Roadha Mihaaru
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!

14 ނޮވެމްބަރ 2022

ރާއްޖޭގެ ދެކުނުގައި އޮތް ޗާގޮސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުން ނަމަ އިސްތިއުމާރީ ގައުމުތައް އިސްތިއުމާރު ކުރުމަށް ރާއްޖެއިން ތާއީދު ކުރާތީއެއް ނޫނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ދެކުނުގައި އޮތް ޗާގޮސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުން ނަމަ އިސްތިއުމާރީ ގައުމުތައް އިސްތިއުމާރު ކުރުމަށް ރާއްޖެއިން ތާއީދު ކުރާތީއެއް ނޫނެވެ.

ސަބަބެއް ކަމަށް ސަރުކާރުން އަބަދުވެސް ބުނަނީ ދެ ގައުމުގެ ބޯޑަރު ފުށުއަރާ ސަރަހައްދުން އެއްބަސްނުވެވޭ ބައި ދޫކޮށްލަން ޖެހިދާނެ ކަމަށް ދިވެހި ދައުލަތަށް ގަބޫލުކުރެވުމެވެ.

މިއީ އެ މަސައްކަތުގައި އުޅުއްވި ކުރީގެ ބަންޑާރަ ނައިބުންނާއި ދާއިރާގެ އެކި ތަޖުރިބާކާރުން ކުރިން ވެސް އިއްތިފާގުވާ ކަމެކެވެ. ނަމަވެސް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މައްސަލަ ހިނގަމުން ދަނިކޮށް މި އަހަރު އޮގަސްޓު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖަގްނޯތަށް ފޮނުއްވި ސިޓީފުޅެއްގައި ކުރީގެ ސިޔާސަތު ބަދަލުވިކަން ވަނީ އަންގަވައިފަ އެވެ. ކުރިން އެއްވެސް ގޮތަކަށް ހާމަކުރުމަކާ ނުލައި ފޮނުއްވި މި ސިޓީފުޅާ މެދު އުފައްދާ ޝައްކުތައް ބޮޑެވެ. އެހެންވެ އެ ސިޓީފުޅު ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ.

އެ ސިޓީފުޅުގައި އޮތް ވާހަކައިން ދެ ޖުމުލައެއް ޝާހިދު ދާދި ފަހުން ވިދާޅުވި އެވެ؛

"ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ [މޮރިޝަސް އަށް ޗާގޯސްގެ ހަވާލު ކުރަން ޖެހޭ ކަމުގެ] ގަރާރެއް ހުށަހަޅައިފި ނަމަ ދިވެހި ސަރުކާރުން އެ ގަރާރަކަށް ދެކޮޅު ނަހައްދަވާނެ ކަމަށް. އެއީ އިސްތިއުމާރީ ބާރުތަކުން ރަށްތައް މިނިވަން ކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާތީ،" ތަފްސީލަށް ތަކުރާރުކޮށް އެދުމުން ވެސް ޕްރެސް ކޮންފަރެންސެއްްގައި ޝާހިދު ވިދާޅުވީ މިވަރަށެވެ.

ޝާހިދު އާއި ރިފްއަތު

ޝާހިދު އާއި ރިފްއަތު

މި ވާހަކަތައް އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވި ހިސާބުން ފެށިގެން އެންމެ ފުރަތަމަ ވެސް ކަމާ ގުޅުން ހުރި އަދި އެކަމުގައި އުޅުއްވި ބައެއް ބޭފުޅުން ތުހުމަތުކުރެއްވީ އެއީ ސަރުކާރުން މޮރިޝަސްއާ އެކީ އަޑި ނޭނގޭ ޑީލަކަށް ވެދާނެ ކަމަށެވެ. އިންޑިއާގެ ނުފޫޒެއް އޮވެދާނެ ކަމުގެ ވާހަކަތަކެއް ވެސް ދެއްކި އެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ގުޅޭ ގޮތާއި ވަށައިޖެހޭ ގޮތެއް އެއްވެސް ސިޔާސީ ބޭފުޅެއްގެ ދުލުން ބޭރެއް ނުވެ އެވެ.

