Roadha Mihaaru
ގެއްލުނު ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ

ލަންކާ އިން ގެއްލުނު ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ

05 ފެބުރުއަރީ 2022

ސްރީ ލަންކާގައި ގެއްލިގެން ހޯދަމުން އައި ދިވެހި މީހާ ވެއްލަވައްތަގެ ގޮނޑުދޮށުގެ ސަރަހައްދެއްގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްރީ ލަންކާގައި ގެއްލިގެން ހޯދަމުން އައި ދިވެހި މީހާ ވެއްލަވައްތަގެ ގޮނޑުދޮށުގެ ސަރަހައްދެއްގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެއީ ދިވެހި ޒުވާނާ އަފްހަމް ނަސީރުކަން ކަށަވަރުވީ، ލަންކާގައި މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިގެން އެ މީހުންގެ މައުލޫމާތު ސާފުކުރުމުންނެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އުމުރުން 23 އަހަރުގެ އަފްހަމް މަރުވެފައި އޮއްވައި ފެނުނީ ވެއްލަވައްތަގެ ބީޗު ސަރަހައްދުން ރޭލު ދަގަނޑެއްގެ ކައިރިންނެވެ. އަފްހަމްގެ ހަށިގަނޑު ފެނުނުއިރު، އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ކައިރިން ފެނުނު ކަމަށް ވެ އެވެ.

ލަންކާގެ ދެހިވަލަ ބީޗުން މިއަދު ފެނުނު ހަށިގަނޑެއް ކައިރީ ބަޔަކު މަޑުކޮށްލައިގެން

ލަންކާގެ ދެހިވަލަ ބީޗުން މިއަދު ފެނުނު ހަށިގަނޑެއް ކައިރީ ބަޔަކު މަޑުކޮށްލައިގެން

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެއްލަވައްތަގެ ބީޗު ސަރަހައްދުން މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށާއި ހަށިގަނޑުން އެކި ވަރުގެ އަނިޔާތައް ފެންނަން ހުރި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ. އޭނާ ދިރިއުޅުނީ ލަންކާގެ ދެހިވަލާގަ އެވެ.

އަފްހަމް ލަންކާގައި އުޅުނު ގެ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޭނާއާ އެންމެ ފަހުން ބައްދަލުވީ ރޭ 11:00 ގައި ކަމަށެވެ. އޭގެ ފަހުން ލަންކާގެ ގަޑިން ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރު ވެސް އަފްހަމްގެ ރައްޓެއްސަކާ ފޯނުން ވާހަކަ ދެއްކި ކަމަށާއި ކަންބޮޑުވާން ޖެހޭ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށް އޭނާ ދިރިއުޅޭ ގޭގެ މީހަކު ބުންޏެވެ.

"ފޯނުން ވާހަކަ ދެއްކިއިރު އަދި މެސެޖުތަކުގައި ވެސް ޑިސްޓާބިން ވާހަކަތަކެއް ހުރި. މިއަދު ހެނދުނު އެކަން މި އެނގުނީ. އެހެންވެ، ފުރަތަމަ އެމްބަސީ އަށް އެންގުމުގެ ބަދަލުގައި ރާއްޖެ ކޮމިއުނިޓީ ގްރޫޕްގައި މި ޖެހީ އަފޫއާ ބައްދަލުވި މީހެއް ހުރިތޯ. އެގޮތަށް ވެސް ނެތީމާ އެމްބަސީއަށް މި އެންގީ،" އެ މީހާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ރޭގެ ވަކި ގަޑިއަކުން ފެށިގެން އަފްހަމްގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. އެހެން ނޫނީ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާ ކަމަށާއި ފޯނަށް ގުޅައިފި ނަމަ އަބަދުވެސް ޖަވާބުދޭ ކަމަށެވެ.