Roadha Mihaaru
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!

ގޯޓާބަޔާ ރާއްޖެ އިން ފުރާވަޑައިގެންނެވި ފަހުން ދިވެހި ސަރުކާރުން ބަޔާން ނެރެފި

15 ޖުލައި 2022

ސްރީ ލަންކާގެ ރައީސްގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ގޯޓާބަޔާ ރާޖަޕަކްސޭ ރާއްޖެ އިން ފުރާވަޑައިގެންނެވި ފަހުން ދިވެހި ސަރުކާރުން ރޭ ބަޔާން ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީ ލަންކާގެ ރައީސްގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ގޯޓާބަޔާ ރާޖަޕަކްސޭ ރާއްޖެ އިން ފުރާވަޑައިގެންނެވި ފަހުން ދިވެހި ސަރުކާރުން ރޭ ބަޔާން ނެރެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ގޯޓާބަޔާ ވަރަށް ސިއްރިއްޔާތުގައި ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަތުމާ ގުޅިގެން މީޑިއާ އިން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބުދާރީއެއް ނުވެ ސަރުކާރު އޮތީ ހިމޭނުންނެވެ. ފޮރިން މިނިސްޓްރީން ވެސް ޖެހިގެން އައި ބުދަ ދުވަހުގެ ހެނދުނު މީޑީއާގައި ބުނީ ގޯޓާބަޔާގެ ދަތުރުފުޅާ ގުޅޭ ގޮތުން ދޭނެ ވަކި ކޮމެންޓެއް ނެތް ކަަމަށެވެ.

މީޑިއާތަކުގެ ފިއްތުންތައް ތަކުރާރުކޮށް ސަރުކާރަށް ކުރިމަތިވި ނަމަވެސް ގޯޓާބަޔާ ރާއްޖެ އިން ސިންގަޕޫރަށް ފުރާވަޑައިގެން 12 ގަޑިއިރު ވަންދެން ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ތިއްބެވީ މީޑިއާ އަށް ފިއްލަވައިގެންނެވެ. ކުރިން ވަރަށް މީޑިއާއާ ގާތް ބޭފުޅުން ވެސް މިދިޔަ ދެ ދުވަހު ނޫސްވެރިން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްޖުގެ އަޅުކަމަށް ފަހު އިއްޔެ ރޭ ރާއްޖެ ވަޑައިގެންނެވި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ނޫސްވެރިންނަށް ވެސް ގޯޓާބަޔާގެ ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވީ ބީރު ކަންފަތެކެވެ. މީޑިއާއާ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި މިހާތަނަށް ފެނުނު ރައީސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ކާރުކޮޅަށް އަރާވަޑައިގަތީ ސެކިއުރިޓީން މެދުވެރިކޮށް ނޫސްވެރިން ދުރަށް ޖެއްސުމަށް ފަހު އެވެ.

މީޑިއާތަކުން ފާއިތުވި ދެ ދުވަހު ކުރި ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ލަންކާ ސަރުކާރުގެ ރަސްމީ އެދުމުގެ މަތިން ގޯޓާބަޔަ އަދި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ ދަތުރުކުރައްވަމުން ގެންދެވި އެއާފޯސްގެ މަތިންދާ ބޯޓަކަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދިވެހި ސަރުކާރުން ދިން ކަމަށެވެ. އަދި އެ ބޭފުޅުން ރާއްޖޭގައި މަޑުކުރެއްވީ ޓްރާންސިޓް ފަސިންޖަރުންގެ ގޮތުގައި ކަމަށް ބަޔާނުގައި ބުންޏެވެ.

ސިންގަޕޫރަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ދިވެހިން ދެކޭއިރު، ގޯޓާބަޔާ އިއްޔެގެ މެންދުރު އެ ގައުމަށް ވަޑައިގަތުމާއެކު ކަހަލަ ގޮތަކަށް ފުރަތަމަ ވެސް ސިންގަޕޫރުން ޖަވާބުދާރީވީ، ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ ހިލާފަށް އެ ގައުމުގެ މީޑިއާއަށެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ގޯޓާބަޔާ އަށް އެ ގައުމުން ސިޔާސީ ހިމާޔަތް ނުދޭ ކަމަށެވެ. އަދި އަމިއްލަ ދަތުރުފުޅެއްގައި ގޯޓާބަޔާ އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ. އާއްމު އުސޫލެއްގެ ގޮތުން ސިންގަޕޫރަކީ ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނެވެ. އެމެރިކާ އާއި އިންޑިއާއިން ވެސް އޭނާ ވަޑައިގަތުމުގެ ހުއްދަ ނުދިންއިރު، ދުބާއީ އަށް ވަޑައިގަތުމަށް މިދިޔަ އަންގާރަ ދުވަހު މަސައްކަތްޕުޅު ކުރެއްވުމުން ލަންކާ އެއާޕޯޓްގެ އޮފިޝަލުން އޭނާ އަށް އެއްބާރުލުމެއް ނުދިނެވެ.

ގޯޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުން ސިންގަޕޫރަށް ވަޑައިގަންނަން އެންމެ ފުރަތަމަ އުޅުއްވީ ސިންގަޕޯ އެއާލައިންސްގަ އެވެ. ނަމަވެސް ސެކިއުރިޓީ ސަބަބުތަކާ ހެދި އެ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިނުގެންނެވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެންމެ ފަހުން އިއްޔެގެ ހެނދުނު 11:30 ގޯޓާބަޔާ ރާއްޖެ އިން ސިންގަޕޫރަށް ފުރާވަޑައިގަތީ ސައޫދީ އެއާލައިންސްގެ ބޯޓެއްގަ އެވެ.

ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ކުރުމުގައި ބޮއްސުންލައިގެން ދިއުމުންނެވެ.ގޯޓާބަޔާ ރާއްޖެ ވަޑައިގަތީ އޭނާގެ އިސްތިއުފާ އަށް ގޮވައި އެތައް ހާސްބަޔަކު ލަންކާގެ މަގުތަކަށް ނުކުމެ އަޑުއުފުލަމުން ދަނިކޮށް ސިއްރިއްޔާތުގަ އެވެ. ގޯޓާބަޔާ އެންމެ ފަހުން އަސްކަރީ ބޯޓެއްގައި ރާއްޖެ ވަޑައިގަތީ ކޮމާޝަލް ފްލައިޓްތަކުގައި ފުރާވަޑައިގަތުމަށް ލަންކާގެ އިމިގްރޭޝަންގެ މުވައްޒަފުން ހުރަސް އެޅުމުންނެވެ.

ގޯޓާބަޔާ ވަނީ ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މި ވަގުތު ލަންކާގެ ވަގުތީ ރައީސްގެ ޒިންމާ ނަންގަވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.