Roadha Mihaaru
މަޖީދު: ގެއްލިގެން ދިޔައީ އަގު ބޮޑު ޝަހުސިއްޔަތެއް

ޑރ. މަޖީދު: ގެއްލިގެން ދިޔައީ އަގު ބޮޑު ޝަހުސިއްޔަތެއް

22 މެއި 2018

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވުމަކީ ގައުމަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް މަޖީދުގެ ބައެއް އަރިސް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވުމަކީ ގައުމަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް މަޖީދުގެ ބައެއް އަރިސް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖީދު މިއަދު އަވަހާރަވީ، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

މަޖީދަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދާލަތު ޕާޓީ 2005 ވަނަ އަހަރު އުފެއްދިއިރު މަޖީދު ހުންނެވީ އެ ޕާޓީގެ ރައީސަކަށެވެ. އަދި އެ ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ. އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުން ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރެއްވީ މަޖީދެވެ. ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން މަޖީދު، ވަނީ ފަހުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަވަހާރަވިއިރު ހުންނެވީ އެ ޕާޓީގެ އިލްމުވެރިން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެވެ.

މަޖީދަށް ރައީސް މުހައްމަދު ނަޝީދު މިނިސްޓަރުކަމުގެ ފަތްކޮޅު އަރުއްވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޖީދަށް ރައީސް މުހައްމަދު ނަޝީދު މިނިސްޓަރުކަމުގެ ފަތްކޮޅު އަރުއްވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޖީދާ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއްބޭފުޅަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މަޖީދު މިނިސްޓަރަކަށް ހުންނެވިއިރު ނައިބަކަށް ހުންނެވި ޝަހީމް ވިދާޅުވި ގޮތުގައި މަޖީދަކީ އިސްލާމީ ދައުވަތު ރާއްޖޭގައި ބަލިކަށިވެފައި އޮއްވައި އެކަން ވަރުގަދަ ކުރުމަށް ދީނީ އިލްމުވެރިންގެ ސަފުތައް އެއްބައިވަންތަ ކުރުވި ޝަހުސިއްޔަތު ކަމަށެވެ.

"އެއީ ރާއްޖޭގައި ދެވަނައެއް ނެތް އިލްމީ ޝަހުސިއްޔަތެއް. އަޅުގަނޑުމެންގެ އުސްތާޒަކީ އެއީ. އަޅުގަނޑުމެން ބަޔަކަށް ހެއްދެވި އެއް ބޭފުޅަކީ އެއީ،" މި ވަގުތު ލަންކާގައި ހުންނެވި ޝަހީމް ވިދާޅުވި އެވެ.

މަޖީދުގެ މިނިސްޓަރު ކަމުގައި ހުންނެވިއިރު އޭނާގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރަކީ މަޖީދުގެ ސިޔާސީ ހަޔާތް އެންމެ ގާތުން ފެނިވަޑައިގެންފައިވާ އެކަކެވެ. އަލީ ޒާހިރު ވިދާޅުވާގޮތުގައި މަޖީދަކީ އޭނާގެ ބައްޕައެއް ފަދަ ބޭފުޅެކެވެ.

މަޖީދުގެ އަރިހުގައި އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

މަޖީދުގެ އަރިހުގައި އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

މަޖީދުގެ ލީޑާޝިޕާ ގުޅޭގޮތުން އަލީ ޒާހިރު ވިދާޅުވީ މަޖީދަކީ މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަވާ، މިނިސްޓްރީގެ މަސައްކަތްތައް ފުޅާކުރަން ގިނަގުނަ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ފިގުހް އެކަޑަމީ އުފެއްދެވީ މަޖީދެވެ. އަދި އެއީ ހައްގު ބަސް ވިދާޅުވުމުގައި ނަމޫނާއެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"މަޖީދު ނެތީމައެއް ނޫން މި ދަންނަވަނީއެއް. އަޅުގަނޑު ނުދެކެން އެހާ ކެރިވަޑައިގަންނަވާ ބޭފުޅެއް. ގައުމީ ކަންކަމުގައި ވެސް. ދީނީ ކަންކަމުގައި ވެސް. ހައްގު ބަސް ވިދާޅުވާނެ، އެ އެއްޗެއް ވިދާޅުވާން ޖެހޭ ގަޑީގައި ވިދާޅުވާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

މަޖީދަކީ ތައުލީމީ ދާއިރާ އަށް ވެސް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ބަހާއި އަރަބިން ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވާފައިވެ އެވެ. ގައުމީ ޔުނިވާސިޓީގައި 2012 ވަނަ އަހަރުން ފެށިގެން ލެކްޗަރާއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދެވި އެވެ. އަދި ވިލާ ކޮލެޖުގައި ވެސް ކިޔަވައިދެއްވަ އެވެ. އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލޯ އެންޑް އިސްލާމިކް ސްޑަޑީޒްގެ ސީނިއާ ލެކްޗަރާއެއްގެ މަގާމުގަ އެވެ.

މަޖީދު ވަޒީރުކަމުގެ ލިޔުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޖީދު ވަޒީރުކަމުގެ ލިޔުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، މަޖީދަކީ ވަރަށް އިލްމުވެރި ބޭފުޅެއްގެ ކަމަށެވެ. މަޖީދުގެ ކިޔަވައިދެއްވުމާ މެދު ދަރިވަރުން ވަރަށް ހިތްހަމަ ޖެހޭ ކަމަށް ފަވާޒް ވިދާޅުވި އެވެ.

"ހުރިހާ އިރެއްގައި ވެސް ދަރިވަރުންނަށް އެހީތެރިވާ ވަރަށް ހިތްތިރި ބޭފުޅެއްގެ ގޮތުގައި ދަރިވަރުން މަޖީދު ސިފަކުރައްވަނީ،" ފަވާޒް ވިދާޅުވި އެވެ.

މަޖީދުގެ އެކުވެރިން ވިދާޅުވާގޮތުގައި އެ ސިފަތައް ހުރި ބޭފުޅަކު ރާއްޖޭގައި މަދުވާނެ އެވެ. އަދި އެފަދަ ބޭފުޅަކު މުސްތަގުބަލުގައި އުފެދުމަކީ ވެސް ދުރުކަމެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. މަޖީދުގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި އެބޭފުޅުން ފާހަގަ ކުރައްވަނީ އެހެން މީހުންނާ ދިމާލަށް ބަދު ބަހެއް ވިދާޅުނުވުމާއި ހިތްހެޔޮ ކަމެވެ.

"ރާއްޖެއިން މަދުވާނެ އެކަހަލަ ބޭފުޅެއް، މުވައްޒަފަކަށް ވެސް، ރައްޓެއްސަކަށް ވެސް، ނުދަންނަ ބޭފުޅަކަށް ވެސް ބަދު ބަހެއް ވިދާޅެއްނުވާނެ. ވަރަށް ބޮޑަށް މަސްލަހަތަށް ބައްލަވާނެ. ހަމަ އެގޮތަށް ހައްގުބަސް ވިދާޅުވާނެ،" މަޖީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މާލޭ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދުﷲ ޖަމީލް ވިދާޅުވި އެވެ.