މިކަމުގައި ހަގީގަތުގައި ވެސް ސާފު ނުވާ ދެތިން ކަމެއް އެބަ އޮތެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަންނަން އެއްބަސްވީ ރާއްޖެ-މޮރިޝަސް ކޮން ވާހަކަތަކެއް ދެއްކެވިގެން ހެއްޔެވެ؟ ސެކިއުރިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރި ހެއްޔެވެ؟ ނުވަތަ އެއީ ރައީސް ހަމަ ކުއްލިއަކަށް ފޮނުއްވަން ނިންމެވި ސިޓީފުޅެއްތޯ އެވެ.

މި ސުވާލުތަކުގެ ޖަވާބު ހޯދެން އޮތީ ޗާގޯސްގައި ދިވެހިން އުޅުނުތޯ އާއި ހަސަން ރަސްގެފާނު ފޮނުއްވި ސިޓީއަކާ އެކު ރާއްޖެއަށް އެއިން ރަށްތަކެއް ލިބެން ޖެހޭތޯ ސުވާލު އުފައްދައި މި ދައްކާ ވާހަކަތަކާ ދުރަށް ޖެހިލައިގެންނެވެ.

އަސްލު ބޮޑު މަންޒަރު ފެންނަނީ އިންޑިއާގެ ބެކްޔާޑެއް ކަމަށް މި ބުނާ ސްރީ ލަންކާ އާއި ރާއްޖެ އަދި އެ ތިން ގައުމާއި މޮރިޝަސްގެ މެދުގައި އުފެދެމުން އަންނަ ގުޅުމާއި އިންޑިއާ ކަނޑުގައި ހޫނުވަމުން އަންނަ ޗައިނާ އަދި އިންޑިއާގެ ޖިއޯޕޮލިޓިކްސް އަދި ސްޓްރެޓިޖިކް އިކޮނޮމިކް އެކްޓިވިޓީސް ހިނގާ ގޮތް ތެރެއަށް ފީނާލައިގެންނެވެ.

އިންޑިއާ ކަނޑަށް ގަދަވެވޭނީ މި ގޮތަށް

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަލީ ނެރުއްވި ބަޔާނެއްގައި ވަނީ އެ ގައުމުން އެތައް ޒަމާނެއް ވަންދެން ދަމަހައްޓާފައިވާ ސިޔާސަތު ބަދަލުކޮށް، ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ މަޝްވަރާތައް ފަށަން އެއްބަސްވިކަން އިއުލާނުކުރައްވައިފަ އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި މޮރިޝަސްގެ އޮފިޝަލުން މި އަހަރުގެ އޮކްޓޫބަރު މަހު ނިއު ޔޯކްގައި ކުރެއްވި ރަސްމީ މަޝްވަރާތަކަށް ފަހު ނިންމަވާފައި ވަނީ ޗާގޯސް މައްސަލާގައި އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކާ ހަމައަށް އައުމެވެ.

އިނގިރޭސި ވިލާތުން ބައިނަލްއަގުވާމީ ނިންމުންތައް ބަލައިނުގަނެ ރަށްތައް ހަވާލު ނުކޮށް ތިބުމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެހެން ގައުމުތަކާ ގުޅުން ގޯސްވަމުންދާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ބޮޑެތި ގައުމުތަކުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ހޯދަން އެހެން ގައުމަކުން ވަކާލާތު ކުރާ ނަމަ ދުނިޔޭގެ ކޮންމެ ޖަމިއްޔާއަކުން ނިންމިޔަސް ތާރީހަށް ބަލާއިރު އެއީ ގިނަ ފަހަރަށް ހަނގުރާމަ ކޮށްގެން ނޫނީ ކާމިޔާބުވާ ކަންކަމެއް ނޫނެވެ.

އެކަމަކު އިނގިރޭސިވިލާތުން އެހާ ފަސޭހައިން މޮރިޝަސްއަށް ދޫ ދިނުމުގެ މަސައްކަތް ފަށަން ނިންމީ، އިންޓަނޭޝަނަލް ރިލޭޝަންސް ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ މި ސަރަހައްދުގައި ޔޫކޭ-ޔޫއެސްގެ އެންމެ ވަރުގަދަ އެލަޔަންސްއެއް އޮންނަ އިންޑިއާއަށް އެއިން އެތައް ކަމެއް ފަހިވެ، ޗައިނާއާ ދެކޮޅަށް ކުރާ މަސައްކަތްތައް ފުޅާކުރުމުގެ ފުރުސަތު އޮތުމެވެ. މިއީ މުޅި އިންޑޯ-ޕެސިފިކްގެ ވިސްނުމެވެ.

އިންޑޯ-ޕެސިފިކް ސްޓްރެޓަޖީތައް ތަންފީޒު ކުރުމުގައި އެންމެ ގާތް ގުޅުމެއް ބާއްވަން ޖެހެނީ ރާއްޖެއާ ކަން އިންޑިއާ އަށް އަބަދުވެސް އެނގެ އެވެ. އެ ގުޅުން ރަނގަޅަށް ނުބާއްވައިފި ނަމަ މީގެ ހަތަރު އަހަރު ކުރިން ވީ ގޮތަށް ޗައިނާގެ ނުފޫޒު ރާއްޖެއަށް ގަދަވެ، އިންޑިއާގެ "ބެކްޔާޑަށް" ނުރައްކާ ކުރާނެ އެވެ.

އަނެއް ކަމަކީ ރާއްޖެ މި އޮންނަނީ އިންޑިއާ ކަނޑުގެ މެދުން 90،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. އެއީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއާ ގުޅޭ ދުނިޔޭގެ އެންމެ ބާރު ބޮޑު މެރިޓައިމް ޓްރޭޑް ރޫޓުތަކުގެ ސީދާ މެދެވެ.

"މި ލޮކޭޝަންގެ ފައިދާ ނަގަން ދިވެހި ސަރުކާރުތަކުގެ ވެރިންނަށް ނޭނގުނަސް މިއީ އެމެރިކާ، އިންޑިއާ އަދި ޗައިނާ ވެސް ވަރަށް ކައިރިން ބަލައި ދިރާސާކޮށް، އޭގެ ފައިދާ ނަގަން މަސައްކަތްކުރާ ލޮކޭޝަނެއް. އިންޑިއާ ކަނޑަށް ގަދަވެވޭނީ ރާއްޖޭގެ މައްޗަށް ގަދަވެގެން. މިއިން ރޫޓެއް އެހެން ބައެއްގެ އަތްމައްޗަށް ގޮސް ޑިސްރަޕްޓު ވެއްޖެ ނަމަ ވެގެން ދާނެ ގޮތް ސުވޭޒް ކެނަލް ހާދިސާ އިން އެ އެނގިގެން ދިޔައީ،" އެނަލިސްޓަކު ވިދާޅުވި އެވެ.

އިންޑިއާ ގަބޫލުކުރާ ގޮތުން ނަމަ އެ ގައުމުގެ ބިއްދޮށުގައި މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިން ފައްޓަވާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އެވެ. ދުނިޔޭގެ ސްޓްރެޓަޖިކް މުހިންމު ލޮކޭޝަންތަކުގައި ޗައިނާގެ ބާރު ދަމަހައްޓަން މަގުފަހިވާ މި މަސައްކަތުގައި ރާއްޖެ އަކީ މުހިންމު ޕާޓްނަރެކެވެ. އެއީ ސިލްކު ރޫޓް ވެސް އޮންނަނީ ރާއްޖެ ހުރަސްކޮށް ކަމަށް ވާތީ އެވެ.

އިންޑޯ ޕެސިފިކް ރީޖަންގެ މެރިޓައިމް ރޫޓްސް

އިންޑޯ ޕެސިފިކް ރީޖަންގެ މެރިޓައިމް ރޫޓްސް

އޭގެ މައްސަލައެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަނީ، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވާ ގައުމުތަކަށް ޗައިނާ އިން ބޮޑެތި އަދަދުތަކުން ލޯނު ދީގެން އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއުތައް ހިންގިޔައި، ދަރަނީގެ މަޅީގައި ޖެއްސުމެވެ. ފައިސާ ނުދެއްކޭ ހިސާބުން މަޅިފައްޗަށް ބާރުވެ، އެ ގައުމެއް އަތުން ބޮޑު ސަރަހައްދެއް ޗައިނާއަށް ލިބެ އެވެ. ސްރީ ލަންކާގެ ހަމްބަންޓޮޓާ ޕޯޓަކީ އެއް މިސާލެވެ. ރާއްޖޭގެ ދަރަނީގެ 70 ޕަސަންޓަށް ވުރެ ބޮޑަށް ޑޮމިނޭޓުކުރީ ވެސް ޗައިނާގެ ނުފޫޒުން ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ރާއްޖެ-ޗައިނާ ގުޅުން ބަދަހިވުމުން ނުވަތަ އިންޑިއާ ކަނޑަށް ޗައިނާގެ ނުފޫޒު ގަދަވުމަކީ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާ ޑިއޭގޯ ގާސިއާ އަށް ވެސް އޮތް ނުރައްކަލެކެވެ. އަދި އިނގިރޭސިވިލާތަށް އަދި އިންޑިއާއަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެ އެވެ.

