Roadha Mihaaru
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި

ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި

05 ޖޫން 2024

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އާ ބައްދަލުކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އާ ބައްދަލުކުރައްވައިފި އެވެ.

މިމަހުގެ 3 އިން 6 އަށް ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައީސް ރަނިލް އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ޒަމީރު މަޝްވަރާ ކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

ޒަމީރު ވަނީ މިއަދު ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވައި، ރަސްމީ ވާހަކަތައް ބައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާގައި ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކޮށް، ވީއެންމެ އަވަހަކަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލައި، ޣާއްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ ކަމަށް ދެ ގައުމުން ވެސް އުއްމީދުކުރާ ކަމަށް ޒަމީރު ހާމަކުރެއްވި އެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.