10 ނޮވެމްބަރ 2016
(ނޮވެމްބަރު 3، 2016ގެ އަދަދާ ގުޅޭ)
(ނޮވެމްބަރު 3، 2016ގެ އަދަދާ ގުޅޭ)
ދެން ވަކިކުރެވިފައިވާ އަކުރުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާތޯ އެވެ. މި އަކުރުތަކުގެ މާނައާ މެދު މުފައްސިރުން ތަފާތު ވާހަކަތަކެއް ދައްކަވައިފައިވެ އެވެ. މި ވާހަކަތަކުގެ ތެރެއިން އާއްމު ގޮތެއްގައި ތަކުރާރުވާ ދެތިން ރައުޔުއެއް މިތާ ހުށަހަޅާލާނަމެވެ.
ބައެއް މުފައްސިރުންގެ ރައުޔުގައި ވަކިކުރެވިފައިވާ އަކުރުތަކަކީ ކީރިތި ޤުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. މިމާނަ ކުރުމަށް ރިއާޔަތްކޮށް، އަލްބަޤަރާ ސޫރަތުގެ الم ذَٰلِكَ الْكِتَابُ...، މިއާޔަތުގެ މާނައަކަށް ވާނީ (މި އަކުރުތައް ފަދަ އަކުރުތަކުން އެކުލެވޭ ކީރިތި) ޤުރްއާނެވެ. މިފޮތަކީ...،[ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].' މި އެވެ.
ބައެއް މުފައްސިރުން، މިގޮތަށް މާނަ ކުރައްވައި، މި ތަނުގައި ވަނީ މާތްﷲ ކުރައްވާ ހުވައެއްކަމުގައި ދެކެވަޑައިގަނެ އެވެ. އެފަދަ މުފައްސިރުން މި އާޔަތް މާނަ ކުރައްވަނީ މި ފަދައިންނެވެ. '(މި އަކުރުތައް ފަދަ އަކުރުތަކުން އެކުލެވޭ ކީރިތި) ޤުރްއާން ގަންދެއްވައި (ވަހީ ކުރައްވަމެވެ). މިފޮތަކީ... [ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].'
އަނެއް ބައި މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކަކީ، އެއަކުރުތައް އައިސްފައިވާ ސޫރަތް ސޫރަތުގެ ނަންނަމެވެ. މިސާލަކަށް، ص، ق، طه، يس މިއީ ސޫރަތް ސޫރަތުގެ ނަންނަމެވެ. ވަކި ކުރެވިފައިވާ އަކުރުތައް މިފަދައިން މާނަ ކުރާ އިރު، ބައެއް ސޫރަތްތަކުގައި އެއް އަކުރުތަކެއް ތަކުރާރު ވެފައިވާތީ، ތަފާތު ސޫރަތްތަކަށް އެއްނަމެއް ކިޔޭ ގޮތް ދިމާވެ އެވެ.
ކީރިތި ޤުރްއާނުގައި، މިއަކުރުތައް އައިސްފައިވާ ގޮތުގެ، މަތީގައި ދެވިފައިވާ، ބަޔާނުގައި ފެންނަން އޮތް ފަދައިންނެވެ. މިސާލަކަށް ألم ހަ ސޫރަތެއްގައި އަދި حم ހަތް ސޫރަތެއްގައި އައިސްފައިވެ އެވެ. މިހެންވުމުން، އެއް ސޫރަތް އަނެއް ސޫރަތާ ވަކިނުކުރެވޭ ގޮތް ދިމާވެ އެވެ. މިއަށް ރައްދު ދެއްވަމުން، އެބޭކަލުން ވިދާޅުވަނީ، އެއް އަކުރުތަކެއް ބައެއް ސޫރަތްތަކުގައި ތަކުރާރުވެފައި ހުރުމަކީ، މައްސަލައެއް ނޫން ކަމެވެ. އެ އަކުރުތަކާއި، ސޫރަތުގެ އެހެން ބަޔަކާއި ނުވަތަ ނަމަކާ ގުޅުވައިގެން، އެސޫރަތް އެހެން ސޫރަތްތަކާ ވަކިކުރެވިދާނެތީ އެވެ.
މިސްރުގެ މަސްޖިދުލް ހުސައިންގައި އޮތް ކަމަށް ބުނެވޭ، ކީރިތި ޤުރްއާނުގެ އެންމެ ދުވަސްވީ އެއް މުސްހަފް.
