Roadha Mihaaru
ރޭގެ އަލިފާނުގެ ހާދިސާ: 13 މީހަކަށް ވަގުތީ ހިޔާ

ރޭގެ އަލިފާނުގެ ހާދިސާ: 13 މީހަކު ވަގުތީ ހިޔާވައްސަށް

31 އޯގަސްޓް 2021

ހުޅުމާލޭގެ 147 ވަނަ ފުލެޓުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސާދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ 147 ވަނަ ފުލެޓުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސާދީފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ދެ އާއިލާއެއްގެ 13 މީހަކަށް ވަގުތީ ހިޔާ ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކެއިންބުއިމުގެ ކަންކަން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓީވް މެނޭޖަރު އުމަރު ފިކުރީ "މިހާރު" އަށް ވިދާޅުވީ މި ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް، އެކަމާ ގުޅުންހުރި ފަރާތްތަކާ އެކު އެސަސްމަންޓް ހެދުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ފުލެޓްގެ ދެ ވަނަ ފުލޯގައި އަލިފާން ރޯވީ ރޭ 19:17 ހާއިރެވެ. އަލިފާން ރޯވިތާ ބައިގަޑިއިރެއްހާއިރުގެ ތެރޭގައި އެމްއެންޑީއެފުން ވަނީ އަލިފާން ފެތުރުން ކޮންޓްރޯލްކޮށްފަ އެވެ. މި ހާދިސާގައި އެ ފްލެޓްގެ ތިން ވަނަ ފުލޯގެ އެޕާޓްމަންޓަށް ވެސް ގެއްލުންވެފައިވެ އެވެ.

މިފަދަ ހާދިސާތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އެސަސްމަންޓް ހެދުމަށް ފަހު، ލިބުނު ގެއްލުންތަކަށް ބަލައި، އާއިލާތަކަށް އެހީގެ ގޮތުގައި ސަރުކާރުން ވަކި އަދަދަކަށް ފައިސާ ދެ އެވެ.