔަ ފަދައިން، މި ދެ އާޔަތުގައި އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތު، އެ މީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން އެކަމަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. އެ މީހުން ސިފަ ކުރެވިފައިވަނީ 'ކާފިރުން'ގެ، ގޮތުގަ އެވެ. އެމީހުންގެ ކުރިމައްޗަށް، ކުރީގެ ފަސް އާޔަތުގައި ނަންގަނެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލައި، ހެވާ ނުބަޔަކީ އޮތް އެއްޗެއް ކަމާއި އިލާހީ އަޚުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނާގެ އަމަލުތައް ބަހައްޓަން ޖެހޭނޭ ކަމާއި އަދި އުޚްރަވީ ހަޔާތެއް އޮތް ކަމާއި އިންސާނާ އޭނާގެ އަމަލުތަކުގެ ނަތީޖާއާ އެ ދުވަހުން ކުރިމަތިލާން ޖެހޭނެ ކަމުގެ ވާހަކަތައް އެ މީހުންނާ ދައްކައި އެކަމުން އެ މީހުންގެ ހިތްތައް ބިރުވެތިކުރަން މަސައްކަތް ކުރިކަމުގައި ވިޔަސް ނުވަތަ އެ މަސައްކަތް ނުކުރިކަމުގައި ވިޔަސް، އެމީހުން އެ ވާހަކަތަކެއް ގަބޫލެއް ނުކުރާނެ އެވެ.

ދެން ހަތް ވަނަ އާޔަތުގައި، ކާފިރުވީ މީހުން އިލާހީ ހިދާޔަތު އިންކާރު ކުރަނީ ކީއްވެގެން ކަމާ މެދު އިޝާރަތް ކުރެވިފައިވެ އެވެ. އެމީހުން ވަނީ އެ މީހުން ތިބި ގޮތުގައި ތިބެން ކަނޑައަޅައި ނިންމާފަ އެވެ. އެނޫން އެހެން ގޮތަކަށް އެ މީހުންގެ އުޅުން ބަދަލު ކުރާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ. މިކަމަށް އިޝާރަތް ކުރެވިފައިވަނީ އެ މީހުންގެ ވިސްނުމުގެ ވަސީލަތްތަކުގައި، އާދެ، ހިތާއި އިވުމުގައި ސިއްކަޖެހި ބަންދު ކުރެވިފައިވާކަމާއި އަދި އެ މީހުންގެ ފެނުން ވެސް ފަރުދާ ކުރެވިފައިކަން ބަޔާންކޮށް ދެމުންނެވެ. އާދެ، އެމީހުންގެ އުޅުން ބަދަލު ކުރުމާ ބެހޭ އެއްވެސް ވާހަކައެއް އަޑުއަހައި އެކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނޫނެވެ. އެހެންވެ، މިކަމުގެ ހިތި ނަތީޖާއާ އާޚިރަތް ދުވަހު އެމީހުން ކުރިމަތިލާން ޖެހޭނޭކަން ބަޔާންކޮށް ހަތް ވަނަ އާޔަތް ނިންމާލެވިފައި ވެއެވެ.

.

.

މި ދެ އާޔަތް އިތުރަށް ވިސްނައި ފަހުމްކޮށް ގަތުމަށްޓަކައި މި ދެ އާޔަތުގައި ހިމެނޭ ބައެއް މުހިއްމު ލަފްޒުތަކާއި އިބާރާތްތަކުގެ މައްޗަށް އިތުރަށް ބަލައިލާން ޖެހެ އެވެ. އެންމެ ފުރަތަމަ 'ކާފިރު' ގެ މާނައިގެ މައްޗަށެވެ. ދެން އިންޒާރު ކުރުމާއި ނުކުރުން އެ މީހުންގެ ކުރިމަތީގައި ހަމަހަމަ ވެގެންވަނީ ކީއްވެގެން ކަމުގެ މައްޗަށެވެ. އަދި އެއަށްފަހު، އެމީހުންގެ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެހުމުގެ މާނައަކީ ކޮބައިކަމާއި އަދި އެމީހުންގެ ލޯމަތީ ފަރުދާއެއް ވުމުގެ މާނައިގެ މައްޗަށް ވެސް ބަލައިލާން ޖެހެ އެވެ.