މިސާލަކަށް، ألم މިތިން އަކުރުން އަލްބަޤަރާ ސޫރަތާ އެކު ހަ ސޫރަތެއް ފެށިފައި ވިޔަސް، މި އަކުރުތަކަކީ އަލްބަޤަރާ ސޫރަތުގެ ނަމެއް ކަމުގައި ބަލާނަމަ، އަލްބަޤަރާ ސޫރަތަކީ الم ذَٰلِكَ الْكِتَابُ ސޫރަތޭ ކިޔައި، މި އަކުރުތަކުން ފެށޭ އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެ އެވެ. އަދި ހަމައެހެންމެ، حم މި ދެ އަކުރު، ހަތް ސޫރަތެއް ފެށުމުގައި ތަކުރާރު ވެފައިވިޔަސް، މި ދެ އަކުރުން ފެށޭ އައްސަޖިދަ ސޫރަތް އެއީ 'ޙާމީމް އައްސަޖިދާ' އޭ ކިޔައި، އެސޫރަތް، އެހެން ސޫރަތްތަކާ ވަކި ކުރެވިދާނެ އެވެ.
އަދި ބައެއް މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ކޮންމެ އަކުރެއް ވެސް ރަމްޒު ކޮށްދެނީ ކަލިމައެކެވެ. ނުވަތަ މާތް ﷲގެ އިސްމުފުޅު ނޫނީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެ ކަލިމައިގައި ހިމެނޭ އެހެން އަކުރުތައް ވަނީ ޙަޛްފުކޮށް، އުނިކުރެވިފަ އެވެ. މި ގޮތުން، ألم ގައި ހިމެނޭ އަލިފާއި ލާމާއި އަދި މީމު ރަމްޒުކުރަނީ أنا الله أعلم (ތިމަން ﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ) މިތިން ކަލިމައަށެވެ. ނޫނީ ألم ގައިވާ ތިން އަކުރު ރަމްޒު ކޮށްދެނީ الله (މާތްﷲ) އާއި، اللطيف (ފޮރުވި ވަންހަނާ ކުރެވިފައިވާ އެންމެ ކުދިކުދި ކަންތައްތަކަށް ދާންދެން ވެސް ދެނެވޮޑިގެންވާ، އަދި ހީނުކުރާހާ ގޮތްގޮތަށް އެކަލާނގެ އަޅުތަކުންނަށް ދީލަތިވެވޮޑިގަންނަވާ ކަލާނގެ،) އާއި އަދި المجيد (ނުހަނު ދީލަތި، މާތް، ރަސްކަލާނގެ،) އަށެވެ.
އަދި ހަތަރު ވަނަ ރައުޔެއްގެ ވެރި މުފައްސިރުން ދެކިލައްވަނީ ވަކިކުރެވިފައިވާ އަކުރުތަކުން އިޝާރަތް ކުރެވެނީ ތަހައްދީ އަކަށެވެ. ގޮންޖެހުމަކަށެވެ. ކީރިތި ޤުރްއާނަކީ އިލާހީ ފޮތެއްކަމަށް އިންކާރު ކޮށް، ކީރިތި ރަސޫލާގެ ރިސާލަތާ ދެކޮޅު ހެދި އަރަބީންނަށް ކުރެވުނު ތަހައްދީއަކަށެވެ. މި އަކުރުތައް، މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން، ސޫރަތްތަކުގެ ފެށުމުގައި، އައިސްފައިވަނީ އެއް އަކުރާއި ފަސް އަކުރާއި ދެމެދުގެ އަދަދަކަށެވެ.
މި ރައުޔުގެ ވެރި މުފައްސިރުން ފާހަގަ ކުރައްވާ ގޮތުގައި، މި އަދަދު އިޝާރާތް ކުރަނީ އަރަބި ލަފްޒު އުފެދުމުގައި، އާއްމު ގޮތެއްގައި، ލަފްޒެއްގެ މަސްދަރަށް، އަސްލަށް، އަކުރު އިތުރު ކުރެވޭ އަދަދެވެ. އަދި، ކީރިތި ޤުރްއާން ވެސް އެކުލެވިގެން ވަނީ އަލިފުބާގެ މިފަދަ އަކުރުތަކުން އެކުލެވޭ ލަފްޒުތަކުންނާއި އެ ލަފްޒުތަކުން އެކުލެވޭ ޖުމްލަތަކުންނެވެ. ކީރިތި ޤުރްއާނަކީ، މައްކާގެ މުޝްރިކުން ދެކޭ ގޮތަށް، މުހައްމަދުގެފާނުގެ އުފެއްދުމެއް ކަމަށް ވަންޏާ، އެ މީހުންނަށް ވެސް، މިކަން ކުރެވެން ޖެހޭނެ އެވެ.