"އިންޑޯ-ޕެސިފިކް ގައުމުތަކުގެ ގުޅުމަށް ހުރަސް އެޅިދާނެތީ ޗާގޯސް މައްސަލާގައި ޔޫކޭ ސަރުކާރުން އެހާ ލުއިކޮށް ނަގަނީ އެހެންވެ ކަމަށް ބެލެވޭ. މިހާރު މި ސަރަހައްދުގެ ކަންކަން އެނބުރެނީ ރާއްޖޭގެ ފުރިހަމަ ރުހުމާ އެކު މި ސަރަހައްދަށް އިންޑިއާގެ ބާރު ގަދަވާ ގޮތަށް،" އެނަލިސްޓަކު ވިދާޅުވި އެވެ.

އިންޑިއާ ކަނޑު ބަލަހައްޓާ ގްރޫޕަށް މޮރިޝަސް އިތުރުވުން!

އިންޑިއާގެ އުތުރުން ލަކްޝަދީބުގެ ރަށްތަކާއި ސްރީ ލަންކާގެ ކަނޑާއި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ބޮޑު ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާ ކަނޑުގައި ގުޅިގެން މިލިޓަރީ ހަރަކާތްތައް ހިންގުމަށް 2011 ވަނަ އަހަރު އިންޑިއާއިން އިސްވެ އުފައްދާފައިވާ ޓްރައިލެޓަރަލް މެރިޓައިމް ސެކިއުރިޓީ ގްރޫޕެއް އޮވެ އެވެ.

އޭގެ ފެށުމަކީ މި ސަރަހައްދުގެ ކަނޑު ބެލެހެއްޓުމަށް އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖެއިން ގުޅިގެން އުފައްދާފައިވާ ޓްރައިލެޓަރަލް މެރިޓައިމް ސެކިއުރިޓީ ގްރޫޕް އެވެ. ނަމަވެސް 2021 ވަނަ އަހަރު އެ މަސައްކަތް އަލުން ކޮޅަށްޖަހައި އިތުރަށް ފުޅާކުރުމަށް ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ނަމުގައި އާ ތަސައްވުރަކާ އެކު ފެށި އެވެ. އަދި އިންޑިއާ ކަނޑުގެ ސެކިއުރިޓީއަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި މޮރިޝަސް ވެސް ހިމެނި އެވެ.

ޖެނުއަރީ 20، 2022 ގައި އިންޑިއާގެ އެހީގައި މޮރިޝަސްގައި ފަށާ ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކެއް ވާޗުއަލްކޮށް އިފްތިތާހު ކޮށްދެއްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސްތަކުއި ބުނެފައި ވަނީ މިހެންނެވެ؛

"އިންޑިއާ ކަނޑަށް އިންޑިއާ އިން މިހާރު މި ގެންގުޅޭ އެޕްރޯޗް ރަނގަޅަށް ތަންފީޒުކުރަން މޮރިޝަސް އަކީ ވަރަށް މުހިންމު ގައުމެއް،"

މޯދީ މިހެން ވިދާޅުވިތާ ތިން މަސް ފަހުން މާޗު 9، 2022 ގައި ރާއްޖޭގެ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުގައި ރާއްޖެ، އިންޑިއާ، ލަންކާ އަދި ސީއެސްސީގެ އާ މެމްބަރު ކަމަށްވާ މޮރިޝަސް ހިމެނޭ ގޮތަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ލެވަލްގެ ބައްދަލުވުމެއް ބޭއްވި އެވެ. މިއީ މޮރިޝަސް އިން އެ ބައްދަލުވުމުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. އަދި އޮބްޒާވާ ގައުމުތައް ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސް ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ތެރެއިން އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ--

