Roadha Mihaaru
މާލޭގައި ގައިދުރުކޮށް ނަމާދުކުރުން ހުއްޓާލައިފި

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމާއި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލައިފި

07 އޯގަސްޓް 2021

މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ހާލަތު ރަނގަޅުވާން ފެށުމުން، މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމާއި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ހާލަތު ރަނގަޅުވާން ފެށުމުން، މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމާއި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރި ގިނަ މަސައްކަތްތަކާއެކު އެ ބަލީގެ ހާލަތު ރަނގަޅުވެ، އާއްމުންނަށް ބޮޑެތި ލުއިތައް ދީ، ހުޅުވާލާފައިވާ ކަމަށެވެ.

އެހެންވެ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ވެސް ގައިދުރުކޮށް ޖަމާއަތް ހަދައި، ކޮވިޑުން ރައްކާތެރި ކޮށްދެއްވުން އެދި ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން ރޭގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށް ބުންޏެވެ.

ގުނޫތު ނާޒިލާ ކިޔުން މި ވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔަވައި، ކޮވިޑްގެ ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅު ކޮށްދެއްވުމަށް ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަސިއްޔަތްކޮށްފައި ވެ އެވެ.

"ހުރިހާ ބޭފުޅުން ވެސް މިސްކިތްތަކުގައި ތިއްބަވާ ވަގުތުތަކުގަ އާއި ބޭރުގައި އުޅުއްވާ ވަގުތުތަކުތަކުގައި މާސްކު އެޅުއްވުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއިި މާތްﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމަ އަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރިވަމެވެ،" ބަޔާނުގައި ބުންޏެވެ.

ކޮވިޑުގެ ސަބަބުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މީގެ ކުރިން މެދުކަނޑައިލި އެވެ. އެކަމަކު، ހާލަތު ރަނގަޅުވާން ފެށުމުން މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކުރަން ފެށި އެވެ. ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އެންގީ އޭގެ ފަހުންނެވެ.

ކޮވިޑުން ދިފާއުވުމަށް މި މަހުގެ ނިޔަލަށް އާބާދީގެ 90 ޕަސެންޓު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް އަމާޒުކޮށް ސަރުކާރުން ވަނީ ބޮޑު ކެމްޕެއިނެއް ފަށައި ބޮޑެތި ލުއިތަކެއް ދީފަ އެވެ.