ޢަރަބި މުސްކުޅި ލިޔުމަކުން ލިޔެފައިވާ ވަރަށް ކުރީގެ މުސްހަފެއް.
ކީރިތި ޤުރްއާނާއި އަދަބީ ގޮތުން އެއްފަދަ ފޮތެއް އެ މީހުންނަށް ވެސް، އެކުލަވާލެވި އުފެއްދެން ޖެހޭނެ އެވެ. ސަބަބަކީ، އެމީހުން ދެކޭ ގޮތުގައި، އެމީހުންނަކީ، ސާފުކޮށް، އަދި އެހެން މީހުނަށް އަސަރު ކުރާ ފަދަ ބަލާޣާތްތެރިކަމާ އެކު، އެމީހުންގެ އިހުސާސުތަކާއި ޝުއޫރުތައް، ޚިޔާލުތަކާއި ފިކުރުތައް، އިބާރާތްކޮށް ހުށަހަޅާލާ ބައެކެވެ. އަދި، މިކަމުގައި އިންތިހާ އަށް ފަޚުރުވެރިވާ ބައެއް ވެސް މެ އެވެ.
އާދެ، އެ މީހުން ދުށް ގޮތުގައި، އެހެން އުއްމަތްތަކުގެ މީހުންނަކީ 'ޢަޖަމުން'ނެވެ. އަމިއްލަ ހިތުގައި ހިނގާ ޝުއޫރުތަކާއި ފިކުރުތައް ސާފުކޮށް ބުނެދޭން ނޭނގޭ މީހުންނެވެ. އެހެންވެ، ބައެއް މުފައްސިރުން ދެކިލައްވަނީ، ވަކި ކުރެވިފައިވާ އަކުރުތައް އައިސްފައިވަނީ، އަދަބިއްޔާތުގެ ރޮނގުގައި މިދަރަޖަ އަށް ފަޚުރުވެރިވާ، ކީރިތި ރަސޫލާއާ ދެކޮޅުވެރިވެގަތް އަރަބީންނަށް، ކީރިތި ޤުރްއާނާ އެއްފަދަ އަދަބީ އުފެއްދުމެއް ގެނެސްގަތުމަށް، ތަހައްދީ ކުރުމުގެ ގޮތުންނެވެ.
އަދި ވަރަށް ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި ކޮންމެ އިލާހީ ފޮތެއްގައި ވެސް ފޮރުވި ވަންހަނާ ކުރެވިފައިވާ ސިއްރެއް ވެ އެވެ. ކީރިތި ޤުރްއާނުގައި ފޮރުވިފައިވާ ސިއްރަކީ މި އަކުރުތަކުގެ މާނަ އެވެ. އެކަން ދެނެވޮޑިގެންވަނީ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ އެވެ. އެހެންވެ، މި ރައުޔުގެ ވެރި މުފައްސިރުން މި އަކުރުތައް މާނަ ކުރެވުމުގައި ވިދާޅުވަނީ 'والله أعلم'، 'މީގެ މާނަ އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ'، މިފަދައިންނެވެ.
އާދެ، މަތީގައި ބަޔާން ކުރެވި ދިޔައީ 'ވަކިކުރެވިފައިވާ އަކުރުތަކުގެ' މާނައާ ބެހޭ ގޮތުން ތަފްސީރު ފޮތްތަކުގައި އާއްމުކޮށް ނަންގަނެވޭ މަޝްހޫރު ރައުޔުތަކުގެ ޚުލާސާ އެކެވެ. މިއަކުރުތަކާ ބެހޭ ވާހަކަކޮޅު ނިންމާލުމުގެ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެއްމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ވަކި ކުރެވިފައިވާ އަކުރުތަކުގެ މާނަ ބަޔާންކުރުމާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކައަކީ ވެސް މުފައްސިރުންގެ އަމިއްލަ، ޚާލިސް ފިކުރީ ވާހަކަތަކެއް ކަމެވެ. ބަހުގެ މާނައިގެ އަސްލެއްގެ މައްޗަށް، ނުވަތަ ހަދީސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ދެ ވަނަ ކަމަކީ، މި އަކުރުތަކުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިފައި ނެތުމަކީ، ކީރިތި ޤުރްއާނުގެ މައިގަނޑު ވާހަކަ، އާދެ، ހިދާޔަތުގެ ވާހަކަ، ފަހުމްކޮށް ވިސްނައިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
(ނުނިމޭ)
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުން 10
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 9
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 8
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 7
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 6
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު