Roadha Mihaaru
ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ

ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: މިނިސްޓްރީ

24 މެއި 2024

ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ވެސް އޮތް ގޮތަށް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ވެސް އޮތް ގޮތަށް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ލަންކާއަށް ދިއުމަށް ކުރިން 30 ދުވަހަށް 50 ޑޮލަރަށް ވިސާ ލިބެ އެވެ. އެހެން ނަމަވެސް 30 ދުވަހަށް ވިސާ ދިނުމުގެ ބަދަލުގައި ހަ މަހަށް ވިސާ ދޭން އެ ގައުމުން މިހާރު ވަނީ ނިންމައިފަ އެވެ. އެ މުއްދަތަށް ވިސާ ޖަހަން 101 ޑޮލަރު ވަރު ހޭދަކުރަން ޖެހެ އެވެ.

އެ ގައުމުން ގެނައި މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ އެ މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ދިވެހިންނަށް މިހާރު ވެސް އޮންއެރައިވަލް ވިސާ 30 ދުވަހަށް ލިބޭ ގޮތަށް އޮންނަ އޮތުން ބަދަލުނުވާ ގޮތަށް މަޝްވަރާކުރާނެ ކަމަށާއި އެކަން ހަަމަޖެހޭނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓްރީން ދެ އެވެ.

މަހަކަށް ވުރެން ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭ ނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ލަންކާގައި މި ވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހިން އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.