ހަ ވަނަ އާޔަތް ފެށިފައިވަނީ إِنَّ الَّذِينَ كَفَرُوا "ހަމަކަށަވަރުން، 'ކާފިރު' ވި މީސްތަކުން"، މިހެންނެވެ. މިއާޔަތުގައިވާ كَفَرُوا، 'އެމީހުން ކާފިރުވެއްޖެ' މިލަފްޒު ނެގިފައިވަނީ كُفْر މި ލަފްޒުންނެވެ. 'ކުފްރު'ގެ ލަފްޒީ މާނައަކީ 'ފޮރުވުން' ނުވަތަ 'ފޮހެލުން' މި އެވެ. 'ކަފަރަ' ގެ ލަފްޒީ މާނައަކީ 'އޭނާ ފޮރުވައިފި' ނުވަތަ 'އޭނާ ފޮހެލައިފި' މި އެވެ'.

އަރަބި ބަހުގައި ރޭނގަޑު ސިފަ ކޮށްދިނުމުގެ ގޮތުން ރޭގަނޑަށް 'ކާފިރޭ' ކިޔެ އެވެ. ރޭގަނޑުގެ އަނދިރިކަން އެހެން އެއްޗެހި 'ފޮރުވައިލާތީ' އެވެ. އަދި ހަމަ އެހެންމެ، ދަނޑުވެރިޔާ އަށް ވެސް އަރަބި ބަހުގައި 'ކާފިރު' އޭ ކިޔެ އެވެ. އޭނާ، ގޮވާން ކުރުމަށްޓަކައި ބިމުގައި އޮށް އިންދައި އެ އޮށަށް ފަސްއަޅައި ވަޅުލައި ފޮރުވާލާތީ އެވެ.

ދަނޑުވެރިޔާގެ މާނައިގައި، 'ކުއްފާރު'، ކީރިތި ޤުރްއާނުގައި ވެސް ބޭނުން ކުރެވިފައި ވެ އެވެ. އަލްޙަދީދު ސޫރަތުގެ 20 ވަނަ އާޔަތުގަ އެވެ. ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަމުގެ މިސާލު ދައްކަމުން މި އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. "...كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ" (ދުނިޔަވީ ހަޔާތުގެ އުފަލާ އަރާމުގެ މިސާލު، އުޑުން އޮހޭ) ވާރޭ ފެނުގެ މިސާލު ފަދަ އެވެ. އެފެނުން ފެން ލިބި ހެދޭ ގަސްގަހާއި ގޮވާން، 'ކާފިރުންނަށް'، (އެބަހީ، ދަނޑުވެރިންނަށް) އުފަލާއި ހިތް ހަމަޖެހުން ގެނެސްދެ އެވެ. ދެން އެ ގަސްތައް (ހެދި ބޮޑުވެ ފުރިހަމަވުމަށް ފަހު) ހިކި ދެ އެވެ. ދެން އެ ގަސްތައް ފެންނަނީ (ދޮންވެ) ރީނދޫ ކުލައިގައި ވާތަނެވެ. އަދި އެ އަށް ފަހު އެ ގަސްތައް ކުދިކުދިވެ (ހިރަފުހަށްވެ، ނެތި) ދެއެވެ..."

ދެން 'ކުފްރު'، ފޮރުވުމާއި' 'ފޮހެލުމު'ގެ ހިއްސީ މާނަ އިން، 'ހައްގު ބަސް'، ނުވަތަ 'ކަމެއްގެ ހަގީގަތް އެނގި ހުރެ އިންކާރު ކުރުމު'ގެ މައުނަވީ މާނައިގައި ބޭނުން ކުރެވުނެވެ. އަދި، މިފަދަ ގޮތެއްގައި ކަމެއް އިންކާރު ކުރާ މީހާ އަށް 'ކާފިރު' އޭ ކިޔުނެވެ. މަތީގައި ނަންގަނެވިފައިވާ އަލްބަޤަރާ ސޫރަތުގެ ހަ ވަނަ އާޔަތުގައި 'ކަފަރޫ' ބޭނުން ކުރެވިފައިވަނީ މި ދެންނެވި މައުނަވީ މާނައިގަ އެވެ.

އާދެ، إِنَّ الَّذِينَ كَفَرُوا ގެ މާނައަކީ 'ހަމަކަށަވަރުން، ހައްގު ބަސް، އިންކާރު ކުރާމީހުން..." މި އެވެ. މިތަނުގައި 'ހައްގު ބަސް' އިޝާރަތް ކުރެވެނީ މާތްﷲ ވޮޑިގެންވުމަށާއި އަދި އެކަލާނގެ ދައްކަވާފައިވާ އިލާހީ ތެދުމަގަށާއި އަދި އާޚިރަތް ދުވަސް ފަދަ ކަންކަމަށެވެ. ކާފިރުވީ މީހުންނަކީ މި ކަންކަމަށް އިންކާރު ކުރާ މީހުންނެވެ.

