Roadha Mihaaru
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް

އަލިފާނުގެ ހާދިސާ ހިނގި ކެފޭގެ މަތީގައި 50 ބިދޭސީން ދިރިއުޅޭ

09 ސެޕްޓެމްބަރ 2024

މާލޭގައި މިއަދު އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭގެ މަތީގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި މިއަދު އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭގެ މަތީގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަން އެނގިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެންޑީއެމްއޭގެ އޮފިޝަލަކު ވެސް މީޑިއާތަކަށް ދެންމެ ވިދާޅުވީ މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި ހަ ދިވެހިން އިވެކުއޭޓްކޮށްފައިވާ ކަމަށެވެ. އެއީ ކޮންކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެއީ ކޮން ބައެއްކަން ޔަގީން ވުމުން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށެވެ.

ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގެ އިމާރާތުގައި ތިން ފުލޯ ހުރެ އެވެ. އެ އިމާރާތުގެ މަތީ ދެ ފުލޯ ހަދާފައި ވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ.

އެނގިފައިވާ ގޮތުގައި، އެ ކެފޭގެ މަތީ ދެ ފުލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. އެ ތަނުގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެ އެވެ. އަދި އެ ކެފޭއަކީ ބިދޭސީންނަށް ހިންގާ ކެފޭއެކެވެ.

އެ ކެފޭއާ ޖެހިގެން ހުރި، ދިވެހިން ދިރިއުޅޭ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.

އަލިފާން ރޯވީ ކެފޭގެ ބަދިގޭގަ އެވެ. މިއަދު މެންދުރު ފަހު 3:30 ހާއިރު ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ބިދޭސީ ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.