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ތެރެއިން އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ--

ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގަތެވެ. އަދި އެ ބައްދަލުވުމަށް ފަހު ހަތަރު ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހަމައެކަނި އެނގޭ ކަމަކީ އެ ބައްދަލުވުންތަކުގެ ނަތީޖާއެއް ގޮތުން އިންޑިއާ، ލަންކާ ރާއްޖެ އަދި މޮރިޝަސް ފަސް ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމެވެ. އެއީ؛

- އިންޑިއަން އޯޝަންގެ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ

- ކައުންޓާ ޓެރަރިޒަމް އެންޑް ރެޑިކަލައިޒޭޝަން

- ޓްރެފިކިން އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް

- ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ

- ހިއުމަޓޭރިއަން އެސިސްޓަންސް އެންޑް ޑިޒާސްޓާ ރިލީފް

އިންޑިއާ ކަނޑުގައި ވަރުގަދަވަމުން އަންނަ މި ކޯޕަރޭޝަނާ ގުޅޭ ގޮތުން މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން އިންޑިއާގެ ބައެއް ނޫސްތަކުގައި ވެސް ލިޔުއްވާފައި ހުރި ވާހަކަތަކަށް ބަލާއިރު އެއީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ދަށްކުރުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ. އަދި ޝީ ޖިން ޕިންގްގެ ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް އަށް އިންޑިއާ އިން ދޭ ވަރުގަދަ ރައްދެކެވެ.

ޗައިނާ އިން މިކަމުގައި އިންޑިއާގެ ނިޔަތާ މެދު ޝައްކުކުރެ އެވެ. ޗައިނާގެ ސްޓޭޓް އެފިލިއޭޓަޑް މީޑިއާއެއް ކަމަށްވާ ގްލޯބަލް ޓައިމްސްގައި ލިޔެފައިވާ އޮޕީނިއަން ޕީސްއެއްގައި ބުނާ ގޮތުން އިންޑިއާ އިން މިހާރު ބުނާ ގޮތަށް ނޮން ޓްރެޑިޝިނަލް މެރިޓައިމް އޮޕަރޭޝަންތަކެއް ކުރިޔަށް ނުގެންގޮސް ފަހުން އެންޓި-ޗައިނާ މަސައްކަތްތަކެއް ކުރަން ފަށައިފި ނަމަ އޭގެ ގެއްލުން ބޮޑު ވާނެ އެވެ.

ރާއްޖެ-މޮރިޝަސް: ސަރަހައްދީ ގުޅުން ވަރުގަދަވެ އިތުރު ބައްދަލުވުންތައް!

މި އަހަރު މާޗު މަހު ތެރޭގައި ޝެރަޓަން ރިސޯޓުގައި އޮތް ބައްދަލުވުމަށް މޮރިޝަސްގެ ފަރާތުން ވަޑައިގަތީ އިންޑިއާ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަ ކުމާރަސެން އިލަންގޯ އެވެ.

ރޮއިޓާސްގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން އޭނާއަކީ އިންޑިއާގެ ރީސާޗް އެންޑް އެނާލަސިސް ވިންގް (ރޯ) ކުރީގެ އިސް އޮފިސަރެކެވެ. އަދި ލަންކާގެ މިޝަންގައި ހުންނަވަނިކޮށް 2015 ވަނަ އަހަރު، ލަންކާގެ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި އޭނާ އަނބުރާ ދިއްލީ އަށް ފޮނުވާލުމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިންޑިއާ އަށް ބާރު އެޅުއްވި މައްސަލަ ރޮއިޓާސް އާއި ބައިނަލްއަގުވާމީ މީޑިއާތަކަށް ތިލަވި އެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިސާ ކުމާރަސެން އިލަންގޯ

ނޭޝަނަލް ސެކިއުރިޓީ އެޑްވައިސާ ކުމާރަސެން އިލަންގޯ

އިލަންގޯ ވަނީ މާޗު 10، 2022 ގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފަ އެވެ. އޭގެ އިތުރުން އެމްއެންޑީއެފްގެ ބައެއް ޖެނަރަލުންނާ ވެސް އިލަންގޯ ވަކިން ބައްދަލު ކުރެއްވި އެވެ. މިއީ "ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ" ކަމަށް ބުނުން ފިޔަވައި ތަފްސީލެއް ނެތެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި އެކި ދާއިރާތަކުން ރާއްޖެ-މޮރިޝަސް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ދެން ހިނގީ ޖޫން 24، 2022 ގަ އެވެ. އެއީ ކޮމަންވެލްތުގެ ބައްދަލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރުވާންޑާ އަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވުމުގެ ހަވާސާ ތެރެއިން އެ މަނިކުފާނާއި މޮރިޝަސްގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ.

