Roadha Mihaaru
ހިތަދޫގައި ގެއެއް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ

ހިތަދޫގައި ގެއެއް އެއްކޮށް އަނދައި އާއިލާއެއް ހާލުގައި ޖެހިއްޖެ

20 މެއި 2023

އައްޑޫ ހިތަދޫގެ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އަނދައި، އެ ގޭގައި ދިރިއުޅޭ އާއިލާ ހާލުގައި ޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ހިތަދޫގެ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ގެ އަނދައި، އެ ގޭގައި ދިރިއުޅޭ އާއިލާ ހާލުގައި ޖެހިއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި، އެ ހާދިސާގައި އަންހެނަކާއި ތިން ކުޑަކުދިންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާ ދެން ވެސް ޖެހުނެވެ. ގޭގައި ރޯވީ އެ މީހުން ނިދާފައި ތިއްބަ އެވެ. އެއީ ބަޔަކަށް ކުއްޔަށް ދީފައި ހުރި ގެ އެކެވެ.

އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ހިތަދޫ މާކޯޅިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު އާއިލާ އަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"ގެއަށާއި މުދަލަށް ލިބުނު ގެއްލުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއާ ގުޅިގެން ކައުންސިލުން މި އަންނަނީ މަސައްކަތް ކުރަމުން،" ސިޓީ ކައުންސިލުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާގައި ގެ އަށް ބޮޑެތި ގެއްލުންތަކެއް ވި ކަމަށެވެ. ގޭގައި ދިރިއުޅުނު މީހުންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ވެސް ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ކޮޓަރި ހުންނަ އެ ގޭގެތެރޭގައި ހުރި ފަރުނީޗަރާއި ހިފައިގެންގުޅޭ ވަރަށް ގިނަ ސާމާނު ހުރީ އަނދައިފަ އެވެ. ގޭގެ ދޮރުތައް ވެސް ހަލާކުވެ، ސީލިންގް ވެސް އޮތީ އެއްކޮށް އަނދައި ހުލިވެފަ އެވެ.