Roadha Mihaaru
ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް

ލަންކާ މުސްލިމުންގެ ކަންބޮޑުވުން ދިވެހި ސަރުކާރަށް ހުށަހަޅައިފި

17 ޑިސެމްބަރ 2020

ކޮވިޑް-19 ޖެހިގެން މަރުވާ އެންމެންގެ ހަށިގަނޑު އަންދަން ސްރީލަންކާ ސަރުކާރުން ހަދައިގެން އުޅޭ އުސޫލުން މުސްލިމުން އިސްތިސްނާކޮށް ނުދީ، މުސްލިމުން ރާއްޖޭގައި ވަޅުލަން ކުރާ މަޝްވަރާ އާ މެދު އެ ގައުމުގެ ބަައެއް މުސްލިމް ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހިގެން މަރުވާ އެންމެންގެ ހަށިގަނޑު އަންދަން ސްރީލަންކާ ސަރުކާރުން ހަދައިގެން އުޅޭ އުސޫލުން މުސްލިމުން އިސްތިސްނާކޮށް ނުދީ، މުސްލިމުން ރާއްޖޭގައި ވަޅުލަން ކުރާ މަޝްވަރާ އާ މެދު އެ ގައުމުގެ ބަައެއް މުސްލިމް ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު އަދި އެ ގައުމުގެ ޕާލަމެންޓް މެމްބަރު ރައޫފް ހަކީމް ވަނީ އެ މައްސަލައިގައި ދިވެހި ސަރުކާރަށް އީމެއިލްއެއް ވެސް ފޮނުއްވައިފަ އެވެ. ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގަށް ހަކީމް ފޮނުއްވި މެއިލްގައި ވިދާޅުވީ ލަންކާގެ މުސްލިމުން އެދެނީ ލަންކާ ސަރުކާރުން ގެންގުޅޭ ބޭއިންސާފު އުސޫލު ނިމުމަކަށް ގެންނަން ކަމަށެވެ. އެއީ އެއްގޮތަކަށް ވެސްް ސައިންޓިފިކް ހެކިތަކަކަށް ބިނާކޮށްގެން ކަނޑައަޅާފައިވާ އުސޫލެއް ނޫން ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން މިއީ އަޅުގަނޑުމެންގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވާ ހަމަހަމަކަން ނިގުޅައިގަތުމެވެ،" ސަފީރަށް ފޮނުއްވި މެއިލްގައި ހަކީމް ލިއުއްވި އެވެ.

ސަފީރަށް ފޮނުއްވި އީމެއިލްގައި ހަކީމް ވިދާޅުވީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި ޕާލަމެންޓް މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ އެހެން މެމްބަރުންނާ ވެސް އޭނާއާ ގާތް ގުޅުމެއް އެބަ އޮތް ކަމަށެވެ. ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ރާއްޖެއިން ހުށަހެޅީތީ ޝުކުރު އަދާކުރައްވާ ކަމަށާއި އެހެން ނަމަވެސް ލަންކާގެ މުސްލިމުން އެދެނީ އެ ގައުމުގެ ސަރުކާރުގެ ބޭއިންސާފު ނިންމުމަކަށް ގެނެސް މިހާރު ނިންމާފައިވާ ނިންމުން ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދަންނަވަން ޖެހެނީ، އަޅުގަނޑުމެން މުސްލިމުން އޭގެ ބަދަލުގައި [ލަންކާގެ މުސްލިމުން ރާއްްޖޭގައި ވަޅުލުމުގެ ބަދަލުގައި] ހަމައެކަނި އެންދުމުގެ ބޭއިންސާފު ސިޔާސަތު ސަރުކާރުން އަނބުރާ ގެންދަން ކަމަށެވެ. އެ ސިޔާސަތަކީ އެޕިޑެމިއޮލޮޖިކަލް އަދި ސައިންޓިފިކް ހެއްކަށް ބިނާކޮށް ހިންގާ ސިޔާސަތެއް ނޫނެވެ. އަދި އެއީ ކޮވިޑްގައި މަރުވާ މީހުންގެ ހަށިތަކާ މެދު އަމަލުކުރަން ޑަބްލިއުއެޗްއޯ އާއި ޔުނެސްކޯއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލަށް ބިނާކޮށްފައިވާ ސިޔާސަތެއް ވެސް ނޫނެވެ،" ސަފީރަށް ފޮނުއްވި މެއިލްގައި ހަކީމް ވިދާޅުވި އެވެ.

އޭނާ ވަނީ އެ އީމެއިލްގެ ސްކްރީންޝޮޓްތަކެއް އެޓޭޗްކޮށް، ޓްވިޓާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސަމާލުކަމަށް އެކަން ގެންނަވައިފަ އެވެ.