ރާއްޖެ-މޮރިޝަސްގެ މައްސަލައެއް ޓްރައިބިއުނަލްގައި ހިނގަމުން ދަނިކޮށް ފުލުފުލުގައި ހިނގަމުން ދިޔަ މި ބައްދަލުވުންތަކާއި މަޝްވަރާތަކުގެ ތަފްސީލެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރުވާންޑާގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ވެސް ރައީސް އޮފީހުން ބުނެފައި ރާއްޖެ-މޮރިޝަސް އިން ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ މަސްލަހަތު ހުރި ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖަގްނޯތަ އާ ބައްދަލުކުރައްވަނީ--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖަގްނޯތަ އާ ބައްދަލުކުރައްވަނީ--

މަސްލަހަތު ހުރި ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިތާ ދެ މަސް ފަހުން އޮގަސްޓު 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ގޮތުގައި ރާއްޖެއިން ބަލައިގަންނާނެ" ކަމަށް ވިދާޅުވެ ރާއްޖޭގެ ޒަމާންވީ ވިސްނުން ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެހެންވެ މި ސިޓީ ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ކުއްލިއަކަށް ނޫންކަން ސާފުވެ އެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާ، ރާއްޖެ އަދި މޮރިޝަސް މެދުގައި މި ސަރަހައްދުގެ ކަނޑު ބެލެހެއްޓުމުގެ ގުޅުންތައް ވަރުގަދަވުމާއި ވަކިން ހާއްސަކޮށް މި އަހަރު އެކި ދުވަސްތަކުގެ މަތިން މޮރިޝަސް އާއި އިންޑިއާގެ ވެރިންނާ އެކު ސީދާ އަދި ނުސީދާ ގޮތެއްގައި ރާއްޖެއިން ކުރިޔަށް ގެންދިޔަ ހައި ލެވަލްގެ އެތައް ބައްދަލުވުންތަކެއް މި ނިންމުމަށް އަސަރު ކުރާނެ އެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ދަށުން އިންޑޯ-ޕެސިފިކް ރީޖަންގެ ސެކިއުރިޓީ އިންޑިއާއިން ބޭނުންވާ ގޮތަށް އެންމެ ފުރިހަމައަށް ތަންފީޒުކުރެވޭނީ ވެސް ރާއްޖެ-މޮރިޝަސް ގުޅުން ވަރުގަދަ ވެގެންނެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ގޮތުގައި ރާއްޖެއިން ބަލައިގަންނަން ނުނިންމައި، އެ ކަނޑުގައި ގުޅިގެން މަސައްކަތް ކުރުމުގެ މި ހުރިހާ މަޝްވަރާތަކެއް ކުރާނެ ހެއްޔެވެ؟

މިކަމާ ގުޅުން ހުރި މަޝްވަރާތައް ހިިންގާފައި ވަނީ ގައުމުތަކުގެ ސަލާމަތާ ގުޅުން ހުރި އެންމެ މަތީ މަރުހަލާގަ އެވެ. އެހެންވެ މި މަޝްވަރާތަކުގެ ތަފްސީލަކީ އެނގެން ކިތަންމެ މުހިންމު މައުލޫމާތަށް ވިޔަސް ފަސޭހައިން ހާމަކުރެވޭކަށް ވެސް ނެތެވެ. އަނެއްކޮޅުން، ޝައްކުތައް ފިލަން އޮތީ މި ދެކެވޭ ވާހަކަތަކެއް ވެސް އެނގިގެންނެވެ. ހަމަ އެގޮތަށް، ރާއްޖޭގެ ސަރަހައްދަށް ލިބެން އޮތް ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް ހިފަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ބާރު ލިބޭ ގޮތަށް އަމަލުން ވެސް އެކަން ދައްކަން އެބަ ޖެހެ އެވެ.