Roadha Mihaaru
މިނިސްޓަރުގެ ތާއީދު ލަންކާ ސަރުކާރުން އެދުނު ގޮތަށް!

އިސްލާމިކް މިނިސްޓަރު ތާއީދުކުރެއްވީ ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލަން

15 ޑިސެމްބަރ 2020

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާ ގޮތަށް އަމަލުކުރުމާ މެދު ހިޔާލުތަފާތުވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެކަމަށް ތާއީދުކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާ ގޮތަށް އަމަލުކުރުމާ މެދު ހިޔާލުތަފާތުވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެކަމަށް ތާއީދުކުރައްވައިފި އެވެ.

ކޮވިޑުން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ކުރަމުންނެވެ. މި ކަމަށް ހައްލެއް ހޯދައިދޭން ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެ ގައުމުން ވަނީ އެދިފަ އެވެ. މިކަމާ ގުޅޭ އިދާރާތަކާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

މިކަމުގައި ދީނީ އިލްމުވެރިންނާއި އާންމުންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ގޮތް ހަމަޖެއްސުން މުހިންމު ކަމަށެވެ.

"ސްރީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް، ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވަރަށް މުހިއްމު އަދި އެހާމެ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް،" މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއް

ބައެއް އިލްމުވެރިން ވަނީ ލަންކާ ސަރުކާރުން އެދުނު ގޮތަށް ރާއްޖޭން އެއްބަސްވެފައިވާ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައި ސަރުކާރުގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް

މި ކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވި އެވެ. އަދި މި ކަމުގައި އެންމެ ރަނގަޅު ގޮތެއް ނިންމަން އެ މިނިސްޓްރީން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގައި މަރުވާ މުސްލިމުން އަންދާލުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލެވޭނެ ގޮތް ހެދުމަށް އެތައް ބަޔަކު ތާއީދުކޮށް ވާހަކަ ދައްކަމުން ބުނެފައި ވަނީ މިއީ މުސްލިމުންނަށްޓަކައި އެހެން މުސްލިމުން އަދާކޮށްދޭންޖެހޭ ހައްގެއް ކަމަށާއި ރާއްޖޭން އެހީވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އެ މަނިކުފާނު މި ކަމަށް ތާއިދުނުކުރައްވާ ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ.

ދީނީ އިލްމުވެރިިޔާ ޑރ. މުހައްމަދު އިިޔާޒާއި އަލީ ޒައިދު ފަދަ ބޭފުޅުން ވަނީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ގޮތް ހަމަޖައްސަން ތާއީދުކުރައްވައިފަ އެވެ. ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި އެއީ އިންސާނީ އަދި ދީނީ ހައްގެއް ކަމަށެވެ.

"އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،" ޝަހީމް ލިޔުއްވާފައިވެ އެވެ.

ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ތާއީދުކޮށް ވާހަކަ ދައްކާ މީހުން އެއީ މުސްލިމުންނަށް އެހީވުން ކަމަށް ބުނާއިރު، މިކަމަށް ތާއީދު ނުކުރާ މީހުން ބުނަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާން އިންކާރުކޮށް ލަންކާ ސަރުކާރުން ދަައްކަނީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށާއި ލަންކާގެ އަމަލަކީ މުސްލިމުންނަށް ޖެއްސުންކޮށް ނިކަމެތިކުރުން ކަމަށެވެ. އެހެންވެ ލަންކާ ސަރުކާރުން އެދޭ ގޮތަށް މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނައުމަކީ ލަންކާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކުގައި ބައިވެރިވެ ހިތްވަރު ދިނުން ކަމަށް ވެސް ބުނެފައިވެ އެވެ. އެ މީހުން ބުނަނީ އޭގެ ބަދަލުގައި މަސައްކަތްކުރަންވީ ލަންކާ ސަރުކާރުގެ ނިންމުން ބަދަލުކޮށް އެ ގައުމުގެ މުސްލިމުންގެ ހައްގު ހޯދައިދޭން ކަމަށެވެ.