Roadha Mihaaru
ޑރ. މަޖީދު އަވަހާރަވެއްޖެ

ޑރ. މަޖީދު އަވަހާރަވެއްޖެ

22 މެއި 2018

އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ 55، މީގެ އިރުކޮޅެއް ކުރިން ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ 55، މީގެ އިރުކޮޅެއް ކުރިން ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ވެސް ވަރަށް ބޮޑަށް ހާލު ސީރިއަސްވެ، ތިން އޮޕަރޭޝަނެއް ކުރި އެވެ. އަދި ފަހުން ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ވެންޓިލޭޓަރު ނައްޓާލީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ޑރ. މަޖީދުގެ އާއިލާގެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ. އަވަހާރަވި އިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.

އޭގެ އިތުރުން ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވެސްމެ އެވެ.

ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.

ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ދީނަށް ދިވެހިން ހޭލުންތެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ. އޭގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.