Roadha Mihaaru
ކަނޑުން ހޮވި ފުޅިތަކެއް ބޮއެގެން ލަންކާ ބަޔަކު މަރު

ކަނޑުން ހޮވި ފުޅިތަކެއްގައި ހުރި އެއްޗެއް ބޮއެގެން ލަންކާ ބަޔަކު މަރުވެއްޖެ

30 ޖޫން 2024

މަހަށް ނުކުމެ އުޅުނު ސްރީ ލަންކާ ބަޔަކަށް ކަނޑުމަތިން ފެނުނު ފުޅިތަކެއްގައި ހުރި ގޮތް ނޭނގޭ އެއްޗެއް ބޮއެގެން ހަތަރު މީހަކު މަރުވެ ދެ މީހެއްގެ ހާލު ބޮޑުވެއްޖެ އެވެ.

މަހަށް ނުކުމެ އުޅުނު ސްރީ ލަންކާ ބަޔަކަށް ކަނޑުމަތިން ފެނުނު ފުޅިތަކެއްގައި ހުރި ގޮތް ނޭނގޭ އެއްޗެއް ބޮއެގެން ހަތަރު މީހަކު މަރުވެ ދެ މީހެއްގެ ހާލު ބޮޑުވެއްޖެ އެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަސްވެރިންނަށް އެ ފުޅިތައް ފެނުނީ ލަންކާގެ ދެކުނުން 320 ނޯޓިކަލް މޭލު ބޭރުގައި އުޅެނިކޮށެވެ.

ލަންކާ ސިފައިން ބުނި ގޮތުގައި މަސް ބޯޓެއްގައި ތިބި ބަޔަކަށް އެ ފުޅިތައް ފެނުމުން އެ ނަގައިގެން ބުއީ ކައިރީގައި އުޅުނު އެހެން ބައެއް އުޅަނދުތަކުގެ މީހުންނަށް ވެސް ބައެއް ފުޅި ދީފަ އެވެ. އެ މީހުން އެ ބުއީ ރާ ކަމަށް ހީކޮށްފައި ކަމަށް ވެސް ކަނޑުގެ ސިފައިން ބުންޏެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކްވަޓިކް ރިސޯސަސްގެ ޑިރެކްޓަރު ޖެނެރަލް ސުސަންތާ ކަހަވައްޓޭ ބައެއް ނޫސްތަކަށް ވިދާޅުވެފައި ވަނީ މަރުވި މީހުންނާއި ހާލު ބޮޑުވި މީހުން އަނބުރާ ގެނައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީހުން މަރުވީ "ޑީވޮން" ކިޔާ ބޯޓަކުންނެވެ. އެ ބޯޓުގައި ތިބި ހާލު ބޮޑުވި މީހުންނަށް ސިފައިން ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަލިވި މީހުން އަނބުރާ ގެނައުން ލަސްވާތީ މަސްވެރިންގެ އަވަށެއްގައި އިއްޔެ މުޒާހަރާކޮށްފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ސިފައިން ގެންދަނީ ފުޅިތައް ހޮވި މީހުން އެ ފުޅިތައް ބެހި އަދި އެ ބުއި އެހެން މަސްވެރިން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އެ ފުޅިތަކުގައި ހުރީ ކޯއްޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.