ދެން އޮތީ ހައްގަށް އިންކާރު ކުރާ މިފަދަ މީހުންގެ ކައިރީގައި 'އިންޒާރު ކުރުމާއި ނުކުރުން ހަމަހަމަ ވެގެންވާ ކަމެވެ (سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ). އިންޒާރުގެ މާނައަކީ ކަމެއްގެ ވާހަކަ ކިޔައިދިނުމާއި އަދި އެކަމާ ގުޅިފައިވާ ބިރުވެރިކަމާއި ނުރައްކާ އަންގައިދިނުމެވެ. ބައެއްގެ އުޅުން އިސްލާހުކޮށް ވަކި ހަމަތަކެއްގެ މަތީގައި އެމީހުންގެ އުޅުން ބަހައްޓާތޯ އެވެ. މި ތަނުގައި އެ ވާހަކައަކުން އިންޒާރު ދިނުމަށް ނުވަތަ ނުދިނުމަށް އިޝާރަތް ކުރެވެނީ އިސްވެ ދިޔަ ފުރަތަމަ ފަސް އާޔަތުގައި އިޝާރަތް ކުރެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކަ އެވެ.

.

.

މާތްﷲ އަށް އީމާންވެ، އުޚްރަވީ ހަޔާތުގެ ކާމިޔާބަށް އެދި، ދުނިޔޭގައި ހެޔޮ އަމަލު ކުރުމުގެ ވާހަކަ އެވެ. އަދި، އިލާހީ ހިދާޔަތަށް ފުރަގަސްދީ އެ ހިދާޔަތުގެ އަލީގައި ދުނިޔެވީ ހަޔާތް ވޭތުކޮށް ނުލެވިއްޖެ ނަމަ، އާޚިރަތުގައި ހުރި ގެއްލުމާއި ހަލާކުގެ ވާހަކަ އެވެ. މި އާޔަތުގައި ބަޔާން ކޮށްދީފައިވަނީ ހައްގަށް އިންކާރު ކުރާ މީހުން، އެމީހުންގެ ކައިރީގައި އިލާހީ ހިދާޔަތުގެ މިވާހަކަތައް ދައްކައި އާޚިރަތް ދުވަހު ކުރިމަތިވެދާނެ ބިރާއި ނުރައްކަލުގެ ވާހަކަ ކިޔައިދީ ހެދުމާއި ނުހެދުން ހަމަހަމަ ވެގެން ވާކަމެވެ. އެހެނީ، އާޔަތް ނިންމާލަމުން ބުނެދެވިފައިވާ ގޮތުން، އެމީހުން އީމާނެއް ނުވާނެއެވެ (فهم لا يؤمنون). އިލާހީ ހިދާޔަތު އެ މީހުން، ގަބޫލެއް ނުކުރާނެ އެވެ.

އިލާހީ ހިދާޔަތުގެ މަގަށް ފުރަގަސްދީ، އެމީހުން އީމާން ނުވުމުގެ ސަބަބަކީ އެމީހުން ތިބީ މާ ކުރިއްސުރެން ވެސް އެމީހުންގެ ގޮތް ދޫނުކުރަން ނިންމައިގެން ކަމަށްވާތީ އެވެ. އެމީހުން ތިބީ އެމީހުން ގަބޫލުކުރާ އެމީހުންގެ ހަޔާތުގެ އަގުތަކުގައި ހިފަހައްޓައިގެން ކަމަށްވާތީ އެވެ. މިއަގުތައް ހުއްޓިފައި އޮތީ ހަމައެކަނި ދުނިޔަވީ އުފަލާއި ހިތް ހަމަޖެހުން ހޯދުމުގެ މައްޗަށެވެ. މުދަލާ ފައިސާ ހޯދުމާއި ހަނގުރާމަ ކުރުމާއި ރާބުއިމާއި ޖިންސީ އަރާމާއި ލައްޒަތުގެ އުފާތައް ލިބިގަތުމުގެ މައްޗަށެވެ. އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ކީރިތި ޤުރްއާނުންނާއި އަދި އަރަބި ޖާހިލީ ޅެންތަކުން ސާފުވާން އެބައޮތެވެ. ކީރިތި ޤުރްއާނުގެ އައްތަކާޘުރު ސޫރަތުގެ ފުރަތަމަ ދެ އާޔަތަށް ބައްލަވާލައްވާށެވެ. "أَلْهَاكُمُ التَّكَاثُرُ حَتَّىٰ زُرْتُمُ الْمَقَابِرَ"، 'ކަލޭމެން ޣާފިލު ކޮށްލާފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރި ކަންތައްތައް، އެކަކު އަނެކަކަށް ވުރެ) ގިނަ ކުރަން އުޅުމެވެ. ކަލޭމެން ކަށްވަޅުތަކަށް ދާންދެނެވެ." މި ދެ އާޔަތެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.