Roadha Mihaaru
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް

އަލިފާނުގެ ހާދިސާ: ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް

12 ޑިސެމްބަރ 2024

މ. ގްރީން ބިލްޑިންގައި މިއަދު ރޯވި އަލިފާނުން އެރި ދުމުގެ އަސަރުކުރި ތިން ގެއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މ. ގްރީން ބިލްޑިންގައި މިއަދު ރޯވި އަލިފާނުން އެރި ދުމުގެ އަސަރުކުރި ތިން ގެއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސަރަހައްދުގައި ހުރި ތިން އިމާރާތެއްގެ ހަތް ގޭބީސީއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކަމަށެވެ. އެއީ، 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"މީގެ ތެރޭގައި ސިއްހީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއް ވެސް ހިމެނޭ،" އެންޑީއެމްއޭ އިން ބުންޏެވެ.

ދުމުގެ އަސަރު ކުރި ގެތަކަކީ މ. ލޯކަށިގެ އާއި މ. ކުދިމާވިލާ އަދި މ. ލޫބިޔާ އެވެ.

އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، އެހީތެރިކަން ބޭނުންވެގެން އެ އޮތޯރިޓީއަށް 50 ރިޕޯޓެއް ލިބުނެވެ.

ގްރީން ބިލްޑިންގުގައި ރޯވުމާ ގުޅިގެން، އެތަނުގެ ކައިރީގައި ހުންނަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން އެންޑީއެމްއޭ އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ވެސް ހަދައިފަ އެވެ. އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުން ފެތުރުމާ ގުޅިގެން، ކައިރީގައި ހުރި ގެތަކުން ވަނީ ގިނަ އަދަދެއްގެ މީހުން ހުސްކޮށްފަ އެވެ.

އެންޑީއެމްއޭ އިން ބުނީ އެހީތެރިކަން ބޭނުންވާ މީހުން އެ އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅުމަށް ނުވަތަ އިވެކުއޭޝަން ސެންޓަރަށް ދިއުމަށް އެދޭ ކަމަށެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހިންގާ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔަ އެންޑް ރެސްކިއު އިން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯކޮށްފަ އެވެ.